މިރަށް ފާހަގަކުރެވެނީ ހިއްކައިގެން ބޮޑުކުރި ރަށެއްގެ ގޮތުގައެވެ. މިހާރު ރަށުގެ ބޮޑުމިނަކީ 41 ހެކްޓަރެވެ. މީގެތެރެއިން 11 ހެކްޓަރަކީ ރައީސް މައުމޫނުގެ ދައުރުގައި ހިއްކައިގެން އިތުރުކުރި ބައެކެވެ. އެމްޑީޕީގެ ފުރަތަމަ ދައުރުގެ ތިން އަހަރުގެ ތެރޭގައި މިރަށުން 17 ހެކްޓަރު ހިއްކިއެވެ.

މިއީ ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އެކަމަކު ރަށުގައި ދިރިއުޅޭ ރަށު ރައްޔިތުންގެ އާބާދީއަކީ ގާތްގަނޑަކަށް 1700 އެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ ދެހާހެއްހާ މީހުންނެވެ. އެއީ އެކި މަސައްކަތްތަކުގައި އައިސް އުޅޭ މީހުންނާއި, މިރަށުގެ ރައްޔިތުންނާ ކައިވެނިކޮށްގެން މިރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ނަން އޮތް މީހުންވެސް ހިމަނައިގެންނެވެ.
މިއީ ލިޔެލާ ޖެހުމުގައި އެއްވަނަ ރަށެވެ. އެފަންނުގައި ތުޅާދޫއާ ކައިރިކުރެވޭނެ ދެވަނަ ރަށެއް ނެތެވެ. ރަށަށް ޢާމްދަނީ ވަންނަ މައިގަނޑު މަސައްކަތަކީ ލިޔެލާޖެހުމެވެ. މަސްވެރިމަކީވެސް ރަށުގައި ފުޅާދާއިރާއެއްގައި ކުރާ މަސައްކަތެކެވެ. ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ރަށަކަށް ނުވިޔަސް ކޮންމެވެސް ވަރަކަށް އެމަސައްކަތުގައި ބައެއް މީހުން ޝާމިލްވެއެވެ.

ރަށުގައި ފުޅާ އޮތީ ދެތިން މަގެކެވެ. ގިނަ މަގުތަކަކީ ހަނި މަގުތަކެވެ. މަގުތަކުގެ ދެފަރާތުގައި ކޮންމެވެސް ވަރަކަށް ކޮޕީފަތާއި, މިރުސް އަދި ވަށާފާރަށްވާގޮތަށް ފެޝަންފުރުޓް ހައްދާފައި އެބަހުއްޓެވެ. ޖަނބުރޯލާއި, އަނބުވެސް މިރަށުން ލިބެއެވެ.
ޤުދުރަތީ ގޮތުން މިއީ ރީތި ރަށެއް ނޫނެވެ. އެކަމަކު ކަދުރު ޕާކަކީ ފާހަގަކޮށްލެވޭ ތަނެކެވެ. ދުއިސައްތައެއްހާ ކަދުރު ރަށް ހިއްކި ބިމުގައި ހެދިފައި ހުރުމުން އެތަނަކީ ޝައިޤުވެރި ތަނެކެވެ. އެކަމަކު މިވަގުތު އެތަން ފެންނަން އޮތީ އެންމެ ހިތްގައިމުކޮށެއް ނޫނެވެ. ކައުންސިލްގެ އަމާޒަކީ ތަޖުރިބާހުރި ބޭފުޅެއްގެ އެހީގައި އެތަން ސާފްކޮށް, ކަދުރު ރުށްތަކަށް ޚާއްޞަ, ކަދުރު ޕާކެއްގެ ގޮތުގައި އެތަން ތަރައްޤީ ކުރުމެވެ.

ސިޔާސީ ފޯރި ގަދަނަވަމަވެސް, މިއީ މެހުމާންދާރީ ރަނގަޅު ރަށެކެވެ. ރަށުތެރެއިން ދިމާވާ މީހުންނަކީ އިސްވެ ވާހަކަދައްކާ ހާލު އަހުވާލު އަހާލާ ބައެކެވެ. ރަށްޓެހިން ހޯދަން ނިކަން ފަސޭހަ ރަށެކެވެ.
މާލެއާއި މިރަށާ ދެމެދު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ލޯންޗް ފެރީ އޮވެއެވެ. ކޮޅަކަށް ނަގަނީ 600 ރުފިޔާއެވެ. މީގެއިތުރުން ދަރަވަންދޫ މަގުން މަތިން ދަތުރުކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. މިރަށް އެންމެ ސަޅީ ލިޔެލާ ޖަހާތަން ބަލާލަން ޖައްސާލާށެވެ. ދަސްކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެދޮރު އޮތީ ހުޅުވިފައެވެ.
