މިއަހަރު އަޅުގަނޑުމެންގެ ބަޖެޓްގައި ހަމައެކަނި ކުނިމެނޭޖްކުރުމަށް 1.3 މިލިއަން ރުފިޔާގެ ބަޖެޓެއް މިވަނީ ފާސްކޮށްފަ. އޭގެއިތުރުން ރަށްކަހާ ސާފްކޮށް ބެލެހެއްޓުމަކީ ރަށުގެ އަންހެން ބޭފުޅުންގެ ތެރެއިން ގްރޫޕެއް, އެކަމަށް ބޭނުވާ ބަޔަކު ކުރާ މަސައްކަތެއް. އެމަސައްކަތަށް ކުރިން ކަނޑައަޅާފައި އޮންނަނީ ތިންލައްކަ ރުފިޔާ, އެކަމަކު މިހާރު ހަތަރު ލައްކަ ފަންސާސް ހާސްރުފިޔާގެ ބަޖެޓެއް އެކަމަށްވެސް ވަނީ ކަނޑައަޅާފައި. ޖުމްލަގޮތެއްގައި މުޅި ރަށުގެ ކުނި މެނޭޖްކުރަން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން އެބަ ޚަރަދުކުރަން.
އަހުމަދު ފާއިޒު ރަޝީދު- ދިގުރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް
ސުވާލަކީ މިވަރުގެ ބޮޑު ހޭދައެއް ރަށެއްގެ ކައުންސިލުން ކުނި މެނޭޖް ކުރަން ކުރަނީ ކީއްވެތޯއެވެ? އެވަރުގެ ބޮޑު ހޭދައެއް ކުރާނެ ފައިސާ ހޯދަނީ ކޮންތާކުންތޯއެވެ? އެއީ ހަމަ ހަޤީޤަތުގައިވެސް ކުރާ ހޭދައެއްތޯއެވެ? އެހޭދައިގެ ނަތީޖާއަކީ ކޮބައިތޯއެވެ?

ފުރަތަމަ ސުވާލަކީ އެހޭދަ ކުރާ ސަބަބެވެ. ސުވާލުގެ ޖަވާބުދެއްވަން ފައްޓަވަމުންވެސް ވިދާޅުކުނި މެނޭޖްކުރުމަކީ ދިގުރަށު ކައުންސިލުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ކަންތައްކަމަށެވެ. އެންމެބޮޑު ބޭނުމަކީ ބަލިތަކުން ރައްކާތެރިވެ, ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށަކަށް ހެދުމުގެ އަމާޒެވެ. ކުނި ރަނގަޅަށް މެނޭޖް ނުކުރެވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި, ޑެންގީހުންފަދަ ރޯގާތައް ފެތުރުމާއި އަދި މެހީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަކީ ކައުންސިލަށް އެންމެ މުހިއްމު މަސައްކަތެވެ.
ކުނި މެނޭޖްކުރުމުގެ މަސައްކަތް ދިގުރަށު ކައުންސިލުން ފެށީ 2008 ވަނަ އަހަރުއެވެ. އެކަމަކު އެއަހަރު ޤާއިމްކުރި ސެންޓަރުން ކުރި ކަމަކީ ދަޅުފުޅީއާއި, ދަގަނޑުގެ ބާވަތްތައް ކަހަލަ ނައްތާނުލެވޭ ބާވަތްތައް ޖަމާކުރުމެވެ. އޭރުވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެތަކެތި ތިލަފުށްޓާ ހަމައަށް ފޯރުކޮށްދިނުމެވެ. އެމަސައްކަތް ފެށިއިރުވެސް އޮތް ހިތްހަމަޖެހުމަކީ ދިގުރަށަކީ ޒަމާނުއްސުރެވެސް ގޮނޑިދޮށަށް ކުނިއުކާލުން ފަދަ ކަންކަން ކޮށް ނޫޅޭ ރަށަކަށްވުމެވެ. ރައްޔިތުން ކުނިއުކަމުން އައީ ދެކޮޅުގައި ދެކުނިގޮނޑު ހަދައިގެންނެވެ. ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކޮމްޕޯސް ސެންޓަރެއް ނުވަތަ ކުނި ގަސްކާނާއަށް ބަދަލުކުރާ ސެންޓަރެއް ދިގުރަށުގައި ޤާއިމްކުރީ 2015 ވަނަ އަހަރުއެވެ.

