ލޯފަން ޒުވާނުން މ.ނާލާފުށީގައި, ސާބިތުކޮށްދިނީ ކުޅެދޭ ބައެއްކަން!

1200

ނާލާފުށި ސްކޫލް ހޯލަށް ހާޒިރުވެ ތިބި ރަށުގެ ޢާއްމުންނާއި, މުއައްސަސާތަކުގެ މުވައްޒަފުންގެ ކުރިމަތީގައި ބޭންކް އޮފް މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާގެ މުއާމަލާތެއް ފުރިހަމަކޮށްލިއެވެ. އަދި އެކަން ޔަޤީންކޮށްދިނުމަށް އެތަނުގއި ހުރި ލޯފަން އެހެން ޒުވާނަކަށް ސްލިޕް ވައިބަރ ކޮށްލިއެވެ. އެކައުންޓަށް ފައިސާ ލިބުމާއެކު އަޑު ހަރުކޮށް, އެންމެންނަށް އަޑު އިވޭވަރަށް ބުނީ އޭނާއަށް ޖަމާވި އަދަދެވެ. ދެމީހުންގެ ތެރެއިން އެކެއްގެ ލޮލަށްވެސް ނުފެނެއެވެ.

ދަތުރުގެ ބައިވެރިން ނާލާފުށި ކައުންސިލް ރައީސްއާއެކު

ތިންވަނަ ޒުވާނާ ހުޅުވާލީ ލެޕްޓޮޕެވެ. ހުޅުވާލުމަށްފަހު ފަރިތަކަމާއެކު ވޯޑް ހުޅުވާ ޓައިޕް ކޮށްލިއެވެ. އޭނާގެ ލޮލަކަށްވެސް ހަމަ ކުޑަކޮށްވެސް ނުފެނެއެވެ. ހޯލަށް ހާޒރުވެތިބި ގިނަ މީހުން ތިބީ ހައިރާންވެފައެވެ.

އެބޭފުޅުން މިތަނަށް އައިސް އެއުޅޭ އުޅުން އަޅުގަނޑުމެންނަށް އިހުސާސެއް ނުކުރެވޭ, ގަބޫލެއްވެސް ނުކުރެވޭ އެގޮތަށް އެބޭފުޅުން އުޅެފާނެކަމަކަށް. އަޅުގަނޑުމެންނަށް ދައްކަދީފި އެބޭފުޅުންނަކީ ހަމަ އަޅުގަނޑުމެންނެކޭ އެއްގޮތަށް ހުރިހާ ކަމެއް, ހަމައެކަނި ނުފެންނަނީއޭ, އެހެން ހުރިހާކަމެއް އަޅުގަނޑުމެން ކުރާ ބީދައިން ކުރެވޭނެ, ކުރާ ބައެއްކަން ސާބިތުކޮށްދީފި.

އަހުމަދު ޒުބެއިރު/ ނާލާފުށި ކައުންސިލް ރައީސް

ސެޝަނަށްފަހު ސެޝަންގައި ބައިވެރިވި ނާލާފުށި ކައުންސިލްގެ ރައީސް އަހުމަދު ޒުބެއިރު ވިދާޅުވިއެވެ. ލޯފަން ކުދިންގެ ޖަމްއިއްޔާގެ އަހަރީ ކޭމްޕްގައި މ.އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ދަތުރުގައި ދެވަނަ ދުވަސް ހޭދަކުރީ ނާލާފުށީގައެވެ. އެރަށުގައި ދެ ސެޝަނެއް ކުރިއަށް ގެންދިޔައެވެ. އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާ ހިއްސާކުރިއެވެ. މުޖުތަމައު ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ހިއްސާކޮށް, ގޮންޖެހުންތައް ކުޑަކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއެވެ. އަދި ހަގީގަތުގައި އެމީހުންނަކީވެސް ޢާއްމު ދިރިއުޅުމެއް އުޅެވޭނެ ބައެއްކަން ސބިތުކޮށްދިނެވެ.

ސެޝަނެއްގައި ގްރޫޕެއްގެ ހުށަހެޅުން ހުށަހަޅަނީ

ކައުންސިލް ރައީސް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ވަރަށްބޮޑު އިމްޕްރޫވްމަންޓެއް ލިބުނު ސެޝަނެއް ކަމަށެވެ. މިސެޝަންތަކުގެ ސަބަބުން ކައުންސިލުން ކުރިއަށް ރާވާ ކަންކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްކާމެދު މިހާރަށްވުރެ ބޮޑަށް ވިސްނަން ލޯހުޅުވިއްޖެކަމަށް ވިދާޅުވިއެވެ. ޕްރޮގްރާމްތައް ރާވާއިރު, ކައުންސިލްތަކުން އަޅަން ޖެހޭނެ ފިޔަވަޅުތައް ސާފްވެއްޖެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ކުރިން ނުލިބޭ ގިނަ މައުލޫމާތުތަކެއް ރަށުގެ ރައްޔިތުންނަށްވެސް ލިބިގެން ދިޔަކަން ފާހަގަކުރައްވާ ދެން ދެއްވީ ހުޅުވާލެވިފައިވާ ދައުވަތެވެ. އަދިވެސް ނާލާފުށްޓައް އައުމުގެ ދައުވަތާއެކު ޕްރޮގްރާމްތައް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ލޯފަން ކުދިންގެ ޖަމްއިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ސެޝަނެއްގައި ބައިވެރިން ހުށަަހެޅުންތައް ހުށަހަޅަނީ

ދަތުރުގައި ބައިވެރިވެ ސެޝަންތައް ނަގައިދިނުމުގައިވެސް ބައިވެރިވާ އަބުދުالله ޒިޔާއު އަށް ނާލާފުށި ފާހަގަކުރެވުނީ ކައުންސިލުން ވަރަށްބޮޑަށް އެއްބާރުލުން ދީގެން ސެޝަންތަކަށް ރައްޔިތުން ގެނައުމަށްވެސް ވަރަށްބޮޑަށް މަސައްކަތްކޮށްދެއްވި ރަށެއްގެ ގޮތުގައެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅުކަން ފާހަގަކޮށް ޒިޔާ ބުނީ މެންދުރު ފަހު ޢާއްމުންނަށް ހުޅުވާލި ސެޝަންގައި އުމުރުން ދުވަސްވީ މީހުންނާއެކު ގިނަ ބަޔަކު ބައިވެރިވި ކަމަށެވެ. އަދި މުއައްސަސާތަކަށް އަމާޒުކުރި ސެޝަންގައި ޒުވާނުންގެ ބައިވެރިވުން ބޮޑުކަން ފާހަގަކޮށް ބުނީ ޕްރޮޑަކްޓިވް ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

 ރަނގަޅު ހިޔާލުތަކެއް ހުށަހެޅި ވަރަށް ރަނގަޅު ސެޝަންތަކެއް ނާލާފުށީގައި މިކުރިއަށް ގެންދެވުނީ. ވަރަށް ފުރިހަމަކޮށް, ވަރަށް ބަރާބަރަށް މިގެންދެވުނީ.

އަބުދުالله ޒިޔާއު/ ޖަމްއިއްޔާގެ މެމްބަރެއް

ނާލާފުށިވެސް ފާހަގަކުރެވުނީ މެހުމާންދާރީ ވަރަށް ރަނގަޅު, ކައުންސިލް މެމްބަރުން އަބަދުވެސް ވަރަށް ކައިރިން މަސައްކަތްކުރެއްވި ރަށެއްގެ ގޮތުގައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.