އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމް- ދިވެހި ފުޓްބޯޅަ އަށް އުއްމީދެއް!

1228

ދިވެހި ފުޓްބޯޅަ އަށް އޮތީ އިންތިހާއަށް ފާޑުކިއުމެވެ. ގައުމީ ފުޓްބޯޅަ އިދާރާގެ ހިންގުމަށެވެ. އެއިދާރާ ހިންގަން ތިބި މީހުންނަށެވެ. ދިވެހި ގައުމީ ޓީމްގެ ނަތީޖާ ތަކަށެވެ. ގައުމީ ޓީމްގެ ނަތީޖާ ގޯހުން ގޯހަށް ދިއުމުން އުއްމީދެއް އޮތީ ރާއްޖޭގެ އެންމެ ހަރުދަނާ ފުޓްބޯޅަ ކްލަބް މާޒިޔާއާ ގުޅިފައެވެ. އެކަމަކު އޭއެްފސީ ކަޕްގައި އިންޑިޔާގެ ކްލަބެއް އަތުން ވީ ބޮޑު ބައްޔާއެކު އެ އުއްމީދުވެސް ހަގީގަތުގައި ފަނޑު ވެއްޖެއެވެ.

އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމް: ފޮޓޯ-ސިޑިބަރު

އޭގެފަހުން ދިވެހި ފުޓްބޯޅަ އަށް އުއްމީދެއް ގެނެސްދިނީ ފުޓްބޯޅައިގެ ރަށް, ބ.އޭދަފުށިންނެވެ. އެރަށު ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތުންނެވެ. އެމުބާރާތް ކުރިއަށް ގެންދިޔަ ސްޓޭޑިއަމްއިން ނެވެ. މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް, ރަށެއްގައި ރަށު މުބާރާތެއްގެ ޓިކެޓް ވިއްކާ އޭދަފުށިން ސާބިތުކޮށްދިނީ ފުޓްބޯޅަ އަށް އުއްމީދެއް އެބައޮތްކަމެވެ. ޓިކެޓް ހުސްވެ, ކަޅު ބާޒާރުގައިވެސް ޓިކެޓް ވިއްކިއެވެ. މިވަގުތު އޭދަފުށި ސްޓޭޑިއަމްގެ ޖާގަ އެއްކޮށް ފުލްވިއެވެ.

އޭދަފުށީގައި ހުރި ފުޓްބޯޅަ ސްޓޭޑިއަމްއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްއެވެ. އެންމެ ފުރިހަމަ ސްޓޭޑިއަމްއެވެ. ދަނޑުގެ ވިނަގަނޑާ ހަމައިން ޗޭންޖިންގ ރޫމާ ހަމައަށްވެސް މެއެވެ. ކޮންމެ ކުޅުންތެރިއަކަށް ތަޅުލެވޭ ކަބަޑަކާއެކު ޗޭންޖިންގ ރޫމް ހަދާފައިވަނީ އެންމެ ޒަމާނީ ފެންވަރަށެވެ. ރެފްރީންނަށް ޚާއްޞަ ރޫމާއި, މީޓިންގ ރޫމާއި, ޕްރެސް ރޫމާއި, ނަމާދުކުރަން ޚާއްޞަ ކޮޓަރިވެސް ސްޓޭޑިއަމްގައި ހިމެނެއެވެ. ޖިމްއާއި, ފިޓްނަސް މަސާޖްގެ ޚިދުމަތް މިމަރުހަލާގައި ލިބެން ނެތަސް އެކަމަށްވެސް ވަނީ ޖާގަ ކަނޑައަޅާފައެވެ.

އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމްގެ ޗޭންޖިންގ ރޫމް; ފޮޓޯ-ސިޑިބަރި

މިވަގުތު ސިޑިބަރި ހުރީ ސްޓޭޑިއަމްގެ އެއް ފަޅީގައެވެ. ރޮސްޓްރަމްއާއި, ވީއައިޕީ ސަރަހައްދު އަދި މީޑިޔާއަށް ޚާއްޞަ ސަރަހައްދާއެކު ކުޅިބަލަން ތިބޭ ފަރާތްތަކުގެ ސިޑިބަރިވެސް ތައްޔާރުކޮށްފައިވަނީ ޒަމާނާ ގުޅޭގޮތަށެވެ. ސަރަހައްދުތައް ވަކިކުރެވި, ބްލޮކްތައް ވަކިކޮށްފައެވެ. ކޮންމެ ގޮނޑިއެއްގައި ނަމްބަރު ޖަހާ ފާހަގަކޮށްފައެވެ. ދަނޑުގައި ލައިޓް ޖަހާ ރޭގަނޑުވެސް ކުޅެވޭނެ ވަރަށް ވަނީ ތަރައްޤީކޮށްފައެވެ. މިއީ އޭދަފުށީގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައަށްވެސް އުއްމީދެކެވެ. ދިވެހި ފުޓްބޯޅައަށް ފައިދާކުރާނެ ސްޓޭޑިއަމްއެކެވެ. އެކަން މިވަގުތުވެސް އޭދަފުށި މުބާރާތްތަކުގައި ކުޅެމުން އަންނަ 47 އަހަރުގެ އަބުދުލް މަޖީދު (މަޖިއްޓެ) ވެސް ފާހަގަކުރިއެވެ. އޭނާ ބުނީ ޓާފް ބޮޑު ފުޓްބޯޅަ ދަނޑެއްގައި ޒަމާނީ ވަޞީލަތްތަކާއެކު ކުޅުމުގެ ފުރުޞަތު ލިބުމަކީ އޭދަފުއްޓާއި, ރާއްޖޭގެ ފުޓްބޯޅައަށްވެސް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކުރިއަށްވުރެވެސް ބޮޑަށް އޭދަފުށިން ރަނގަޅު މޮޅު ކުޅުންތެރިންތަކެއް ފެނިގެންދާނެ. ގަބޫލުކުރަނީ ކުރިއަށް އޮތްތަނުގައި މިދަނޑުގައި ގިނަ މުބާރާތްތަކެއް ކުޅެވިގެންދާނެކަމަށް. އެހެންވީމަ ގިނަ ކުޅުންތެރިންތަކެއް އުފެދިގެންދާނެކަމާ މެދު އަޅުގަނޑުގެ ޝައްކެއް ނެތް.

އަބުދުލް މަޖީދު

ސިޑިބަރިން ދޫކޮށްލި މި ލިޔުމުގައިވާ ފޮޓޯތަކުން އެފެންނަ ސްޓޭޑިއަމްގެ މަސައްކަތް ފެށިތާ ފަސްވަރަކަށް އަހަރު ވީއެވެ. އަދި ރޮސްޓްރަމްއާއި ސިޑިބަރި ހިމެނޭ ސަރަހައްދު ނިންމީ ދެ އަހަރެއްހާ ދުވަހުންނެވެ. އިތުރު ފިޔަވަހިތައް އަދިވެސް ކުރިއަށް ހުރީއެވެ. މިއީ ސަރުކާރުގެ މަޝްރޫއެއް ނޫނެވެ. އޭދަފުށްޓަށް އުފަން އެރަށުގެ ވިޔަފާރިވެރިއެއްކަމަށްވާ ކްރައުން ނަޒީރުގެ ހަދިޔާއެކެވެ. އޭދަފުށި ރައްޔިތުން ޚާއްޞަކޮށް ޒުވާނުންގެ ހިތުގައި އޭނާއަށް އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.