ކ.ކާށިދޫ އަކީ އާޘާރީ ކަންތައްތަކަށް ބަލާއިރު ވަރަށް މުއްސަނދި ރަށެކެވެ. ރަށުގެ އަވަށް އޮތް ހިސާބުން ގާތްގަނޑަކަށް 1300 ފޫޓް ދުރުގައި “ކުރުހިންނަ ތަރާގަނޑު” ކިޔާތަނެއް އޮވެއެވެ. މިތަން ސައިންޓިފިކް ގޮތުން ކޮނެ ބެލީ 1996 ން ފެށިގެން 1998 ވަނަ އަހަރާ ހަމައަށެވެ. މަސައްކަތް ކުރެއްވީ, ނޯރވޭގެ އޮސްލޯ ޔުނިވަރސިޓީގެ ޕްރޮފެސަރ އެގިލް މިކަލްސަން ކިޔާ އާކިއޮލޮޖިސްޓެކެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މިމަސައްކަތުގައި އެހީވެވަޑައިގަތެވެ. މިތަން ދިރާސާކުރުމުން އެނގުނީ މިތަނަކީ މީލާދީން ގާތްގަނޑަކަށް 4 ވަނަ ޤަރުނުން ފެށިގެން އައިސް 10 ވަނަ ޤަރުނާ ހަމައަށް ބުޑިސްޓްދީނުގެ ވޭރެއްގެ ގޮތުގައި އެވޭލާގެ މީހުން ބޭނުންކުރި ތަނެއްކަމެވެ. މިތަނުން ބައެއް އިންސާނުންގެ ކަށިވެސް ފެނިފައިވެއެވެ. މިތަނުން އެއްކަށިގަނޑު ނޯރވޭއަށް ގެންގޮސް ކާބަންޑޭޓްކުރުމުން އެނގުނީ އެކަށިގަނޑަކީ މީލާދީން 9 ވަނަ ޤަރުނާއި 10 ވަނަ ޤަރުނާ ދެމެދުގައި މަރުވެފައިވާ މީހެއްގެ ކަށިގަނޑު ކަމެވެ.
ކާށިދޫ ކުރުހިންނަ ތަރާގަނޑު ކޮނެ ދިރާސާކުރުމަށްފަހު އެތަންވަނީ ރައްކާތެރިނުކޮށެވެ. ވީމާ, އެތާނގައިހުރި އާޘާރީ ތަރަހަތައް ވަރަށް ފަސޭހައިން ހަލާކުވެދާނެއެވެ. ސްރީލަންކާގެ ޕްރޮފެސަރ ސޭނަކަ ބަންޑާރަނަޔަކަ, 1998 ގައި މިތަން ބައްލަވައިފައި ވިދާޅުވެފައިވަނީ, މިތާނގައި ކުރިންހުރި އިމާރާތްތަކުގެ ތަރަހަތައް ވައްތަރުވަނީ ޕާކިސްތާނާ އަފްޣާނިސްތާނާ މިދެރަށުގައިހުރި އާޘާރީ ބުޑިސްޓް ބިނާތަކުގެ ޑިޒައިންއާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އަމިއްލަ ފާޑު އޭގެތެރެއަށް ވަދެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނޯޓް: މިލިޔުމަކީ 2004 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި ދިވެހިރާއްޖޭގެ އެވޭލާގެ ހަނދާންތަކުގެ ތެރެއިން “ދިވެހިރާއްޖޭގައި ހުރި އާޡާރީ ތަންތަން” މިފޮތުގައިވާ ލިޔުމެކެވެ. ވީޑިއޯ ރިޕޯރޓްގައި ބޭނުންކޮށްފައިވާ ވީޑިއޯ ތަކަކީ 12 މެއި 2023 ވަނަ ދުވަހު ނަގާފައިވާ ވީޑިއޯއެވެ.