ރަށުގެ ރައްޔިތުންނާ ހަމައަށް ގޮސް މަޝްވަރާ ފެށީވެސް ސެންޓަރު ޤާއިމްކުރުމަށްފަހުއެވެ. ރައްޔިތުންނާ ބައްދަލުކޮށް ކުނިމެނޭޖްކުރުމުގެ ކަންކަން ދާއިމީ ގޮތެއްގައި ދާއިމީ ހައްލެއް ލިބޭނެ ގޮތަށް ކުރެވޭނީ ކިހިނެއްތޯ ކުރި މަޝްވަރާތަކުން ފެނުނީ ރައްޔިތުން އެކަމަށް އިންތިހާއަށް ބޭނުންވެފައިވަނިކޮށެވެ. އީޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ދިގުރަށުގައި ވޭސްޓް މެނޭޖްމަންޓް ޕްލޭން ހަދާ ތަންފީޒުކުރަން ފަށައިގަތީ ރައްޔިތުންގެ އެއްބާރުލުމާއެކު ދާއިމީ ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމަކާއެކުއެވެ.
އެމަސައްކަތަށް ބޮޑު ހޭދައެއް ކުރަނީ ކިހިނެއްތޯ އުފެދޭ ސުވާލު ބޮޑެވެ. އެކަމަކު ޖަވާބު ކުރެވެ. ރައްޔިތުން އެހޭދަ ކުރަނީއެވެ. ރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގެޔަކުން މަހަކު 200 ރުފިޔާ ނަގައެވެ. ތިން ކޮޓަރީގެ ގެސްޓްހައުސްއަކުން 400 ރުފިޔާ ނަގައެވެ. އެއަށްވުރެ އިތުރަށް ހުންނަ ކޮންމެ ކޮޓަރިއަކުން މަހަކު 30 ރުފިޔާ ނަގައެވެ. ރަށުގައި 22 ގެސްޓްހައުސް އެބަހުއްޓެވެ. ރަށުގެ ކޮންމެ ފިހާރައަކުން 250 ރުފިޔާ ނަގައެވެ. އޭގެއިތުރަށް ރެސްޓޯރަންޓް ތަކުން 500 ރުފިޔާގެ ފީއެއް ނަގައެވެ. މީހުން ދިރިނޫޅޭ ފަޅު ގޯތިތަކުންވެސް ފީއެއް ނަގައެވެ. އެއީ މަހަކު 150 ރުފިޔާއެވެ. މީގެއިތުރުން ރަށުގެ ބީޗް ސަރަހައްދު ސާފްކުރުމާއި, ރަށަށް ލައްގާ ޕްލާސްޓިކްފަދަ ތަކެތި ނަގާ ސާފްކުރުމުގެ މަސައްކަތް އައުޓްސޯސްކޮށް ބަޔަކާ ހަވާލުކޮށްގެން ކުރުމަށްވެސް ގެސްޓްހައުސްތަކުން ފީއެއް ނަގައެވެ. އެއީ ކޮންމެ ކޮޓަރިއަކުން މަހަކު ހަ ޑޮލަރެވެ. ހަތަރު ކިލޯމީޓަރު ދިގު ރަށަކަށްވުމާއި, ލައްގާ ޕްލާސްޓިކް ގިނަވުމުން އެއީ ގޮންޖެހުންވެސް ބޮޑު މަސައްކަތެކެވެ. އެކަމަކު އެހުރިހާ ކުންޏެއް ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ނައްތާލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ކޮންމެ ދެދުވަހަކުން ބީޗަށް ޖަމާވާ ކުނިވެސް ވޭސްޓް މެނޭޖްމަންޓް ސެންޓަރާ ހަމައަށް ގެނެއެވެ.
ވަށާޖެހޭ ގޮތެއްގައޭ މިދަންނަވަނީ މިސާލަކަށް ބަދިގޭގައި އުފެދޭ ކުނި މިއުފައްދަނީ ކޮމްޕޯސް, ކޮމްޕޯސް ޕައިލްތައް. ހަ ހަފްތާގެ ތެރޭގައި މިޕައިލްތައް ވެއްޔަށް ބަދަލުވެ, ގަސްކާނާގެ ގޮތުގައި ކޮމްޕޯސް އުފެދިގެންދާނެ.
