މުޅި ކޮޅުފުށި ބަދަލުކޮށްލާނެ ފަތުރުވެރިކަމުގެ މަޝްރޫޢު!

1792

ކޮޅުފުށްޓަށް ބަނދަރު ކުރުމާއެކު މުޅިންވެސް ފެންނަނީ ރަށު ކައުންސިލްގެ ހަރަކާތެރިކަމާއި, ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކެވެ. ރަށަށް ފައިބަން ހަދާފައިވާ ޖެޓީއަކީ ސައްތައިން ސައްތަ ކައުންސިލްގެ މަސައްކަތެކެވެ. އެއީ ރަށަށް އަރާ ފައިބާ ފަރާތްތަކަށް ބޮޑު ފަސޭހައެކެވެ. ރަށަށް އަރާ ފައިބާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޖެޓީގެ ކަނާތްފަރާތުގައި ސިމެންތިން ކަނޑާ ނަގާފައިވަނީ ކޮޅުފުށީގެ ނަމެވެ. އިނގިރޭސި އަކުރުތަކުން ރަށުގެ ނަން ފެންނަން ހުރުމުން އައިބުކަމެއް ހުއްޓަސް ރަށުގެ ދިދައާއި, ޤައުމީ ދިދަ ވިހުރެމުންދާއިރު ރަށުގެ މޫނުމަތި ހިތްގައިމެވެ. މީގެއިތުރުންވެސް ރަށުގެ މޫނުމަތި ރީތިކޮށް ނަލަކުރުމަށްވެސް ކައުންސިލުން ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. ރަށުގެ މޫނުމަތީގައި ބަނދަރު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ކުޑަކުދިންގެ ޕާކަކީވެސް ޔޫތް މިނިސްޓްރީން ކުޅޭ ސާމާނު ދިނުމުން ކައުންސިލުން ބޮޑު ހޭދައެއްކޮށްގެން ހަދާފައިވާ ޕާކެކެވެ.

ކޮޅުފުށި ކައުންސިލުން ހަދާފައިވާ އެރައިވަލް ޖެޓީ

ކުޅިވަރުގެ ދާއިރާއިންވެސް ކޮޅުފުށި ކައުންސިލުން ކޮށްފައިވަނީ ތައުރީފް ހައްޤު މަސައްކަތްތަކެކެވެ. ރަށްރަށުގައި ޔޫތް މިނިސްޓްރީން ވޮލީކޯޓްތަކާއި, އައުޓްޑޯ ޖިމްތައް ތަރައްޤީކުރަމުން ދިޔަނަމަވެސް ކޮޅުފުށީގައި ވޮލީކޯޓާއި, ޖިމްވެސް ތަރައްޤީ ކޮށްފައިވަނީ ސީދާ ކައުންސިލުންނެވެ. މިހާރުގެ ކައުންސިލް އިންތިޚާބުވެ ޖިމް ތަރައްޤީކުރީ 2021 ވަނަ އަހަރުއެވެ.

އައުޓްޑޯ ވޮލީކޯޓަކީ މިއަހަރު އަތޮޅު ވޮލީމުބާރާތް ބާއްވަން ވެގެން ހަމަ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހަދާ ނިންމާފައިވާ ޕްރޮޖެކްޓެއް.

އަބުދުލް އަލީމް/ ކޮޅުފުށި ކައުންސިލްގެ ރައީސް

ކޮޅުފުށްޓަކީ ވާރޭ ވެހިއްޖެނަމަ ވަރަށްބޮޑު ފެންބޮޑުވާ ރަށެކެވެ. އެކަން ހައްލުކުރުމަށް ފެން ހިންދާ ނިޒާމް ޤާއިމްކުރީވެސް ކައުންސިލުންނެވެ. ނަތީޖާއަކީ ފެންބޮޑުވުމުގެ މައްސަލައަށް ވަރަށްބޮޑު ހައްލެއް ލިބުމެވެ.

