މާފުށްޓަށް އެންމެ މުހިއްމު ބޮޑު ބަނދަރާއި, ގޯތި ދޫކުރުން ދެން ލަހެއް ނުވާނެ!

664

ރަށުގެ ރަޖިސްޓްރީގައި އޮތް އާބާދީއާއި ނުބައްދަލު އާބާދީއެއް ދިރިއުޅޭ މާފުށްޓަށް ތަރައްޤީގެ މަގުގައި ބޭނުންވަނީ ބޮޑު އާބާދީއަށް އެކަށޭނަ މިންވަރެވެ. ރަށުގެ އާބާދީއަކީ 2200 އެއްހާ މީހުންކަމަށްވިޔަސް, ހަމަ ކޮންމެ ވަގުތަކީވެސް އެފަސްގަނޑުގައި އަށް ހާހެއްހާ މީހުން އުޅޭ ވަގުތެކެވެ. ކަންކަން ފަހިވެ ހަމަޖެހެން ކައުންސިލުންވެސް އެދެނީ ރަށުގެ ރަޖިސްޓްރީގައި އޮތް އާބާދީއަށްވުރެ ބޮޑުކޮށެވެ.

މާފުށީގައި ފަތުރުވެރިންގެ ބަޔަކު

މާފުށީގެ ބަނދަރަށް ވަންނަ ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ޤަބޫލުކުރެވޭނެ ކަމަކީ އެއީ އެރަށާ އެކަށީގެންވާ ވަރަށްވުރެ މާކުޑަ ބަނދަރެއްކަމެވެ. ހަމައެކަނި ސްޕީޑް ލޯންޗްތަކުންވެސް އެބަނދަރު ވަނީ ފުރިފައެވެ. ބޮޑު ބަނދަރެއް ރަށަށް ބޭނުންވެއެވެ. އެކަން ހަމަޖެހެން ދިއުމަކީ ކައުންސިލަށްވެސް އޮތް ބޮޑު ހިތްހަމަޖެހުމެވެ. ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އީއައިއޭ ހެދުމުގެ މަސައްކަތާ ހަމައަށް ވަނީ އާދެވިފައެވެ. މާފުށި ޖަލާ ހަމައަށް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.

ފަތުރުވެރި މާފުށި ވަނީ ފުރިފައެވެ. ދިރިއުޅޭނެ ބިން ނެތުމުން އެކަން ހައްލުކުރުމަށް ހިއްކި 25 ހެކްޓަރު ބިމުން ގޯތި ދޫކުރަން ފަށާނެ ވަގުތަކަށް ރައްޔިތުން އިންތިޒާރުކުރެއެވެ. އެއިންތިޒާރަށް ނިމުން އައުން ކައިރި ވެއްޖެއެވެ. ޝަކުވާ ހުށަހެޅުމުގެ މަރުހަލާއަކަށްފަހު މާރޗް މަހުގެ ނުވަ ވަނަ ދުވަހު ގޯއްޗަށް އެދި ހުޅުވާލެވޭނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ. އެއީ މީހުން ދިރިއުޅެން ދޫކުރާ 308 ގޯއްޗެވެ.

ފަތުރުވެރި މާފުށި ފުރި އެރަށުގެ ރައްޔިތުން ދަތުރުގޮސް އުޅޭނެ މާހައުލެއް ނެތުމަކީވެސް މިއަދާ ހަމައަށްވެސް އޮތް ކަންބޮޑުވުމެކެވެ. އެއަޑުވެސް އަހައިފިއެވެ. މާފުށިން މިނިޓެއްގެ ތެރޭގައި ދެވޭ ހިސާބުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރަނީއެވެ. އެރަށް މިހާރު ވަނީ ހިއްކާ ނިމިފައެވެ.

މާފުށީގައި ބަޔަކު މަޑުކޮށްލައިގެން

މާފުށި ސްކޫލް އިމާރާތަކީ ގިނަ އަހަރުތަކެއްވީ ބާ އިމާރާތެކެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑެވެ. އެކަމަށް ބޮޑު ހައްލެއް ބޭނުންވެފައިވަނިކޮށް 12 ކްލާސްރޫމްގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެމަސައްކަތުގެ ބޮޑުބައެއް ނިމިފައިވާތަން ފެނެއެވެ. އެކަމަކު އެއީ އަދި ޖާގައިގެ މައްސަލަ މުޅިން ހައްލުވީކަމަށް ކައުންސިލުން ނުދެކެއެވެ. ޖާގައިގެ ގޮތުން މުވައްޒަފުންނަށްވެސް ހުރި ގޮންޖެހުންތަކަށް ހައްލެއް ބޭނުންވެއެވެ.

މިދައުރުގެ ތެރޭގައި ރަށުގެ ޞިއްހީ ނިޒާމަށް ކުރިއެރުންތަކެއް އައިސްފިއެވެ. ވަރަށްބޮޑަށް އަޕްގްރޭޑް ކުރެވިއްޖެއެވެ. މާފުށި ކައުންސިލުން ޤަބޫލުކުރާ ގޮތުގައި އެރަށަށް މިހާރު އެކަށީގެންވަނީ ހޮސްޕިޓަލެކެވެ.

މާފުށި ބޮޑު މަގު

މާފުށްޓަކީ ކުޅިވަރުގެވެސް ރަށެކެވެ. ވަކިން ޚާއްޞަކޮށް ފުޓްބޯޅައަށް ޝައުޤު ބޮޑެވެ. ނަތީޖާއަކީ އެރަށުގައި ބޮޑު ޓާފް ފުޓްބޯޅަ ދަނޑެއް ސަރުކާރުން އެޅުމެވެ. އެދަނޑުގެ ބޭނުން ދަނީ ކުރަމުންނެވެ.

ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސްޓެލްކޯއާ ވަނީ ހަވާލުކޮށްފައެވެ. އަމަލީ މަސައްކަތް ފެށުން ލަސް ނުވާނެކަމަށް އުއްމީދުކުރެވެއެވެ. މިއީ އަދި މުޅިން ނިމުމެއް ނޫނެވެ. މާފުށި ތަރައްޤީވެގެން ދާއިރު އިތުރު ޚިދުމަތްތައް ފުޅާވެގެން ދިއުން މުހިއްމެވެ. އެކަންކަން ވާނެކަމުގެ އުއްމީދުވެސް މިއަދު ފެންނަ މަންޒަރުތަކުން ބޮޑެވެ. ހިއްކި ބިމަށް ބޭނުންވާ ނަރުދަމާއާއި, ރަށުގެ މަގުތައް ހެދުމަކީ ކުރަން ހުރި މުހިއްމު މަސައްކަތްތަކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.