“އަންހެނުންނަށްވެސް ލިޔެލާ ޖެހޭނެ, ތުޅާދޫ މީހަކަށް ވާކަށްވެސް ނުޖެހޭ”

1419

އުފަންވެ, ފުރާވަރަށް އަޅައިގެން އައީވެސް ލިޔެލާ ޖަހާތަން އަބަދުމެ ފެންނަ މާހައުލެއްގެ ތެރޭގައެވެ. ގޭތެރޭގައި ބައްޕައާއި ބޭބެމެން ނިކަން ޝައުޤުވެރިކަމާއެކު އެފަންނުވެރި މަސައްކަތް ކޮންމެ ދުވަހަކުމެ ކުރަމުންދިޔައީ އޭނާގެ ކުރިމަތީގައެވެ. ނަތީޖާއަކީ އެމަސައްކަތަށް ޝައުޤުވެރިވުމެވެ. ތުޅާދޫގެ ފަޚުރުވެރި ލިޔެލާ ޖެހުމުގެ މަސައްކަތަށް ހިތުގައި ޚާއްޞަ ލޯތްބެއް އުފެދުމެވެ.

އިޒުވަތު ލިޔެލާ ޖަހަނީ

އެކަމަކު ހަޤީޤަތުގައި އިޒުވަތު އެމަސައްކަތް ދަސްކުރީ ޝައުޤުއޮތް މިންވަރާ ބަލާއިރު މާލަހުންނެވެ. އޭނާގެ އުމުރުން މިހާރު ފަންސަވީހެވެ. އެމަސައްކަތް އޭނާ ދަސްކުރީ މީގެ ދެއަހަރު ކުރިން އުމުރުން ތޭވީސް އަހަރުގައެވެ. އެކަމަކު އެމަސައްކަތް ދަސްކުރުންވީ އޭނާއަށް ވަރަށް ފަސޭހަކަމަކަށެވެ. މަހެއްހާ ދުވަހުގެ ތެރޭގައި އިޒުވަތު އޭނާގެ ބޭބެ ކައިރިން ލިޔެލާ ޖަހަން ދަސްކުރިއެވެ. އިޒުވަތުއަށް ކޮންމެ ދުވަހަކު ފެންނަ ފަންނުވެރި މަސައްކަތަކަށްވާތީ އޭނާ ދަސްކުރިހާ ފަސޭހައިން އެހެން ކުދިންނަށް ދަސްނުކުރެވިދާނެއެވެ. އެކަމަކު އޭނާއަށް އޮތް ޔަޤީންކަމަކީ މިއީ ދަސްކުރެވޭނެ މަސައްކަތެއްކަމެވެ. މިއީ ވަކި ޖިންސަކަށް ވެގެން ދަސްކުރެވޭނެ މަސައްކަތެއް ނޫންކަމެވެ. އަދި މިމަސައްކަތަކީ ފިރިހެނުންނަށް ޚާއްޞަ މަސައްކަތެއްވެސް ނޫންކަމެވެ. އަދި މިމަސައްކަތް ދަސްކޮށް, މިކަމުން އާމްދަނީ ހޯދަން ތުޅާދޫ މީހަކަށް ވާން ނުޖެހޭކަމަށްވެސް އޭނާ ބުންޏެވެ.

މިކަމަކީ ހަމައެކަނި ފިރިހެން އަންހެން, އެހެން ވަކިބަޔަކަށް އޮތްކަމެއްނޫން. އަންހެން ކުދިންނާއި, އަންހެނުންނަށްވެސް ހަމަ ކުރެވޭ ވަރުގެ މަސައްކަތެއް.

އިޒުވަތު ނަޒީރު/ ލިޔެލާ ޖަހާ ޒުވާން އަންހެނެއް

އިޒުވަތު ލިޔެލާ ޖަހަން ދަސްކުރިޔަސް, އަދި އެމަސައްކަތުގައި ޝާމިލްވިޔަސް އޭނާގެ ދިރިއުޅުމަށް އާމްދަނީ ހޯދާނެ މަސައްކަތަކަށް މިމަސައްކަތެއް ނަހަދައެވެ. މިމަސައްކަތް އޭނާ ކުރަނީ ޝައުޤުވެރިކަން ހުރުމުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އަދި ގިނަ ވަގުތު މަސައްކަތުގައި ހޭދައެއްވެސް ނުކުރެއެވެ. އަމިއްލަ ޝައުޤާ ގުޅިފައިވާ އެއްޗިހި އޭނާގެ ހުނަރާއި, ފަންނު ބޭނުންކޮށްގެން ތައްޔާރުކުރަނީއެވެ. އެންމެ ޝައުޤުވެރިކަމާއެކު ތައްޔާރުކުރާ އެކައްޗަކީ “ޕެން ހޯލްޑަރ”އެވެ.

އިޒުވަތު އަކީ ހަމައެކަނި ލިޔެލާ ޖެހުމުގެ ފަންނުވެރިއެއް ނޫނެވެ. އޭނާއަކީ ޤުރުއާން ޓީޗަރެކެވެ. އޮންލައިންކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި އެތައް ކުދިންނަކަށް ކިޔަވައިދެއެވެ. އޭގެއިތުރުން އޭނާގެ ޝައުޤުވެރިކަން ހަޤީޤަތުގައި ބޮޑަށް އޮތް ދާއިރާއިން އެދަނީ ތައުލީމް ހާސިލްކުރަމުންނެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން ކިޔަވަނީ ރިސޯރޓެއްގައި ޤާއިމްވެހުރެ ވަޒީފާ އަދާކުރުމުގެ ނިޔަތެއްގައެއް ނޫނެވެ. އަދި އެގޮތަށް އެއްތަނެއްގައި ހުރެ މަސައްކަތް ކުރުމުގެ ޝައުޤެއްވެސް ނެތެވެ. ފަތުރުވެރިކަމަކީ އެއަށްވުރެ މާފުޅާ ދާއިރާއެއްކަން ޤަބޫލުކޮށް, އެދާއިރާގައި މަސައްކަތްކުރުމުގެ އުއްމީދުގައެވެ. އޭގެ މާނައަކީ ލިޔެލާ ޖެހުމުގެ ފަންނާއި ހުނަރު ދޫކޮށްލުމެއްވެސް ނޫނެވެ. އެމަސައްކަތްވެސް ކުރާނެއެވެ. އެމަސައްކަތުގައި އެހެން އަންހެނުންނަށް ހުރި ހިތްވަރަކަށްވާން ޒުވާން ފަންނުވެރިޔާ ބޭނުންވެއެވެ.

” އަޒުމަކީ މިކަމަށް ޝައުޤުވެރިވާ އަންހެނުންނަށް ހުރި ހިތްވަރެއްކަމުގައި ވުން.” އެކުގައި ހޭދަކުރި ފަނަރަވަރަކަށް މިނިޓް ނިންމާލަމުން އެންމެ ފަހުން ބުނި ވާހަކައަކީ މިއީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.