ކޮޅުފުށި ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ސުނާމީ ބިނާ

ކޮޅުފުށްޓަކީ ސުނާކީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. 2022 ވަނަ އަހަރު ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ރަސްމީ ގޮތުން ފާހަގަކުރީ ކޮޅުފުށީގައެވެ. އެދުވަހުގެ ރަސްމިއްޔާތަށް ކޮޅުފުށި ކައުންސިލުން ވަނީ ސުނާމީ ބިނާއެއް ބަނދަރު ސަރަހައްދުގައި ބަހައްޓާފައެވެ.

އެއީ އަޅުގަނޑުމެން މިރަށުން ނިޔާވި ސަތާރަ މީހުންގެ ހަނދާނުގައި.

އަބުދުލް އަލީމް/ ކޮޅުފުށި ކައުންސިލްގެ ރައީސް

ތައުލީމީ ދާއިރާއިން ބަލާއިރު ޕްރީސްކޫލްގެ ކުޅޭ ސަރަހައްދު ތަރައްޤީކޮށްދިނީވެސް ރަށު ކައުންސިލުންނެވެ. އަދި ކޮޅުފުށީގައި ހުންނަ އަތޮޅު މަދަރުސާއަށްވެސް ކައުންސިލުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަތޮޅޫ މަދަރުސާއަށް ކައުންސިލް ބޮޑު ހޭދައެއް ކުރެއެވެ.

މީގެއިތުރުން ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް މިސްކިތްތައް މަރާމާތު ކުރުމަށް ކޮޅުފުށި ކައުންސިލުން ބޮޑު އިސްކަމެއް ދެއެވެ. މިދިޔަ 2022 ވަނަ އަހަރާއި މިހިނގާ 2023 ވަނަ އަހަރުވެސް އެކަމަށް ބޮޑު ހޭދައެއް ކުރިކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. އެގޮތުން ރަށުގެ ހުރިހާ މިސްކިތެއްގައި ކުރަންހުރި ހުރިހާ މަރާމާތެއް ކުރިކަމަށް ކައުންސިލް ރައީސް އަބުދުލް އަލީމް ވިދާޅުވިއެވެ. ކޮޅުފުށި ކައުންސިލް ފާހަގަކުރެވެނީ ރަށުގެ ހުރިހާ މުއައްސަސާތަކަށްވެސް މާލީގޮތުންވެސް އެހީތެރިވާ ކައުންސިލެއްގެ ގޮތުގައެވެ.

ފެންނަން އެއޮތް ރަށަކީ ކޮޅުފުށި ކައުންސިލުން ބަޔަކަށް ކުއްޔަށްދީގެން ތަރައްޤީކުރާނެ ރިސޯރޓް

މިހުރިހާ ޕްރޮޖެކްޓްތަކަށްވުރެ ބޮޑަށް ކައުންސިލްގެ އުއްމީދުތައް މިހާރު ގުޅިފައިވަނީ ކޮޅުފުއްޓާއި އެއްފަޅެއްގެ ތެރޭގައިވާ ފަޅުރަށް “.ދިއްތުނޑި” ޓޫރިސްޓް ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރުމާއެވެ. އެރަށް ތަރައްޤީކުރަން ހުޅުވާލާ މިހާރު ކުރިއަށްދަނީ ބިޑް މަރުހަލާއެވެ. އެރަށް ތަރައްޤީކުރުމަށް އެއް ފަރާތަކުން ވަނީ ބިޑް ހުށަހަޅާފައެވެ.

އަޅުގަނޑު ޤަބޫލުކުރަނީ މިކަމުގެ ސަބަބުން އިޤްތިސާދީގޮތުންނާއި, ވަޒީފާގެ ގޮތުން ވަރަށްބޮޑު ކުރިއެރުމެއް މިރަށަށް އަންނާނެކަމަށް. ތަރައްޤީއަށް އިތުރު ކަންކަން އަޅުގަނޑުމެންނަށް ކުރެވިގެންދާނެކަމަށް.

އަބްދުލް އަލީމް/ ކޮޅުފުށި ކައުންސިލްގެ ރައީސް

ކޮޅުފުށި ކައުންސިލްގެ މިމަޝްރޫޢު ވެގެންދާނީ މިމޮޑެލްގައި ކައުންސިލަކުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫއަށެވެ. މިއީ މުޅި ކުޅޮފުށި ބަދަލުކޮށްލާނެ މަޝްރޫއަކަށް ވާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.