ދ.އަތޮޅު ކައުންސިލުން ބޭއްވި ދ.އަތޮޅު ވޮލީބޯޅަ ޗެލެންޖްގެ ފައިނަލް މެޗަށް އެއަތޮޅު ހުޅުދެލީގެ މުޅި ރައްޔިތުން ތިބީ ކުޑަހުވަދޫގައެވެ. ލޯންޗް ފަހަރާއި ޑިންގީ ފަހަރުގައި ދެ ބުރު އަޅައިގެން ރަށު ރައްޔިތުން އަތޮޅު ވެރިކަން ކުރާ ރަށަށް ހަވީރު ޖަމާވީ ރަށު ޓީމް އަތޮޅު ވޮލީ ފައިނަލްގައި ވާދަކުރާތީ ހިތްވަރު ދޭށެވެ. އެކަމަށް ފިސާރި ތައްޔާރުވެގެންނެވެ.

ފައިނަލްގައި ވާދަކުރަން އޮތީ މުބާރާތް ކުޅޭ ރަށް ކުޑަހުވަދޫއާއެވެ. މެޗު ފެށުމުގެ މާކުރިން ރަތް ކުލައިގައި ކުޑަހުވަދޫ ސަޕޯޓަރުންވެސް ނިކުމެ އެމީހުންނަށް ކަނޑައެޅިފައިވާ ސަރަހައްދު ފުރާލިއެވެ. ބެރު ދުންމާރި ހިފައިގެން ނިކުމެ މާކުރިން ސަޕޯޓް ކުރަން ފެށިއެވެ.
ކޯޓްގެ އެއްކޮޅުގައި ރަތް ކުލައިގަ ކުޑަހުވަދޫ ސަޕޯޓަރުން ފޯރި ނަގަމުން ދިޔައިރު އަނެއް ކޮޅުގައި ނޫލުކައިގެ ތިބެ ހުޅުދެލި ސަޕޯޓަރުން ދިޔައީ ފޯރިނަގަމުންނެވެ. ކޮންމެ އެޓޭކަކާއި އެކު ސަޕޯޓަރުންގެ އަޑު އިންތިހާއަށް ގަދައެވެ. ފައިނަލް މެޗު ސީދާ ތިން ސެޓުން ގެންދިޔައީ ކުޑަހުވަދޫއެވެ. އެއީ 25-21, 25-19 އަދި 25-19 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަހުވަދޫގެ ޝާމިލް މުޙައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކުޑަހުވަދޫއަށް ތަށި ހޯދައިދިން ތަޖުރިބާކާރު ކޯޗު ހުސައިން ޝަރީފް (ނަލަ) އެވެ. މެޗަށްފަހު ނަލަ ފާހަގަކުރި އެންމެ މުހިއްމު އެއްކަމަކީ މެޗުގެ ފޯރިއާއި ދ.އަތޮޅުގައި ޚާއްޞަކޮށް ކުޑަހުވަދޫގައި އޮތް ވޮލީބޯޅައިގެ ފޯރިއެވެ.
ވަރަށް ސަޅި ސަޕޯޓަރުންތަކެއް އުޅޭ ރަށެއް, ވަރަށް ހަމަ ވޮލީއަށް ލޯބިހުރި ރަށެއް މިއީ.
މުބާރާތުގެ 19 އަހަރު ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހުޅުދެލީގެ އަހުމަދު އިދާން އިބްރާހީމްއެވެ. ފެއަރޕްލޭ ޓީމަކީ މީދޫ އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ރިނބުދޫގެ އަލީ ވިލްދާން, އަހުމަދު ވިޝާމް, ހުޅުދެލީގެ އަހުމަދު އަޒީމް, ކުޑަހުވަދޫގެ މުޙައްމަދު އަހުސަން, ކުޑަހުވަދޫގެ އިމާދު އަލީ, އަދި ކުޑަހުވަދޫގެ ޔޫސުފް މޫސާއެވެ. އެންމެ މޮޅު ލިބަރޯއަކީ ކުޑަހުވަދޫގެ މުޙައްމަދު މުޒްލިފް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޔޫސުފް މޫސާއެވެ. އޭނާ ފާހަގަކުރީ މެޗަށް ނިކުތީ މީގެކުރިން ހުޅުދެލިން އަތޮޅު ތަށި ގެންގޮސްފައިވާތީ އެހިތްދަތިކަން ފޮހެލަން މެޗަށް ނިކުއިން ކަމެވެ.
މެޗަށްފަހު ދެޓީމްގެ ކޯޗުންވެސް ފާހަގަކުރި އެއް ކަމަކީ ދ.އަތޮޅުގައި އޮތް ވޮލީބޯޅައިގެ ފޯރިއެވެ. ހުޅުދެލީ ކޯޗު ޝިހާމް (ސަޑިކެ) ބުނީ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަޔަސް މުޅި ހުޅުދެލި އެކުގައި ކުޑަހުވަދޫއަށް އައިސް ޓީމަށް ދިން ސަޕޯޓް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ.
މެޗު މިދިޔައީ ވަރަށް ފޯރިގަދަކޮށް, ދެކޮޅުންވެސް ސަޕޯޓަރުން ހަމަ ކެނޑިނޭޅި މެޗު ފެށުނީއްސުރެވެސް ދިޔައީ. ގާތްގަނޑަކަށް ބުނާނަމަ ހުޅުދެލި އެއްކޮށް އަރާ މިއޮތީ ސަޕޯޓް ކުރަން.
ދ.އަތޮޅު ކައުންސިލުން ބޭއްވި މުބާރާތުގެ އިންތިޒާމް ރަނގަޅެވެ. ފޯރި ގަދައެވެ. ވާދަކުރި ޓީމްތަކުން ރަނގަޅަށް ތައްޔާރުވެ, އެރަށްތަކުގެ މުޅި ރަށްޔިތުން ބައިވެރިވެ ވޮލީބޯޅައިގެ ފޯރި ނެގިއެވެ.
