22 އަހަރުގެ ޒުވާނާ ވިޔަފާރީގެ ތެރެއިން ދަސްކުރީ ރަޝިޔާ ބަސް

2445

ފޮޓޯގައި އެވަނީ 22 އަހަރުގެ މުޙައްމަދު ޔާފިޒުއެވެ. ކުރާ މަސައްކަތަކީ އުފަން ރަށް އއ.ތޮއްޑޫގައި ފަތުރުވެރިންނަށް ދިވެހި އުފެއްދުންތައް ވިއްކުމެވެ. ފަތުރުވެރިންނަށް ޚާއްޞަ ބީޗަށް ވަންނަ ސަރަހައްދުގައި ކައުންސިލުން ދޫކޮށްފައިވާ ދެ ގާޑިޔަލުގެ ތެރެއިން އެއް ގަޑީޔަލުގައި ވިޔަފާރި ކުރަމުން އެދަނީ އެ ޒުވާނާއެވެ.

ޔާފިޒު ފަތުރުވެރިންނަށް ޚިދުމަތްދޭ އޭނާގެ ގާޑިޔަލުގައި

ޒުވާން ވިޔަފާރިވެރިޔާ ފަތުރުވެރިންނަށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ކުރުނބާ, ދޮންކެޔޮ, ފެޝަންފުރުޓް, ކަރާ ހިމެނެއެވެ. މިއީ މުޅިންވެސް ތޮއްޑޫގެ އުފެއްދުންތަކެވެ. މީގެތެރެއަށް އިތުރުވަނީ އަނބެވެ. މިވަގުތު އޭނާގެ ގާޑިޔަލުން ލިބެންހުރީ އިންޑިޔާ އަނބެވެ. އެއީ ތޮއްޑޫން ބޭނުންވާ މިންވަރަށް އަނބު ނުލިބޭތީއެވެ. މިބާވަތްތަކުގެ ތެރެއިން ފަތުރުވެރިންނަށް އެންމެ ކަމުދަނީ ފަޅޮލާއި, ފެޝަން ފުރުޓާއި, ފޮންކޭލެވެ. މި ވިޔަފާރީގައި ޔާފިޒު މަސައްކަތްކުރާތާ މިހާރު ދެއަހަރެއް ވަރުވީއެވެ. ފުރަތަމަ މަސައްކަތް ފެށީ ފަތުރުވެރިން މޫދު އެރޭ ދިމާލުން ތޮއްޑޫ ވަށައިގެން އޮންނަ މަގުގައި މޭޒެއް ބަހައްޓައިގެންނެވެ. އެކަމަކު ކައުންސިލުން ކުއްޔަށްދޫކޮށްފައިވާ ތަނުގައި, އެތެރޭގައި ގާޑިޔަލުގެ ވިޔަފާރި ފެށުމުން ވިޔަފާރި ވަރަށްބޮޑަށް ފުޅާވެ ލިބޭ އާމްދަނީ ބޮޑުވެފައިވާކަން ޔާފިޒު ފާހަގަކުރިއެވެ.

މަސައްކަތުގެ ތެރެއިން ހޯދި އެންމެ ބޮޑު ކުރިއެރުމަކީ ރަޝިޔާ ބަސް ދަސްކުރުމެވެ. ތޮއްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައަކީ ރަޝިޔާ ފަތުރުވެރިންނެވެ. ޔާފިޒު ރަޝިޔާ ބަސް ދަސްކުރީ ވިޔަފާރީގެ ތެރެއިންނެވެ.

ބަސްދަސްކުރީ އެމީހުންނާ ވާހަކަ ދައްކާ, ދައްކާ. އެމީހުން ގިނަވޭ, އެގޮތަށް ވާނެތާ ދެން އެމީހުން ބަހުން ވާހަކަދައްކާ މީހަކު އުޅެންޏާމް.

މުޙައްމަދު ޔާފިޒު/ ޒުވާން ވިޔަފާރިވެރިއެއް

ރަޝިޔާ ބަސް ދަސްވުމަކީ ވިޔަފާރިއަށްވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެކެވެ. ޔާފިޒު ވިޔަފާރި ކުރާ ސަރަހައްދުގައި ދެގާޑިޔާ ހުރެއެވެ. ރަޝިޔާ ބަހުން ވާހަކަ ދައްކަން އިނގުމަކީ ވިޔަފާރި އިތުރަށް ރަނގަޅުވުމަށް މެދުވެރިވި ވަރަށްބޮޑު ސަބަބެއްކަން ޔާފިޒު ފާހަގަކުރިއެވެ. ޒުވާން އުމުރުގައި ފެށި ވިޔަފާރީގެ ނަފާ ރަނގަޅެވެ. ޔާފިޒު ބުނީ ސީޒަން ތެރޭގައި ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭކަމަށެވެ. ނަމަވެސް އޮފް ސީޒަންގައި އާމްދަނީ ދަށެވެ.

ވިޔަފާރީގައި ކުރިއަރާ ދިއުމުގެ އުއްމީދުގައި ހުރި ޒުވާނާ ބުނީ ފަތުރުވެރިންގެ ފަރާތުން ލިބެނީ ރަނގަޅު ކޮމެންޓްތައްކަމަށެވެ. އަދި ފަތުރުވެރިންގެ ފަރާތުން ފެންނަނީ ހިތްހަމަޖެހުންކަމަށެވެ.  ޒުވާން ޔާފިޒުއަށް އެދެނީ ކާމިޔާބެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.