ޅައިމަގަށް ކުރި ދަތުރާއި އެރަށުން ފެނުނު މަންޒަރު!

334

“އިބްރާހީމް މުޙައްމަދު ޞާލިހުގެ މި ފަސް އަހަރުގެ ދައުރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތްކަން މި ޅައިމަގުން ވެސް މިއޮތީ ޔަޤީންވެ ކަށަވަރުވާން.” ށ. ޅއިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރުއާ އެރަށުން މިޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ބައްދަލުވުމުން ވިދާޅުވިއެވެ.

ޅައިމަގުގެ އާބާދީގައި އަދި ގުނަމުން ދަނީ އަށްސަތޭކައިގެ އަދަދުތަކެވެ. އެކަމަކު އެރަށުގެ ރައްޔިތުން ބޭނުންވާ ހަމަ ހުރިހާ މަޝްރޫޢުތަކެއް ހިނގަމުންދަނީއެވެ. ކައުންސިލް ރައީސް އިޝާރާތްކުރެއްވީ އެކަމަށެވެ. ތަފްސީލުތައް ދެއްވަމުން ފެށީ ފެނާއި ނަރުދަމާގެ ހިސާބުންނެވެ. މިދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިއްމު ވައުދެކެވެ. އަސާސީ އެޚިދުމަތް ޤާއިމުކުރެއްވުމުގެ މަސައްކަތް ހަމަ ހުރިހާ ރަށެއްގައިވެސް އެކި މަރުހަލާތަކުގައި ހިނގަމުން ދެއެވެ. ޅައިމަގުގައި އެމަސައްކަތް ކުރަމުންދަނީ އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ޅައިމަގު ޞިއްހީ މަރުކަޒު ބޮޑުކުރުމަށް އަޅާ އިމާރާތް

ދެވަނަ މަޝްރޫއެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ފާހަގަކުރެއްވީ ރަށުގެ ބަނދަރު މަސައްކަތެވެ. ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. ބަނދަރު އަޕްގްރޭޑްކުރުމަށްވުރެ ކައުންސިލް ރައީސް ފާހަގަކުރައްވަނީ މުޅިން އައު ބަނދަރެއް ހެދުންފަދަ މަޝްރޫއެއްގެ ގޮތުގައެވެ. އެމަސައްކަތް މިހާރުވަނީ ނިމުމަކާ ގާތުގައެވެ. ބަނދަރު މަޝްރޫއާއެކު އެމްޓީސީސީއާ ވަރަށް މުހިއްމު އެހެން މަޝްރޫއެއް ވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމެވެ. ބަނދަރު މަޝްރޫއާއެކު ރަށްގިރުން ހައްލުކުރުމުގެ މަޝްރޫއު ވެސް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. ބަނދަރުގެ މަސައްކަތް ނިމުމާއެކު 500 މީޓަރު ހިލާގެ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް ފަށާނެކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

ޅައިމަގު ފެނަކަ އާ އިންޖީނުގެ

ރަށުގެ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ ބޮޑު މަޝްރޫއު ވެސް ދަނީ ހިގަމުންނެވެ. އެއީ ދެ ކެމްޕަސްއެއްގައި ކިޔަވައިދިނުން ނިމުމަކަށް ގެނެސް އެއް ދަންފަޅިއަކަށް ކިޔަވައިދެވޭނެ ގޮތެއް ހޯދުމެވެ. ދެ ކެމްޕަސްގައި ކިޔަވައިދޭތީ ބެލެނިވެރިން އެއް ކެމްޕަހަށް އެއްދަރިއަކު ލާފަ އަނެއް ކެމްޕަހަށް އަނެއް ދަރިއަކު ގޮވައިގެން ދާންޖެހޭތީ އޮތް ތަކުލީފު ބޮޑެވެ. އެކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.

މިދައުރު ނިމިގެންދާއިރު މިހާރު ސްކޫލްގައި ހިނގަމުންދާ ޕްރޮޖެކްޓް, މަލްޓިޕާޕާސް ހޯލާއި އަށް ކްލާސްރޫމް ނިމުމުން އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ އެކަޑަމިކް އަހަރު ފެށޭއިރު އެހުވަފެންވެސް ހަޤީގަތަކަށް ވެގެން އެބަދޭ

އާދަމް އަޒްމީރު- ޅައިމަގު ކައުންސިލް ރައީސް

ޞިއްޙީ ނިޒާމަށް އޮތް ގޮންޖެހުން ހައްލުކުރުމަށް ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އައު އިމާރާތުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. މިދައުރުގެ ތެރޭގައި ނިމޭ މަސައްކަތްތަކުގެ ތެރޭގައި އެމަސައްކަތް ވެސް ހިމެނެއެވެ.

ދައުރުގެ މިހިސާބަށް އައިއިރު ބައެއް މުހިއްމު މަސައްކަތްތައް ނިމިފައިވާކަން ވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގައި ހުރި ބާ އިންޖީނުގެ އައު އިމާރާތަށް ބަދަލުކޮށް ކަރަންޓުގެ ޚިދުމަތް ދަނީ ދެމުންނެވެ. އާއިންޖީނުގެ އިމާރާތްކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. މިއީ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެއްގެ ނިމުމެވެ.

ޅައިމަގުގައި ސަރުކާރުން އަޅާ އިމާރާތެއް

ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފުޓްސަލް ދަނޑެއްގެ މަސައްކަތް ނިމި އެދަނޑުގައި ޒުވާނުން މިހާރު ދަނީ ކުޅެމުންނެވެ. ބޮޑު ފުޓްބޯޅަ ދަނޑަކަށް ކުރާ އުއްމީދު މިއަހަރުގެ ތެރޭގައި ހާސިލްވާނެއެވެ. ބޮޑު ފުޓްބޯޅަ ދަނޑެއް ހެދުމަށް މިހާރު ވަނީ ބަޖެޓުކޮށްފައެވެ. ކައުންސިލް ރައީސް ވިދާޅުވީ އެއީ ޅައިމަގު ޒުވާނުންގެ ދުވަސްވީ ހުވަފެނެއް ހަޤީގަތަކަށްވުން ކަމަށެވެ.

އަށްސަތޭކައިގެ އާބާދީއަކުން ފެނުނު މިމަންޒަރުތައް ބުނެދެނީ ތަފާތުކުރުމެއް ނެތި, ހުރިހާ ރަށެއްގައި ޚިދުމަތްތައް ފުޅާކުރުމާއި, މަޝްރޫއުތައް ހިންގުމަށް ސަރުކާރުގައި އޮތް ސަމާލުކަމެވެ. އަސާސީ ޚިދުމަތްތަކަށްދޭ އިސްކަމެވެ. އަތޮޅުތަކުގެ ރަށްރަށަށް އޮތް ޚާއްޞަ އިސްކަމެވެ. މިއީ ހަމައެކަނި ޅައިމަގުން ފެނުނު މަންޒަރެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.