މ.ދިއްގަރު: މަޝްހޫރީ ރިހާާކުރާއި ޘަގާފީ ކުޅިވަރުން

732

މިރަށުގެ ވާހަކަ ފެށެނީ ރިހާކުރާ ހިސާބުންނެވެ. ދިއްގަރު ރިހާކުރަކީ ބްރޭންޑެކެވެ. އެރަށުގެ ބިމުން 2400 އަކަފޫޓް ކުއްޔަށް ދޫކޮށްފައިވަނީ މަސްކެއްކުމަށެވެ. ފުޅާދާއިރާއެއްގައި އެމަސައްކަތް ކުރިޔަސް ޑިމާންޑާ އެއްވަރަށް އުފެއްދޭ ވަރެއް ނުވެއެވެ. ދިއްގަރު ރިހާކުރު ހޯދަން އޮންނަ ކިޔު އެއަށްވުރެ ދިގެވެ. އެހެންކަމުން ދިއްގަރުގައި ރިހާކުރު ފެކްޓްރީ ފުޅާކުރަން ޖެހެއެވެ.

އުނދުން މަތީގައި ރިހާކުރު އޮލަކުރަނީ

ދިއްގަރަކީ ކުރިން މަސްވެރިކަމުގައިވެސް ރާއްޖޭގެ އެންމެ ކުރީގައި ހިމެނޭ އެއް ރަށެވެ. އެކަމަކި ޒަމާނީ މަސްވެރިކަމުގައި ދިއްގަރު ދިޔައީ ފަހަތަށް ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. ނަމަވެސް މިއަދުވެސް ދިއްގަރުގައި ރިހާކުރު ކައްކަނީ އެރަށުގެ އޮޑިފަހަރުން ބާނާ މަހުންނެވެ. ޖެހިގެން އޮތް މަޑުއްވަރިއަށްވެސް ދިއްގަރުން މަސްވިއްކައެވެ. ދިއްގަރު އޮންނަނީ މަސްވެރިކަމާއި ޑައިވްއަށް ޚާއްޞަ ޕޮއިންޓްތަކެއް ހިމެނޭ ސަރަހައްދެއްގައެވެ.

މަގެއްގެ ކަންމަތީގައި ދިއްގަރު އަންހެނުންތަކެއް އޮލަ ވާހަކާގައި

ރިހާކުރަށްފަހު ދިއްގަރުގެ ނަން ގުޅެނީ ޘަގާފީ ކުޅިވަރާއެވެ. ޘަގާފީ ކުޅިވަރުގެ ތެރެއިންވެސް ލަނގިރިއެވެ. ބޮޑު އީދުގައި ރަށުގެ ދެޖަމްއިއްޔާއިންވެސް އެހެން ރަށްރަށަށް ލަނގިރި ޖަހަން ދެއެވެ. އެކަމުގައި އަހަރުތަކެއް ވެއްޖެއެވެ. އެދަތުރުތައް ކޮށް ރަށްރަށުގައި އެކުޅިވަރު ކުޅުނު އެތައް ބަޔަކު އުމުރުން ދުވަސްވެ ނިޔާވެއްޖެއެވެ. އަދި މިއަދުގެ ޖީލަސް ހިތްވަރު ދިނުމުގައިވެސް އެބަތިއްބެވެ. އެހެން ބައެއް ރަށްރަށުގައިވެސް ލަނގރިި ޖަހައެވެ. އެކަމަކު ދިއްގަރު ލަނގިރި ތަފާތެވެ. ލަނގިރީގެ އިތުރުން ތާރަ ޖެހުމުގައިވެސް ދިއްގަރަކީ ފާހަގަކޮށްލެވުނު ރަށެކެވެ. އެކަމަކު އެކަން މިއީދުގައިވެސް ނުފެނެއެވެ.

ދިއްގަރު ޒުވާނުން ސަގާފީ ކުޅިވަރު ކުޅެނީ

ރަށުގެ މަގުތައް ހަންޏެވެ. އެކަމަކު ރަށަށް އަރައިގެން ދާއިރު ހިތްހަމަޖެހުން އިހުސާސްކުރެވެއެވެ. ރަށް ސާފްތާހިރުކޮށް ބާއްވަން ބޮޑު އިސްކަމެއް ދެއެވެ. ރަށުގެ ކޮންމެ މީހަކީ ރަހުމަތްތެރިއެއް ފަދައެވެ. ކޮންމެ މީހަކުމެ ވާހަކަ ދައްކައެވެ. ޚާއްޞަކޮށް އިސްރަށްވެހިންނެވެ. އުމުރުން ދިވަސްވީ މީހުން ބުނާގޮތުން އެރަށަކީ މެހުމާން ދާރީ އަދާކުރުމުގައި ނަމޫނާއެކެވެ. އަދި އެރަށުގެ މާހައުލަކީ އަމާން މާހައުލެކެވެ. ކުށުގެ ވެއްޓާ ދުރެވެ. އެކަން ތަޖުރިބާވެސް ކުރެވުނެވެ. މިރަށުގެ ޚާއްސަ ކަންތައްތަކުގެ ތެރޭގައި ކޮންމެ ރޯދަމަހެއްގެ ކޮންމެ ހުކުރު ދުވަހަކު އެންމެން އެކުގައި ރޯދަ ވީއްލުން ހިމެނެއެވެ. މިއީ ދެމިގެން އަންނަ ސަގާފަތެކެވެ.

ހިއްކި ސަރަހަދެއްގައި ހުރި ގަހެއްގެ ދަށުގައި ބަޔަކު މަޑުކޮށްލައިގެން

ދިއްގަރުގައި އަލަށް ހިއްކި ސަރަހައްދާއެކު ރަށުގެ އެކި ދިމަދިމާގައި 10 އަށްވުރެ ގިނަ ބީޗް އެބައޮތެވެ. އެއީ ޕްލޭންކޮށްގެން ތައްޔާރުކޮށްފައިވާ ބީޗްތަކެވެ. މޫދުއެރި މަޖާކޮށްލަން ރަނގަޅެވެ. މިރަށުގައި ގެސްޓްހައުސްއެއް ނެތެވެ. އެކަމަކު މީހުން ދިރިއުޅެ ގޭގެއިން ކޮޓަރި ލިބެއެވެ. ޢާއްމު އަގަކީ 450 ރުފިޔާއެވެ. މިރަށުގެ އާބާދީއަކީ 1460 އެއްހާ މީހުންނެވެ. އޭގެތެރެއިން ހާހެއްހާ މީހުން ރަށުގައި ދިރިއުޅެއެވެ.

ދިއްގަރާ މާލެއާ ދެމެދު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ދަތުރު ކުރެއެވެ. ލޯންޗްގައި ދެގަޑިއިރު ދެވެއެވެ. އެކަމަކު ޕެޓްރޯލް ޚަރަދު ކުޑަކުރަން މަޑުން ދުއްވާތީ އެއަށްވުރެ ގިނަ ވަގުތު ދަތުރަށް ހޭދަކުރަން ޖެހޭކަން ފާހަގަކުރެވުނެވެ. ޓިކެޓްގެ ޢާއްމު އަގަކީ ކޮޅަކަށް 600 ރުފިޔާއެވެ. މިވަގުތު އެއް ލޯންޗް 580 ރުފިޔާއަށް ދަތުރުކުރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.