ރަށުގެ ރަޖިސްޓްރީގެ މުޅި ލިސްޓްގައި އޮތީ 320 މީހުންގެ ނަމެވެ. އެއީ އަދި ރަށުގެ ވަޒަންވެރިންނެއް ނޫނެވެ. ރަށުގައި ދިރިއުޅޭ ވަޒަންވެރިންގެ އަދަދަކީ އޭގެތެރެއިން 200 އެއްހާ މީހުންނެވެ. ތަފާތު ވަޒީފާތަކުގައި އުޅޭ ބިދޭސީންނާއި, މަސައްކަތްތަކުގައި ފެހެންދޫއަށް އައިސް އުޅޭ މީހުންގެ ޖުމްލަ އެއްކޮށްލުމުން ތިންސަތޭކައެއްހާ މީހުން އަބަދުމެ ރަށުގައި އުޅޭނެއެވެ.

ފެހެންދޫއަކީ މިހާރު ލޯކަލް ޓޫރިޒަމްގައި ކުރިއެރުން ހޯދަމުން އަންނަ ރަށެކެވެ. ލޯކަލް ޓޫރިޒަމްއަށް ފައްކާކުރަމުން އަންނަ ރަށެކެވެ. މިރަށުގައި މިވަގުތު ހަތަރު ގެސްޓް ހައުސް އެބަހުއްޓެވެ. އާބާދީ މަދަސް ރަށުގައި ހުރި ދެ ކެފޭގެ ވިޔަފާރި ގޯހެއް ނޫނެވެ. މިއީ ކުށްމަދު ހަމަހިމޭން މާހައުލެއް އޮތް ރަށެކެވެ. ހަލަބޮލި މާހައުލަކުން ދުރަށް ޖެހިލަން ރަނގަޅު މާހައުލަކަށް ފެހެންދޫ ވާނެއެވެ.
ތަރައްޤީގެ ސަފުން ބާކީވެފައި އޮތް މިރަށުގައި މިހާރު ބަނދަރެއް ހަދާ, ލަފާފުރުމުގެ ދަތިކަން ހައްލުކޮށްފިއެވެ. މިއީ މިރަށުގައި ބަނދަރެއް ހެދި ފުރަތަމަ ފަހަރެވެ. އެންމެ އަސާސީ އެއް ޚިދުމަތްކަމަށްވާ ފެނާއި ނަރުދަމާ ޤާއިމްކުރަން ފަށައިފިއެވެ. އެކަމަކު މިވަގުތު މަސައްކަތް މެދުކެނޑިފައި އޮތުމަކީ ރަށު ކައުންސިލާއި ރައްޔިތުންގެވެސް ކަންބޮޑުވުމެކެވެ. ކުޅިވަރު ކުޅުމަށް އަޅާފައިވާ ފުޓްސަލް ދަނޑު ޒުވާނުން ދަނީ ބޭނުންކުރަމުންނެވެ. ކުރިއަށް އޮތް އެންމެ މުހިއްމު މަޝްރޫއަކީ މިސްކިތެއް އެޅުމެވެ. ބަޖެޓްކުރެވިފައި އޮތް އެމަޝްރޫއު އަވަހަށް ފެށުން އެއީވެސް ކައުންސިލްގެ އުއްމީދެކެވެ.

މާލެއިން ފުރައިގެން ފެހެންދުއަށް ދާނަމަ ސްޕީޑް ލޯންޗްގައި ދޮޅުގަޑިއެއްހާއިރުގެ ދަތުރަކުން ދެވޭނެއެވެ. އެކަމަކު އެކަމަށް ދެކޮޅަށް 1200 ރުފިޔާ ޚަރަދުވާނެއެވެ. ޖެހިގެން ކައިރީގައި މީހުން ދިރިއުޅޭ ދެރަށް އެބައޮތެވެ. އެއީ ގޮއިދުއާއި ފުޅަދުއެވެ. ގޮއިދުއަށް ހަތަރު މިނިޓުން އަދި ފުޅަދުއަށް ހަތް މިނިޓުން ދެވޭނެއެވެ. ދަތުރު ފުރިހަމަކޮށްލަން މިއީ ޕްލޭންގައި ހިމަނާލެވިދާނެ ކަމެކެވެ. ފެހެންދޫއަށް ދާނަންތޯ ކުޑަކޮށް ވިސްނާލާށެވެ.
