ބ.ތުޅާދޫގައި މިދައުރުގެ ތެރޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެމަޝްރޫޢުގެ ދަށުން 100 ހައުސިންގ ޔުނިޓް ނިންމާ މިހާރު ވަނީ ހަވާލުކުރުމަކާ ހިސާބަށް އައިސްފައެވެ. އެމަސައްކަތް އެރަށުގައި ކޮށް ނިންމަނީ ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑުންނެވެ.
މިފަހަރު ތަފާތަކީ އަމިއްލަ ކުންފުނިން ބޮޑު މަޝްރޫޢު ނިންމުމަށްފަހު ރަށުން ފައިބާ ގޮތެވެ. މަޝްރޫޢު ނިންމާ ހަވާލުކުރުމަށް ބާކީ އޮތީ މަހެއްހާ ދުވަހެވެ. ބާކީ މަހެއް އޮއްވާ އެކުންފުނިން ތުޅާދޫ ކައުންސިލާއެކު އަދި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ސޮއިކުރި އެއްބަސްވުމަކީ އާދައިގެ އެއްބަސްވުމެއް ނޫނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ސޮއިކުރީ އެކޮމިޓީގެ ކަމަނަގޯތީގައި އިމާރާތެއް އަޅައިދިނުމަށެވެ. އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އަޅައިދޭ އެއިމާރާތުގައި ދެ ކޮޓަރިއާއި, މީޓިންގތަކާއި, އިވެންޓްތައް ބޭއްވުމަށް ޚާއްޞަ ހޯލަކާއި, ފިހާރައެއް ހިމެނެއެވެ. މިއީ ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަމިއްލަ ފައިމައްޗަށް ތެދުވުންކަމަށް އެކޮމިޓީން ދެކެއެވެ. މިއީ އެކޮމިޓީއަށާއި, ތުޅާދޫއަށް ކޮށްދޭ އަގުނުކުރެވޭނެ ބޮޑު ޚިދުމަތެއްކަމަށް ތުޅާދޫ ކައުންސިލުން ދެކެއެވެ.
ތުޅާދޫ އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ދޫމާ އަބުދުލްކަރީމް ވިދާޅުވީ އެކޮމިޓީން އަމިއްލައަށް އެތަނުގައި އިމާރާތެއްކުރަން ކިތަންމެ ދުވަހަކު އުޅުނަސް ކާމިޔާބު ނުވާނެ ކަމަށާއި, އެފޯރުންތެރިކަން ނެތްކަމަށެވެ. އެހެންކަމުން މިއީ ފްލެކްސް އިންކްއިން ކޮށްދިން ވަރަށްބޮޑު ޚީދުމަތެއްކަމަށެވެ. އޭނާ އަންދާޒާ ކުރައްވާ ގޮތުގައި އެއިމާރާތުގެ އަގު 1.7 މިލިއަން ރުފިޔާއަށް އަރާނެއެވެ. އެއިމާރާތުގެ ސަބަބުން ރަށަށް އަންނަ މެހުމާނުން މަޑުކޮށްލާނެ ތަނެއްގެ ކަންތައް ހަމަޖެހި, އިވެންޓްތައް ބޭއްވުމަށް އޮތް ދަތިކަމަށްވެސް ހައްލު ލބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފިހާރައާއެކު ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ މަގު ތަނަވަސްވާނެކަން ފާހަގަކުރެއްވިއެވެ.
ފްލެކްސް އިންކް ކުންފުނީގެ ފަރާތުން އެވަރުގެ ކަމެއް އަޅުގަނޑުމެންނަށް ކޮށްދެއްވީތީ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ މަހު ފަހިވެގެން އެދަނީ. މިކަން އަޅުގަނޑުމެން ބަލައިގަންނަނީ ހަމަ ހިތުގެ އަޑިން.
ދޫމާ އަބުދުލް ކަރީމް/ ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
ފްލެކްސް އިންކް ޕްރައިވެންޓް ލިމިޓެޑުން ދެން ސޮއިކުރި އެއްބަސްވުމަކީ ޑްރައިވިންގ ޓްރެކެއް އަޅައިދިނުމުގެ އެއްބަސްވުމެވެ. ތުޅާދޫ ކައުންސިލާއެކު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން އަޅާ ޓްރެކްގެ އަގުވެސް ފައްލައްކަ ރުފިޔާއަށްވުރެ ކުޑަ ނުވާނެކަމަށް ކައުންސިލްގެ ނައިބުރައީސް މުޙައްމަދު އަލީ މަނިކު އަންދާޒާ ކުރައްވައެވެ. އޭނާ ވިދާޅުވީ މިއީ ކައުންސިލުން ބޭނުންވެ އެކަމަކު އެކައުންސިލްގައި އެޤާބިލްކަން ނެތުމުން ހާސިލްނުކުރެވި އޮތް ކަމެއްކަމަށެވެ.

