ބ.ގޮއިދުއަށް އެންމެ މުހިއްމުވީ ފެނާއި ނަރުދަމާ, އެކަން ނިމިއްޖެ!

876

މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ފެށޭ ހިސާބަކީ ގައިން ތާހިރުވުމެވެ. އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ. އެއާއެކު އަމަލީގޮތުން އެމަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރައްވަމުންނެވެ. އެއީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމެވެ. އެޚިދުމަތް ދިނުމެވެ. އަށްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ.ގޮއިދޫ ހިމެނެނީ މިހިސާބަށް އައިއިރު އެމަސައްކަތް މުޅިން ނިމިފައިވާ ރަށެއްގެ ގޮތުގައެވެ. ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިއްމުވީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ނިމިއްޖެކަމަށެވެ. އެއީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

ތަރައްޤީގެ ޕްރޮޖެކްޓްތައް މިރަށުގައި ހަމަ އެބަހިނގާ. ވަރަށްފަހުން ހަމަ ނަރުދަމާގެ ޚިދުމަތް, އެއީ ރައްޔިތުން ހަމަ އެންމެބޮޑަށް ބޭނުންވި އެއްކަންތަކަކީ. އަޅުގަނޑުމެން ކައުންސިލަށް އައިންސުރެ އެންމެބޮޑަށް ދެކެވޭ ވާހަކައަކީ ރަށުގެ ނަރުދަމާ, ފެނާ ނަރުދަމާ. ދެން އެކަން މިހާރު މިއޮތީ މިސަރުކާރުން އަޅުގަނޑުމެންނަށް ނިންމަދީފަ. އެކަމަށްޓަކައި މިސަރުކާރަށް އަޅުގަނޑުމެން ހަމަ ޝުކުރު އަދާކުރަން

މުޙައްމަދު ނާފިޒު/ ގޮއިދޫ ކައުންސިލްގެ ނައިބުރައީސް

އެއާއެކު ދެން ވިދާޅުވީ ނިސްބަތުން އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ދައުރަކަށް މިދައުރު ވާނެކަމަށެވެ. ލިސްޓް ޙިއްސާކުރެއްވިއެވެ. ކުޅިވަރުގެ ރަށް, ގޮއިދޫގެ ކުޑަކުދިންނާއި, ޒުވާނުން އުއްމީދުކުރަމުން, އިންތިޒާރުކުރަމުން އައި ސްކޭޓް ޕާރކް އަޅާ ނިންމައިފިއެވެ. އެޕާރކްގައި ރަށުގެ ކުޑަކުދިންނާއި ޒުވާނުން ހުނަރު ތަރައްޤީކުރަނީއެވެ. ކުރިންވެސް ރަށުގައި ބޭނުންކުރަމުން އައި ފުޓްސަލް ދަނޑު އަޕްގްރޭޑްކޮށް, މަރާމާތުކޮށްފިއެވެ. އެކަމުގައި ކައުންސިލްގެ ދައުރު ބޮޑެވެ. ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރީވެސް ކައުންސިލްގެ ވަރަށްބޮޑު ބައިވެރިވުމަކާ ދައުރެއް ސީދާގޮތުން އޮވެގެންނެވެ. އެއީ ޔޫތް މިނިސްޓްރީން ކުޅޭ ސާމާނު ދެއްވުމުން, ކައުންސިލުން ތަރައްޤީކޮށް ނިންމި ޕާރކެކެވެ. އައުޓްޑޯ ޖިމް ތަރައްޤީ ކުރީ ޔޫތް މިނިސްޓްރީންނެވެ. ކުޅިވަރުގެ ރަށް ގޮއިދޫގެ ކޮންމެ މީހަކީ ހަރަކާތްތެރި މީހަކަށް ވުމަށް އެއީ ވަރަށްބޮޑު އެހީއެކެވެ.

ގޮއިދޫ ކުޑަކުދިންގެ ޕާރކް

މިއާއެކު ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުމެއްވެސް އެބައޮތެވެ. އެއީ ވޮލީބޯޅައަށް ޚާއްޞަ ފޯރިއަކާއި, ޝައުޤެއް އޮތް ރަށުގެ ވޮލީކޯޓްގެ މަސައްކަތް މެދުކެނޑުފައި އޮތުމެވެ. ކޯޓް ނިންމަން ބޭނުންވާ ސާމާނު ރަށަށް ގެންގޮސްފައިވީ ނަމަވެސް މިވަގުތު މަސައްކަތް ވަނީ މެދުކެނޑިފައެވެ. ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި މަސައްކަތް މެދުކެނޑުނީ މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިމިގެންނެވެ. އަދި މުއްދަތު އިތުރުކޮށްދީގެންވެސް ނުނިމުމުން, އެއްބަސްވުން ބާތިލްކޮށް މިހާރު ކުރިއަށްދަނީ ކައުންސިލް މެދުވެރިކޮށް އެހެން ބަޔަކާ ހަވާލުކުރުމުގެ މަރުހަލާ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ. ހަފްތާއެއްގެ ތެރޭގައި ނުނިމިހުރި މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށް, އެކޯޓްގައި ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެކަން ޔޫތް މިނިސްޓްރީން ފާހަގަކުރެއްވިއެވެ. އެތަން ނިމި ޒުވާނުންނަށް އަވަހަށް ބޭނުންކުރެވޭ ގޮތް ވުމަކީ ކައުންސިލާއި ޒުވާނުންގެވެސް ބޮޑު އުއްމީދެކެވެ.

ރޭގަނޑުގެ ވަގުތު ބ.ގޮއިދޫ މަގެއްގ

މިއާއެކު ފެނަކަ އޮފީހާއި އިންޖީނުގޭގެ އާއިމާރާތަކަށް ވަނީ ބޭނުންވެފައެވެ. އެމަޝްރުއަކީ ރާއްޖޭގެ އެކި ރަށްތަކުގައި ބާރަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިކަންބޮޑުވުންތަކާއެކުވެސް ކައުންސިލްގެ ނައިބުރައީސް ވިދާޅުވީ މިއީ ނިސްބަތުން އެންމެ ގިނަ މަޝްރޫޢު އެރަށުގައި ހިނގަމުންދާ ދައުރުކަމަށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.