...

ކީޕަރުންވެސް ޕެނަލްޓީ ޖަހައިގެން ގާފަރު ކަޓުވާލާ, ވިލިމާލެ ކްއާޓާއަށް

509

ދެޓީމްގެ ކީޕަރުންވެސް ޕެނަލްޓީ ޖަހައިގެން ގާފަރު ކަޓުވާލާ, ވިލިމާލެ ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވިލިމާލެ ކްއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ޓީމް ވާދަކުރި ބުރުގައި ގާފަރާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ދެޓީމްކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 9-8 ން ކުރި ހޯދައިގެންނެވެ. ފުރަތަމަ ފަސް ޕެނަލްޓީގައި ކޮންމެ ޓީމަކަށްވެސް އެއް ޕެނަލްޓީ ނާކާމިޔާބުވިއެވެ. ވިލިމާލެއިން ކެޕްޓަން އަލީ ޝިޔާހު (ސިޔަޅޭ) ޖެހި ފުރަތަމަ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. އަދި ގާފަރުގެ އެއް ޕެނަލްޓީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) މަތަކުރިއެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީއަކުން, ޕެނަލްޓީއަކުން ޖަހަމުންގޮސް ނަތީޖާ ކަނޑައެޅުނީ ކީޕަރުންގެ ޕެނަލްޓީއެވެ. ޓޮޕްލަކް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް, ގާފަރު ކީޕަރު ޖެހި ޕެނަލްޓީ މަތަކޮށްފައެވެ.

ކްއާޓާ ޔަގީންކުރުމަށްފަހު ވިލިމާލެއިން އުފާފާޅުކުރަނީ:ފޮޓޯ-އިމޭޖަސްއެމްވީ

ކްއާޓާ ފައިނަލްގައި ވިލިމާލެ ވާދަކުރަން ޖެހޭނީ ކުޑަހުވަދޫއާއެވެ. ކުޑަހުވަދޫ ކްއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ ސޯޅަ ބުރުގައި 3-1 ން ކަނޑިތީމް ބަލިކޮށްގެންނެވެ. މެޗުގައި ކުޑަހުވަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުޙައްމަދު އަޔާޒު އެވެ. އަނެއް ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޖުމެއިލް ޖަމީލް އެވެ.

ލަނޑަށްފަހު ކުޑަހުވަދޫ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އިމޭޖަސްއެމްވީ

ކްއާޓާ ފައިނަލްގައި ތިމަރަފުށި ވާދަކުރާނީ ދެއްވަދޫއާއެވެ. ތިމަރަފުށި ކްއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ ސޯޅަ ބުރުގައި 3-0 ން މާރަންދޫ ބަލިކޮށްގެންނެވެ. ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުالله ޒިޔާން އެވެ. އަނެއް ލަނޑަކީ ބައިކޮޅަށް ވަން ލަނޑެކެވެ.

ގަދަ 16 ބުރުގައި ތިމަރަފުށިން ހޯދީ ފަސޭހަ މޮޅެއް:ފޮޓޯ-އިމޭޖަސްއެމްވީ

ދެއްވަދޫ ކްއާޓާ ފައިނަލަށް ދަތުރުކުރީ 4-2 ން ކެޔޮދޫ ބަލިކޮށްގެންނެވެ. މެޗުގައި ދެއްވަދޫގެ އަހުނަފް ރަޝީދު ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ އަހުމަދު ރާހިލް ރަޝީދު އާއި އަލީ ހައިސަމް (ޗުމްޕު) އެވެ. މޮޅު ކުޅުންތެރިއަކީ ހައިސަމްއެވެ.

ދެއްވަދޫ މޮޅުކޮށްދޭން ރާހިލްއާއި އަހުނަފްވެސް ލަނޑުޖެހި: ފޮޓޯ-އިމޭޖަސްއެމްވީ

ކްއާޓާ ގައި އޭދަފުށްޓަށް އޮތީ ދުވާފަރެވެ. އޭދަފުށި ކްއާޓާ ޔަގީން ކުރީ ގަދަ 16 ބުރުގައި 1-0 ން މައްޗަންގޮޅި ބަލިކޮށްގެންނެވެ. ހަމައެކަނި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ.

އޭދަފުށި ކްއާޓާއަށް ގެންގޮސްދިނީ ސައްޓުގެ ގޯލުން:ފޮޓޯ-އިމޭޖަސްއެމްވީ

ދުވާފަރުން ކްއާޓާ ޔަގީންކުރީ 5-3 ން ހިތަދޫ ބަލިކޮށްގެންނެވެ. ހިތަދޫ ލީޑްވެސް ނެގި މެޗުގައި ދުވާފަރުގެ ލަނޑުތައް ޖެހީ މުޙައްމަދު ނޫހު އިބްރާހީމް, މުޙައްމަދު ޖުމާން އަހުމަދު, އިބްރާހީމް އަނާން އަލީ, އަދި އަބްދުالله ލޫތު އިބްރާހީމް އެވެ. ހިތަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޝާސް ޝަރީފް އެވެ. އަނެއް ލަނޑު ޖެހީ މުޙައްމަދު ސޮބާހު މަންސޫރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓޭ) އެވެ.

ދުވާފަރުން ކްއާޓާ ޔަގީންކުރީ ހިތަދޫ ބަލިކޮށްގެން:ފޮޓޯ-އިމޭޖަސްއެމްވީ

ގަދަ ސޯޅަ ބުރުގައި މަތިވެރިއާ އިސްދޫ ވާދަކުރަން އޮތް މެޗާއި ނައިވާދޫ އާއި ދިއްގަރު ވާދަކުރަން އޮތް މެޗު ވިއްސާރައިގެ ސަބަބުން ވަނީ މިރެއަށް ފަސްކޮށްފައެވެ. އެދެމެޗު ފަށާނީ މިރޭ 8:00 ގައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.