...

މަގޫދޫ, ކަނޑިތީމް, ދިއްގަރު, އޭދަފުށި, ނައިވާދޫ, ކުޑަހުވަދޫ އަދި ކުރެންދޫން ޗެމްޕިއަންކަން ހޯދައިފި

212

ފ. މަގޫދޫ, ކަނޑިތީމް, ދިއްގަރު, އޭދަފުށި, ނައިވާދޫ އަދި ކުރެންދޫން ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

މަގޫދޫން އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 2-1 ން ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި މަގޫދޫގެ ދެ ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މަގޫދޫ ކެޕްޓަން މޫސާ މާހިލ މިގްދާދު އެވެ. ފ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ނިލަންދޫގެ ލަނޑު ޖެހީ ހަސަން ރާއިދު އެވެ. ފ.އަތޮޅުގެ ޓޮޕް ސްކޯރަރއަކީވެސް ރާއިދު އެވެ.

ދ.ޗެމްޕިއަން ކުޑަހުވަދޫން ތަށި އުފުލާލަނީ: ފޮޓޯ-އިމޭޖަސްއެމްވީ

ދ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ކުޑަހުވަދޫއެވެ. އެއީ ފައިނަލްގައި މާއެނބޫދޫއާ ވާދަކޮށް, ފުރިހަމަ ވަގުތު 1-1 ން އެއްވަރުވެ, ޕެނަލްޓީގައި 6-5 ން ކުރި ހޯދައިގެންނެވެ. މެޗުގެ ތެރެއިން މާއެނބޫދޫއަށް ލަނޑުޖަހާ ލީޑް ނަގައިދިނީ އަހުމަދު އިޔާނު އެވެ. ކުޑަހުވަދޫން ނަތީޖާ ހަމަހަމަކުރީ މުޙައްމަދު އަޔާޒުގެ ލަނޑުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އަޔާޒު އެވެ. ދ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީ އަދި ޓޮޕްސްކޯރަރ އަކީ މާއެނބޫދޫގެ އާމިލް އަލީ އެވެ. ނަމަވެސް މެޗުގައި ރެފްރީގެ ނިންމުމަކާ ދެކޮޅު ހެދުމަށް އޭނާ ވަނީ ޓްރޮފީއާ ހަވާލުވާން އިންކާރުކޮށްފައެވެ.

https://youtu.be/aObzmhCBp94
މ އަދި ޅ އަތޮޅު ފައިނަލާ ގުޅޭ ވީޑިއޯ ރިޕޯރޓް

މ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ދިއްގަރެވެ. އެއީ ފައިނަލްގައި 4-1 ން މަޑުއްވަރި ބަލިކޮށްގެންނެވެ. މެޗުގައި ދިއްގަރުގެ އިސްމާއީލް ޒަޔާން ތިން ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ ހުސެއިން ފާރިސް އެވެ. މަޑުއްވަރީގެ ލަނޑު ޖެހީ ތޮލާލް ނަސީރު އެވެ. މ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީވެސް ތޮލާލް އެވެ. ޓޮޕްސްކޯރަރ އަކީ ނާލާފުށީގެ އަހުމަދު ރަފާހު އެވެ.

ޅ.އަތޮޅުގެ ތަށި ކުރެންދޫން އުފުލާލަނީ: ފޮޓޯ-އިމޭޖަސްއެމްވީ

ޅ.އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫން ހޯދީ ފައިނަލްގައި ނައިފަރާ ވާދަކޮށް, މެޗުގެ އެންމެ ފަހުވަގުތު ޖެހި ލަނޑުން ކުރި ހޯދައިގެންނެނެ. މެޗު ކުރެންދޫން ކާމިޔާބުކުރީ 2-1 ނެވެ. ކެޕްޓަން އަބްދުލްވާހިދު އިބްރާހީމް (ވާޑު)ގެ ލަނޑުން ކުރެންދޫ ކުރިހޯދާފައި ވަނިކޮށް, މުޙައްމަދު އިޒާން އަލީ ލަނޑު ޖަހާ ނައިފަރަށް އެއްވަރުކޮށްދިނެވެ. ކުރެންދޫން ފަހުވަގުތު ތަށި ހޯދީ މުހައްމްދު ނަބީހުގެ ލަނޑުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަދި ޅ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީ ކުރެންދޫގެ ވާޑުއެވެ. ޓޮޕްސްކޯރަރ އަކީ ނައިފަރު ކެޕްޓަން ހުސެއިން ފައިސަލް (ފައިޓޯ) އެވެ.

ހދ.އަތޮޅުގެ ތަށި ނައިވާދޫން އުފުލާލަނީ:ފޮޓޯ-އިމޭޖަސްއެމްވީ

ނައިވާދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 4-2 ން ނޮޅިވަރަންފަރު ބަލިކޮށްގެންނެވެ. މެޗުގައި ނައިވާދޫގެ މުޙައްމަދު އަސްލަމް އާއި ހުސެއިން މައިޝާން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަތޮޅުގެވެސް މޮޅު ކުޅުންތެރިޔާ ހުސެއިން މައިޝާން އެވެ. ޓޮޕް ސްކޯރަރ އަކީ ނޮޅިވަރަންގެ ހަމްޒާ އަބޫބަކުރެވެ.

ބ.އަތޮޅުގެ ތަށި އޭދަފުށިން އުފުލާލަނީ: ފޮޓޯ-އިމޭޖަސްއެމްވީ

އޭދަފުށި ތަށި ދިފާއުކުރީ 2-0 ން ދަރަވަންދޫ ބަލިކޮށްގެންނެވެ. މެޗުގެ ދެވަނަ ހާފްގައި އޭދަފުށީގެ ދެ ލަނޑު ޖެހީ މުއާޒު އަލީ އާއި ހުސެއިން ޝަރީފް (މުޑާ) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަތޮޅުގެވެސް މޮޅު ކުޅުންތެރިޔާ މުޑާއެވެ. ޓޮޕް ސްކޯރަރ އަކީވެސް އޭނާއެވެ.

ކަނޑިތީމުން ށ.އަތޮޅު ތަށި އުފުލާލުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

ށ.އަތޮޅުގެ ތަށި އަލުން ކަނޑިތީމް ހޯދީ ފައިނަލްގައި 5-0 ން ފޯކައިދޫ ބަލިކޮށްގެންނެވެ. ހަވަނަ އަތޮޅު ތަށި ހޯދަން ފައިނަލް މެޗުގައި ރައުލް ނިޔާޒު ތިން ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ ކެޕްޓަން އިބްރާހީމް ނަދާދު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަތޮޅުގެ މޮޅު ކުޅުންތެރިޔާ ރައުލްއެވެ. ޓޮޕް ސްކޯރަރ އަކީވެސް ރައުލް އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.