...

ނައިވާދޫ, މަތިވެރި, ދެއްވަދޫ އަދި ދުވާފަރު ޒޯން ޗެމްޕިއަންކަން ހޯދައިފި

163

ނައިވާދޫ, މަތިވެރި, ދެއްވަދޫ އަދި ދުވާފަރުން ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަހަރުގެ ޒޯން އެކެއްގެ ތަށި ނައިވާދޫން އުފުލާލީ ފައިނަލުގައި މާރަންދޫގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިގެންނެވެ. މެޗު ނައިވާދޫން ކާމިޔާބުކުރީ 6-1 ނެވެ.

މެޗުގައި އަބްދުالله ވިސާމް (ވިސާންޓޭ) ތިން ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ނައިވާދޫއަށް ދެން ލަނޑު ޖަހައިދިނީ އަބްދުالله ޝާފިއު (ސާއްޕެ) އާއި މުޙައްމަދު އަސްލަމް އާއި ޔާމިން މުޙައްމަދު އެވެ. ނައިވާދޫން ފަސް ލަނޑު ޖެހިފަހުން މާރަންދޫގެ ލަނޑުޖެހީ ހަސަން އަސްލަމް އެވެ.

ޒޯން އެކެއްގެ މޮޅު ކުޅުންތެރިއަކީ ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާ ވިސާންޓެއެވެ. އަދި ޒޯންގެ ޓޮޕް ސްކޯރަރ އަކީވެސް އޭނާއެވެ. މެޗަށްފަހު ވިސާންޓޭ ބުނީ ކާމިޔާބީއަކީ ހުރިހާ ކުޅުންތެރިންގެ މަސައްކަތް ކަމަށާއި, މެޗު ދިޔައީ ތައްޔާރުވި ގޮތަށް ކަމަށެވެ.

ޒޯން 4 ގެ ޗެމްޕިއަން މަތިވެރި: ފޮޓޯ-އިމޭޖަސްއެމްވީ

މަތިވެރިން ޒޯން 4 ގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކެޔޮދޫއާ ވާދަކޮށް 5-2 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ދެފަހަރަށް ކެޔޮދޫން ލީޑް ނެގިނަމަވެސް މަތިވެރިން ވަނީ ނަތީޖާ އަނބުރާލާފައެވެ. މަތިވެރީގެ ލަނޑުތައް ޖެހީ އަހުމަދު ފިރާޝް, މުޙައްމަދު ޒާހިދު ސައީދު, އަލީ އަލްސަން އަދި އަބްދުالله ފިޒާން އެވެ. ކެޔޮދޫގެ ދެ ލަނޑު ޖެހީ އަހުމަދު ރަޝީދު (12) އާއި އަހުމަދު ރަޝީދު (20) އެވެ.

ޒޯން 1 އަދި ޒޯން 4 ގެ ވީޑިއޯ ރިޕޯރޓް

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މަތިވެރީގެ އަލްސަންއެވެ. އަދި ޒޯނުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މިޒޯނުގެ ޓޮޕް ސްކޯރަރ އަކީ ކެޔޮދޫގެ އަހުމަދު ރަޝީދު (އައްމަޑޭ) 12 އެވެ.

ޒޯން 7 ގެ ތަށި ދެއްވަދޫން އުފުލާލަނީ: ފޮޓޯ-އިމޭޖަސްއެމްވީ

ދެއްވަދޫން ޒޯން 7 ގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 3-1 ން ހިތަދޫ ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ތިން ލަނޑުވެސް ޖެހީ ދެއްވަދޫންނެވެ. އެޓީމްގެ ތިން ލަނޑު ޖެހީ މުޙައްމަދު އިމްރާން (އިއްމި) އާއި އަހުނަފް ރަޝީދު އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ހިތަދޫގެ ހަމައެކަނި ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަދި ޒޯނުގެ މޮޅު ކުޅުންތެރިއަކީވެސް ރާހިލް އެވެ. ޓޮޕް ސްކޯރަރ އަކީ މަރަދޫގެ ހަސަން ލައުހު އެވެ.

ޒޯން 2 ގެ ތަށި ދުވާފަރުން އުފުލާލަނީ: ފޮޓޯ-އިމޭޖަސްއެމްވީ

ޒޯން ދޭއްގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ ފައިނަލްގައި 2-0 ން ކަނޑިތީމް ބަލިކޮށްގެންނެވެ. މެޗުގައި ދުވާފަރުގެ ދެ ލަނޑު ޖެހީ އިބްރާހީމް އަނާން އަލީ އާއި އަހުމަދު އީސާއެވެ.

މިޒޯންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ދުވާފަރުގެ މުޙައްމަދު އިސާމް (ޝާންޓެ) އެވެ. މިޒޯންގެ ޓޮޕް ސްކޯރަރ އަކީވެސް އަދި މޮޅު ކުޅުންތެރިއަކީވެސް ޝާންޓެއެވެ.

ޒޯން 2 އަދި ޒޯން 7 ގެ ވީޑިއޯ ރިޕޯރޓް

މުބާރާތުގައި ކުރިއަށް އޮތީ ގަދަ 16 ޓީމް ވާދަކުރާ ނޮކްއައުޓް ބުރެވެ. ނޮކްއައުޓް ބުރުގެ ގުރުނެގުންވެސް ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. ނޮކްއައުޓް ބުރުގައި ފުރަތަމަ ވާދަކުރާނީ ދުވާފަރާއި ހިތަދޫއެވެ. ދެވަނަ މެޗުގައި އޭދަފުށި ވާދަކުރާނީ މައްޗަންގޮޅި އާއެވެ. ތިންވަނަ މެޗުގައި ނައިވާދޫ ވާދަކުރާނީ ދިއްގަރާއެވެ. މަތިވެރި ވާދަކުރާނީ އިސްދޫއާއެވެ. ތިމަރަފުށި ވާދަކުރާނީ މާރަންދޫއާއެވެ. ދެއްވަދޫއަށް އޮތީ ކެޔޮދޫއެވެ. ކުޑަހުވަދޫ ވާދަކުރާނީ ކަނޑިތީމާއެވެ. ފަހު މެޗުގައި ވިލިމާލެ ވާދަކުރާނީ ގާފަރާއެވެ. ގަދަ 16 ބުރުގެ 8 މެޗުވެސް ކުޅޭނީ އަންނަ ބުރާސްފަތި (ފެބްރުއަރީ 5) ގައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.