ކައިވެންޏަށް އެދި 19 މީހުން ކައިރީ އަހަން ޖެހުން, ކުށަކީ ލޮލަށް ނުފެނުން!

4233

މިއަދަކީ ބައިނަލްޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މިއަދުވެސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އޮތީ ގޮންޖެހުމެވެ. ފުރިހަމަ މާނައިގައި އެފަދަ ފަރާތްތައް މުޖުތަމައުއިން ބަލައި ނުގަތުމެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުރީތީ ހަޔާތުގެ ބައިވެރިއަކު ނުލިބި އެތައް ބަޔަކު ރާއްޖޭގައި މިވަގުތުވެސް އެބަތިއްބެވެ. ބައިވެރިޔަކު ނުލިބިގެންނެވެ. ބައިވެރިޔަކު ލިބިއްޖެ ނަމަ އޭނާގެ އާއިލާގެ ރުހުން ނުލިބިގެންނެވެ. ނުވަތަ ވަލީ ވެރިޔާ ވަލީ ދޭން ދެކޮޅު ހަދާތީއެވެ. ހަޔާތުގެ ބައިވެރިއަކު ގެންގުޅެވިދާނެކަމާމެދު އުފެދޭ ޝައްކެއްގެ ބޮޑު ކަމުންނެވެ. އާއިލާއެއް ބެލެހެއްޓޭނެ ކަމުގެ ޔަޤީންކަން ނެތީއެވެ.

ލަތީފް އޭނާގެ ތަޖުރިބާ ބަޔަކާ ހިއްސާ ކުރަނީ

އެކަން ތަޖުރިބާކުރި އެކަކީ ފ.ނިލަންދޫ އަބުދުލް ލަތީފް އިބްރާހީމްއެވެ. މިއަދު އޭނާގެ އުމުރުން 39 އަހަރެވެ. އެއީ ވަފާތެރި ފިރިއެކެވެ. ހަތަރު ކުދިންގެ ބައްޕައެވެ. ޒިންމާދާރު ބެލެހެއްޓުން ތެރިއެކެވެ. އެކަމަކު ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުރީތީ އޭނާ ކުރަން ޖެހުނު ތަޖުރިބާ އަޑު އަހައިފިނަމަ ލޮލުން ކަރުނަ އަންނަވަރު ވެއެވެ.

އަޅުގަނޑުމެންވެސް ހަމަ ޅަދުވަސް ކަޑައްތުކޮށް ބޮޑަތި ވެފަ މިތިބީ, އަޅުގަނޑުމެންގެ ހިތުގައިވެސް ވިންދުތަކެއް ޖަހާނެ, އިހުސާސްތަކެއް ހުންނާނެ. އަޅުގަނޑު 18 އަންހެން ކުދިން ގާތުގައި އިންނަން އެހީމު, އަޅުގަނޑު މިހާރު މިއުޅެނީ އަޅުގަނޑު އެހި 19 ވަނަ މީހާއާ ކައިވެނިކޮށްގެން. އަޅުގަނޑަކީ މިއަދު ޒިންމާދާރު ބައްޕައަކީމް.

އަބުދުލް ލަތީފް އިބްރާހީމް

ޒިންމާދާރު ބައްޕައަކާ ހަމައަށް އަބްދުއްލަތީފަށް ވާސިލް ވެވުނީ ހިތްފަޅައިގެންދާފަދަ އެތައް ވާހަކަތެއް އެހުމަށްފަހުއެވެ. މީހާ މުޅިން ފޫހިކޮށްލާނެ އެތައް ޖަވާބުތަކެއް ލިބުމަށްފަހުއެވެ. ނާއުއްމީދުވާނެ އެތައް އެއްޗެއް އަޑުއެހުމަށް ފަހުއެވެ. އަބުދުއްލަތީފް ގަބޫލުކުރާ ގޮތުގައި މިއަދުވެސް އެހާލަތު އޮތީ އެކަމުގައި އެގޮތަށެވެ. ލޮލަށް ނުފެންނާތީ ހަޔާތުގެ ބައިވެރިއެއް ނުލިބި އޭނާގެ އެތައް ރަށްޓެހިންނެއް އެބަތިއްބެވެ. މިއަދު އަބުދުއްލަތީފްގެ މަސައްކަތަކީ އޭނާގެ އެކުވެރިންނަށް އޭނާއަށް ޖެހުނު ހާލަތު މެދުވެރި ވިޔަ ނުދިނުމަށް މަސައްކަތް ކުރުމެވެ.

އުފަން ރަށުގައި ދިރިއުޅެމުން މާލެ ގޮސް, މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކޮށް ކުރާ މަސައްކަތަކީ އޭނާގެ ތަޖުރިބާ ހިއްސާކޮށް މުޖުތަމައު ހޭލުންތެރި ކުރުވުމެވެ. އޭނާގެ އަސަރުގަދަ ވާހަކަ އިވި އެތައް ބަޔަކު ލޮލުން ކަރުނަ އާދެއެވެ. އެކަމަކު ހަގީގަތުގައި އަސްލު މައްސަލަ އަށް އެދެވޭ ހައްލެއް ނެތެވެ. އަބުދުއް ލަތީފްގެ ސުވާލަކީ އޭނާ ފަދަ މީހުންނަށްވެސް ކައިވެނިކޮށް, ދިރިއުޅުން އާރާސްތުކޮށް, ޒިންމާ އުފުލޭނެކަން ސާބިތުކޮށްދޭއިރުވެސް ފަސްޖެހެނީ ކީއްވެތޯ އެވެ?

ލަތީފް އޭނާފަދަ ލޯފަން އެހެން ބައެއް ޒުވާނުންނާއެކު

އަބުދުއް ލަތީފްގެ އަސަރުގަދަ ވާހަކަ އަކީ މީހުނާ އިނދެ, ދަރިން ހޯދާ ދިރިއުޅުން އާރާސްތު ނުކުރެވޭނަމަ, އެފުރުޞަތު ނުލިބޭނަމަ, އެކަމަށް ކުޅެދޭ މީހުން ނޫނެކޭ ބުނާ ނަމަ ގައިބާރު ދެރަވެ މުސްކުޅިވާދުވަހު އެމީހުންގެ ޒިންމާ އުފުލާނީ ކޮން ބައެއްތޯއެވެ. އެމީހުންނަށް އޯގާތެރިވާނެ, ދަރިން ބޭނުންވެއެވެ. އެކަން ވާން އޮތީ މުޖުތަމައުގެ ވިސްނުން ބަދަލުކޮށްގެންނެވެ. ހުރިހާ މާނައެއްގައިވެސް އެމީހުން ބަލައިގަނެގެންނެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ކައިވެންޏަށް އެދި 19 މީހުން ކައިރީ އަހަން ޖެހުން, ކުށަކީ ލޮލަށް ނުފެނުން!

  1. މަރުހަބާ.

Comments are closed.