ސްކޭޓް ބޯޑާއެކު ކުޑަކުޑަ ކިޔާންއާއި ޝަޔާންގެ ބޮޑު އުއްމީދު

801

ކިޔާންއަކީ އަދި ގްރޭޑް 2 ގައި ތައުލީމް ހާސިލްކުރާ ދަރިވަރެކެވެ. އޭނާގެ އެކުވެރި ޝަޔާން އުޅެނީ ގްރޭޑް 7 ގައެވެ. ދެ ކުދިންވެސް ތައުލީމް ހާސިލްކުރަނީ ބ.ގޮއިދޫ ސްކޫލްގައެވެ. އެއީ އެދެކުދިންގެވެސް އުފަން އަދި ދިރިއުޅޭ ރަށެވެ. ކިޔެވުމުގެ އިތުރުން ދެކުދިންވެސް ވަގުތު ހޭދަކުރަނީ ސަރުކާރުން މިއަހަރު ގޮއިދޫގައި އެޅި ސްކޭޓް ޕާރކްގައެވެ.

ކިޔާންއާއި ޝަޔާން ސްކޭޓް ކުރަން ތައްޔާރުވެގެން

އެކަމަކު ސްކޭޓް ބޯޑް ހިފައިގެން ދެކުދިން ނިކުތީ އެޕާރކް އެޅުމުގެ ކުރިންނެވެ. އެހުނަރު ދެކުދިންވެސް ތަރައްޤީކުރީ ގޮއިދޫ ބަނދަރުގައި އޮންނަ މަސް ކަނޑާ ތަނުގައެވެ. އެއީ އެރަށުގެ ޒުވާނުންވެސް އެހުނަރު ދަސްކުރި ތަނެވެ. ނަމަވެސް ސްކޭޓް ޕާރކާއެކު ކިޔާންއާއި ޝަޔާން ފަދައިން އެރަށުގެ އެހެން ކުދިންނަށްވެސް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ. ދެޖިންސްގެ ކުޑަކުދިންގެ އެންމެ މަޤްބޫލް މަންޒިލަކީ މިހާރު ސްކޭޓް ޕާކެވެ.
އެންމެ ރޭމްޕެއް އޮތް މަސްކަނޑާ ތަނުން ރޭމްޕް ގިނަ ސްކޭޓް ޕާރކަށް ބަދަލުވުމާއެކު ޝައުޤުވެރިކަން ބޮޑުވެ, ހުނަރުވެރިކަންވެސް ކުރިއަރައިފިއެވެ.

ރޭމްޕްތަކުން ފައިބާލާ, ބަމްޕު ތަކުން ގޮސްލާއިރު އެންމެ ސަޅީ

ޝަޔާން/ ސްކޭޓްކުރާ ހުނަރުވެރި ކުއްޖެއް

ކިޔާންއާއި ޝަޔާންގެވެސް އުއްމީދަކީ ސްކޭޓް ކުރުމުގެ ހުނަރު އަދިވެސް ތަރައްޤީކޮށް, “ޕްރޯ” ވުމެވެ. އެދެކުދިން އެހުނަރު ތަރައްޤީ ކުރަމުން އެދަނީ އެ ދެކުދިންނަށްވުރެ ކުޑަ ކުދިންނާއި, ހުނަރުގެ ގޮތުން ދަށް ކުދިންނަށް ދަސްކޮށްދެމުން އެހީތެރިވަމުންނެވެ. އެކުދިން ދައުވަތު ދެނީ އެހެން ރަށްރަށުގެ ކުދިންވެސް ގޮއިދޫއަށް އައިސް އެކުދިންނާއެކު ގޮއިދޫ ސްކޭޓް ޕާރކްގައި ސްކޭޓް ކޮށްލުމަށެވެ. އެހީތެރިވާން ކިޔާންއާއި ޝަޔާން ފަދަ އެހެން ކުދިންވެސް ގޮއިދޫގައި އެބަތިއްބެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.