300 މީހުންގެ ޖާގައިގެ މިސްކިތެއްގެ މަސައްކަތް ކުރިއަށް ދަނީއެވެ. ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެއެވެ. ޒުވާނުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ނިމުމަކަށް ދަނީއެވެ. ޞިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތްވެސް ނިމެނީއެވެ. ރަށުގައި އޭޓީއެމް މެޝިނެއް ހުރީ ބަހައްޓާފައެވެ. އެންމެފަހުން ފެށުނީ ބަނދަރުގެ އަމަލީ މަސައްކަތެވެ. މިއީ އދ.ދިގުރަށު ތަރައްޤީގެ ދިގު ލިސްޓްގައި ހިމެނޭ ބައެއް ކަންކަމެވެ.

ރަށުގެ އާބާދީގެ އެއްގުނަ އިތުރަށް މީހުން ދިރިއުޅޭ ދިގުރަށުގެ ތަރައްޤީގެ ބޮޑަތި މަޝްރޫޢުތަކެއް ފެށުނީ މިދައުރުގެ ތެރޭގައެވެ. އެމްޓީސީސީން ރަށުގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމާއެކު ރަށުގެ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދޭ ބޮޑު މަޝްރޫއެއްގެ މަސައްކަތްވެސް ފެށުނީއެވެ. އެއީ ބަނދަރު މަޝްރޫއާއެކު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް, އެކަން ހައްލުކުރުންވެސް ހިމެނޭތީއެވެ. 400 މީޓަރުގައި ރިވެޓްމަންޓް ޖަހާނެއެވެ. ދިގު ރަށު ބަނދަރު ވެގެންދާނީ ރަށުގެ މޫނުމަތި މުޅިން ބަދަލުކޮށްލާނެ މަޝްރޫއަކަށެވެ. އެއީ ފަތުރުވެރިން ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ބޭނުންކުރާ ބަނދަރެކެވެ. އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ މިވަގުތު ރައްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢުތައް އެކިމަރުހަލާތަކުގައި ހިނގަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތައް ހިނގަންފެށީވެސް މިދައުރުގައި ކަމަށެވެ. އެމަޝްރޫޢުތަކާއެކު ދިގުރަށަށް ބޮޑަތި ބަދަލުތަކެއް އަންނާނެއެވެ.
އަސާސީ ޚިދުމަތްތައް ޤާއިމްކުރުންވެސް އަދިކިރިޔާ މިރަށުގައި ހިނގަމުން މިދަނީ. ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިހާރުކުރިއަށްދަނީ. މިރަށަކީ ސަރުކާރަށް ގިނަ އަދަދެއްގެ ޓެކްސް ފައިސާ ވަންނަ ރަށަކަށްވާތީ މިރަށުގައި މިވަގުތު ޕްރޮޖެކްޓްތައް މިހިނގާވަރަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ހަމަ ފުދޭވަރަކަށް ރަނގަޅަށް ހިނގަމުން އެބަދޭ. މިވަގުތު މިހިނގާ ކަންކަމާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އެކަމަށްޓަކައި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާލަން ބޭނުން.
އިބްރާހީމް އުސްމާން/ އދ.ދިގުރަށު ކައުންސިލް ރައީސް
އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައިވެސް ތަރައްޤީގެ މަޝްރޫއުތަކެއް ހުރިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ސްކޫލް ކްލާސްރޫމާއި, އޮފީސް އިމާރާތުގެ މަސައްކަތް ހިމެނެއެވެ. އެކަން އޮތީ ޑިޒައިން ކުރުމުގެ މަރުހަލާގައެވެ. ރަށު ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތްވެސް ވަނީ ފެށުމަކާ ގާތުގައެވެ. ތަރައްޤީގެ މަޝްރޫއުތައް ހިނގަމުން ދިޔަޔަސް މިވަގުތުވެސް ގޮންޖެހުންތަކެއްވެސް ދިގުރަށުގައިވެސް އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުން އެންމެ ބޭނުންވެފައިވާ ގެވަޅު ނުވަތަ ގޯތި ދޫނުކުރެވުމުގެ މައްސަލައެވެ. އަތޮޅު ކައުންސިލާއި, އެލްޖީއޭއާ ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ރަށު ކައުންސިލުން ދަނީ ކުރަމުންނެވެ. އަވަހަށް ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ކައުންސިލުން މިވަގުތު އެންމެ އިސްކަންދޭ މަސައްކަތެވެ. ކައުންސިލުން ޤަބޫލުކުރަނީ އެއީ ރަށުގެ ތަރައްޤީއާވެސް ގުޅިފައިވާ މުހިއްމު ކަމެއްކަމަށެވެ.

ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އަދިވެސް ކުރިއަށް ހުރިކަމަށް ކައުންސިލުން އުއްމީދުކުރެއެވެ. ދިގުރަށުގެ ތަރައްޤީއަކީ ހަމައެކަނި އެރަށަށް ގެނެވޭ ތަރައްޤީއެއް ނޫނެވެ. އެއީ ބޭރުދުނިޔެއަށް ރާއްޖެ ދައްކައިދޭ ލޯގަނޑެކެވެ.