ކައުންސިލް ނައިބުރައީސް ވިދާޅުވީ މިޑްރައިވިންގ ޓްރެކްގެ ސަބަބުން ބ.އަތޮޅު ގޮއިދުއާއި, ފެހެންދުއާއި, ފުޅަދޫގެ އިތުރުން ހިތާދޫގެ ރައްޔިތުންނަށްވެސް ފައިދާ ކުރާނެކަމަށެވެ. ޑްރައިވިންގ ޓްރެކް ނިމުމުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އެއްގަމު އުޅަނދު ދުއްވޭވަރުގެ ލައިސަންސް ތުޅާދޫން ދޫކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ޑްރައިވިންގ ޓްރެކް އަޅައިދިނުމުގެ އިތުރުން އޭނާ ފާހަގަކުރެއްވީ ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދިޔަ މުއްދަތުގެ ތެރޭގައިވެސް ކައުންސިލުން އެދުނު ކޮންމެ ކަމެއްގައި އެކުންފުނިން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމެވެ. ކައުންސިލްގެ ނައިބުރައީސް ވިދާޅުވީ ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑަކީ ނަމޫނާ ކުންފުންޏެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެރަށުގައި މަޝްރޫޢުތައް ކުރިއަށް ގެންދަން އަންނަ ކުންފުނިތަކަކީ އެފަދަ ކުންފުނިތަކަސްވުން އެދޭކަމަށް ވިދާޅުވިއެވެ.
ތުޅާދޫގެ ތާރީޚުގައިވެސް މިވީހާތަނަކަށް އަދިއެއް އަމިއްލަ ކުންފުންޏެއްގެ ފަރާތުން އައިސް ހިލޭސާބަހަށް މިވަރުގެ ކަމެއް ކޮށްދީފައެއް ނެތް. އެހެންވީމާ ފްލެކްސްއިންކް އަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ހަމަ ވަރަށް ނަމޫނާ ކުންފުންޏެއް ކަމުގައި އަޅުގަނޑު ދެކެނީ.
މުހައްމަދު އަލީ މަނިކު/ ތުޅާދޫ ކައުންސިލްގެ ނައިބުރައީސް
ދެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފްލެކްސް އިންކް ޕްރައިވެޓް ލޮމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހު ޝަރީފް ވިދާޅުވީ ސޮއިކުރުމުން ނިމުނީ ނޫންކަމަށާއި, ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާ ހަވާލުކުރާނެކަމަށެވެ. އަދި އެކުންފުނިން ބޭނުންވީ ތުޅާދޫގައި ހަތަރު އަހަރު ހޭދަކޮށް ފައިބައިގެންދާއިރު ރަށަށް ޚިދުމަތެއްކޮށްދީފައި އެނބުރި ދާންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތުޅާދޫ ރައްޔިތުންނަކީވެސް އަދި ކައުންސިލަކީވެސް އެކުންފުންޏާ ވަރަށް ގާތް ބައެއްކަމަށެވެ.

އަޅުގަނޑުމެންވެސް މިރަށުގައި މިހާބޮޑު ޕްރޮޖެކްޓެއް ހަތަރު ވަރަކަށް އަހަރު ހިންގާފަ ފައިބާއިރު އަޅުގަނޑުމެންވެސް ވިސްނީ އަޅުގަނޑުމެންގެވެސް ޒިންމާއެކޭ އިޖުތިމާއީ ޒިންމާގެ ދަށުން އެބޭފުޅުންނަށް ކޮންމެސްކަމެއް ކޮށްދިނުން. މިއީދެން މިވަގުތަށް އެބޭފުޅުންނަށްވެސް އެންމެ މުހިއްމު, ފައިދާހުރި ކަންތަކަށްވާތީ މިކަންކޮށްދެނީ.
ނަޖާހު ޝަރީފް/ ފްލެކްސްއިންގެ މެނޭޖިންގ ޑިރެކްޓަރ
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޖެހިގެން އައި ދުވަހު ހެނދުނު އަމަލީ މަސައްކަތް އެކުންފުނިން ވަނީ ފަށާފައެވެ. އެކުންފުނިން ތުޅާދޫގައި ކުރިއަށްގެންދާ މަޝްރޫއަކީ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމެވެ.

މިއީ ތުޅާދޫގެ ރައްޔިތުން ނަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ފައިދާއެކެވެ. އަދި ތިޔަކުންފުނިން ތިޔަދައްކައިދިނީ ވަރަށް ރީތި ނަމޫނާއެކެވެ. ކުންފުނީގެ އިސްވެރިންނަށް ޝުކުރިއްޔާ އެވެ.