އަހުމަދު ފާއިޒު ރަޝީދު- ދިގުރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް
މުޅި ރަށުގައި އުފެދޭ ޕްލާސްޓިކް ސެންޓަރަށް ގެނައުމުން ޕާލެ މޯލްޑިވްސްއާ ގުޅިގެން ފޮނުވަނީ ތިލަފުށްޓަށެވެ. އެކަންވެސް ވަށާޖެހޭގޮތެއްގައި ވަނީ އިންތިޒާމީ ހައްލެއް ގެނެސްފައެވެ. ބީޗް ސާފްކުރުމުގެ އިތުރަށް ރަށުގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމްތައްވެސް ކައުންސިލުން ދަނީ ހިންގަމުންނެވެ.
ކުރިންވެސް ދިގުރަށުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ ސެންޓަރަށް ޖަމާކުރާ ނައްތާނުލެވޭ ޒާތުގެ ކުނި ތިލަފުއްޓަށް ގެންދިއުމުގެ މައްސަލައެވެ. ކުރިން ސަރުކާރުގެ އެހީތެރިކަން ކޮންމެވެސް ވަރަކަށް ލިބިގެން ތިލަފުއްޓާ ހަމައަށް ކުނި ގެންދިޔަ ނަމަވެސް މިހާރު އެމަސައްކަތްވެސް އައުޓްސޯސްކޮށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަހަރަކު އެއްލައްކަ ވިހިހާހެއްހާ ރުފިޔާ އެކަމަށް ހޭދަކުރެއެވެ. ބިޑަށް ހުޅުވާލައިގެން އެމަސައްކަތް އަހަރުން އަހަރަށް ބަޔަކާ ހަވާލުކޮށް އެކަންވެސް ވަށާޖެހޭ ގޮތެއްގައި ދަނީ ކުރަމުންނެވެ.
ބިޑަށް ހުޅުވާލާއިރު މުޅި ސެންޓަރު އޮންނާނީ ސާފްކޮށް ނިންމާފަ. އެއް އަހަރުގެ ތެރޭގައި އެމީހުން ޖެހޭނެ ދާއިމީކޮށް ކޮންމެ މަހަކުވެސް ތިލަފުއްޓަށް ކުނި ގެންދަން. އަހަރު ނިމޭއިރު އޮންނަންވާނީ ތަން ޒީރޯ ލެވެލްއަށް ސާފްކޮށް ނިންމާފަ.
އަހުމަދު ފާއިޒު ރަޝީދު- ދިގުރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް
ގަސްގިނަ ރަށަކަށްވުމުން ފަތްކުނިވެސް ދިގުރަށު ކުނިކޮށްޓަށް ވަރަށްގިނައިން ޖަމާކުރެއެވެ. އެކަމުގައި އޮތް ގޮންޖެހުމަކީ ކުނި އެންދުން އެއްކޮށް ހުޓާނުލެވި އޮތުމެވެ. ފަތްކުނީގެ ބާވަތްތައް ޖަމާކުރެވޭ މިންވަރު ގިނަވުމުން ކުނިއެންދުން އެއްކޮށް ހުއްޓާނުލެވުނަސް އެކަން އެއްކޮށް ހުއްޓާލުމަކީ ކައުންސިލްގެ އަމާޒެވެ. ގަސްކާނާ ހެދުމަށް ބޭނުންވާވަރަށް ފަތްކުނި ޖަމާކުރުމަށްފަހު ބާކީވާބައި މިވަގުތު ދަނީ އަންދަމުންނެވެ.
އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދުދުވަސްކޮޅެއްގެ ތެރޭގައި ކުނި އެންދުން އެއްކޮށް ހުއްޓާލެވޭތޯ ބެލުން. މިހާރު އަޅުގަނޑުމެންގެ ޓާގެޓަކީ މިލެވެލްގައި ކުނިމެނޭޖްކުރެވެމުންދާތީ ޕްލާސްޓިކް މަދުކުރުމާއި, ޕްލާސްޓިކް ފްރީ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ސިންގަލް ޔޫޒް ޕްލާސްޓިކް ހުއްޓާލުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް. ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަޅުގަނޑުމެންވެސް އިތުރަށް ފިޔަވަޅުތައް އަޅައިގެން ރަށުގެ ވިޔަފާރިތަކާ ވާހަކަދައްކައިގެން ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލެވޭނެ ގޮތެއް ރޭވުން. ދެވަނަ ޓާގެޓަކީ މެނުއަލްކޮށް ކޮމްޕޯސް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ވަރަށްގިނަ މުވައްޒަފުން އެކަމަށް ބޭނުންވޭ. އެހެންވީމާ ކޮމްޕޯސް ހަދާނެ މެޝިނެއް ހޯދާ އަދި ދަޅުފިއްތާ މެޝިނާ މިކަހަލަ މެޝިންތައް ހޯދާ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުން.
އަހުމަދު ފާއިޒު ރަޝީދު- ދިގުރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް
ދިގުރަށުން ކައުންސިލުން ޤަބޫލުކުރާގޮތުގައި ކުނި އެންދުން އެއްކޮށް ހުއްޓާލެވިއްޖެނަމަ އެރަށު ސެންޓަރު ވެގެންދާނީ ވަރަށް ރައްކާތެރިގޮތެއްގައި ކުނި މެނޭޖްކުރާ ސެންޓަރަކަށެވެ.
ވަށާޖެހޭގޮތެއްގައި ރަށުގައި އުފެދޭ ހުރިހާ ކުންޏެއް މިހާރުވެސް ދަނީ މެނޭޖްކުރަމުންނެވެ. އެކަން ކުރުމަށް ރަށުގެ އެކި ސަރަހައްދުތަކުގައި ހުރީ ޑަސްބިން ބަހައްޓާފައެވެ. ޑަސްބިންތަކުން ކޮންމެ ދުވަހަކު ކުނި ނަގާ ސެންޓަރަށް ގެންދެއެވެ. އެމަސައްކަތުގައި ސެންޓަރުގައި ބިދޭސީ ހަ މުވައްޒަފުންނާއި, ދެ ޑްރައިވަރުން ފުލްޓައިމްކޮށް މަސައްކަތްކުރެއެވެ. މަސައްކަތަށް ބޭނުންކުރުމަށް ކައުންސިލްގައި ތިން ޕިކަޕް އެބައޮތެވެ. ވަށާޖެހޭ ގޮތެއްގައި މިކަން ކުރާއިރު މިއީ ކައުންސިލުން ހިންގާ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.

ބައެއް ރަށްރަށުން ޚަރަދުކޮށްގެން ކުނިމެނޭޖްކުރަން މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަމަކު ދިގުރަށު ރައްޔިތުންނަށް ފެނުނީ ދިގުރަށަކީ ފަތުރުވެރިކަމަށްވެސް ވަރަށްބޮޑަށް ހުޅުވިފައި އޮތް ރަށަކަށްވާއިރު ކުނި މެނޭޖްކުރުމަކީ ވަރަށްބޮޑު އިސްކަމެއް, ސަމާލުކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައެވެ.
ކައުންސިލުން ބުނީ ބޮޑު ޚަރަދު ކުރަމުން ދަނީ ރަށުގެ ޞިއްހީ ދުޅަހެޔޮކަމާއި, ސާފްތާހިރުކަމާއި, ޕްލާސްޓިކްފަދަ ތަކެތި އެންދުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ހައްލުކޮށް ކުނިމެނޭޖްކުރުމުގައި ރާއްޖޭގައި ނަމޫނާ ރަށަކަށް ވުމަށްކަމަށެވެ. މިހާރުވެސް ދިގުރަށަކީ އެމަސައްކަތުގައި ނަމޫނާ ރަށެކެވެ. ހުރިހާވެސް ޝުކުރެއް ކައުންސިލުން ރައްދުކުރަނީ ރައްޔިތުންނަށެވެ. ގެސްޓްހައުސްތަކުގެ ވެރިންނާއި, މުވައްޒަފުންނަށެވެ. މަސައްކަތުގެ ބައިވެރިންނަށެވެ.

Mirashuga councelloraku netheetha interview eh dheyn mihar rayyithun beynunvanee councillarunge adu ahan
ތީ ހަމަ ނަމޫނާ ތަށެއް! އެވޯރޑެއް ދިނުން ހަމަ ޙައްގު! ”