ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގއ.އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫން ހޯދައިފިއެވެ. ކަނޑުހުޅުދޫން އަތޮޅު ތަށި އުފުލާލީ ފައިނަލްގައި 3-0 ން ދެއްވަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގައި ކަނޑުހުޅުދޫއަށް ލީޑްނަގައިދިނީ ކެޕްޓަން މުޙައްމަދު ޒައިން ނިޔާޒު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އަނެއް ދެ ލަނޑު ޖެހީ އިބްރާހީމް ރައިޝް އަބްދުލް އަޒީޒު އާއި އިސްމާއީލް އަންވާރު އެވެ.

މުބާރާތުގެ ގއ.އަތޮޅުގެ ޓޮޕް ސްކޯރަރއަކީ ކަނޑުހުޅުދޫގެ އަހުނަފް ޒާހިރުއެވެ. އަތޮޅުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ.
މުބާރާތުގެ ރ.އަތޮޅުގެ ފައިނަލުން ޖާގަ ހޯދީ ދުވާފަރާއި އިނގުރައިދޫއެވެ. މިދެޓީމްގެ އިތުރުން އަލިފުށިވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވިއެވެ. ދުވާފަރަށް އެއްވަނަ ލިބުނީ ފައިދާ ގޯލުންނެވެ. އިނގުރައިދޫއަށް ދެވަނަ ލިބުނީ އަލިފުށްޓާ ފައިދާ ގޯލުވެސް އެއްވަރުވެ, ޖެހި ގޯލުންނެވެ.
އަލިފުށި ކެޓީ ފަހު މެޗުގައި އިނގުރައިދޫއާ ވާދަކޮށް, ބަލިވެގެންނެވެ. ބަލިވިޔަސް ފައިނަލުން ޖާގަލިބެން އޮތް އަލިފުށްޓަށް ފުރުޞަތު ބަންދުވީ ފަހު ވަގުތު އަލީ ހާފިޒު (ހާއްޕެ) ޖެހި ލަނޑުންނެވެ.

މުބާރާތުގެ އއ.އަތޮޅުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ބޮޑުފޮޅުދޫއެވެ. ފައިނަލްގައި ވާދަކުރާނީ މަތިވެރިއާއެވެ. ހއ.އަތޮޅު ފައިނަލުން ޖާގަހޯދީ މާރަންދޫ އާއި ކެލައެވެ. ނ.އަތޮޅު ފައިނަލްގައި ވާދަކުރާނީ ހޮޅުދޫ އާއި މާޅެންދޫ އެވެ. ވ.އަތޮޅު ފައިނަލުގައި ވާދަކުރާނީ ކެޔޮދޫ އާއި ފެލިދޫ އެވެ.
