ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގދ.އަތޮޅު ފައިނަލުން ވާދޫ އާއި ހޯޑެއްދޫ އަދި އައްޑޫ ސިޓީގެ ފައިނަލުން ހިތަދޫ އާއި މަރަދޫ ޖާގަ ހޯދައިފިއެވެ.
ގދ.އަތޮޅު ފައިނަލުން ވާދޫ ޖާގަ ހޯދީ ސެމީފައިނަލްގައި 6-1 ފިޔޯރީ ބަލިކޮށްގެންނެވެ. މެޗުގައި މުސައްނިފު މުޙައްމަދު 3 ގޯލު ޖެހިއެވެ. މެޗުގައި ދެން ވާދޫއަށް ގޯލުތައް ޖަހައިދިނީ އަހުމަދު އަޔާޒު (އަޔާ) އާއި އަބްދުالله އާހިލް އާއި އިބްރާހީމް ޝައުފް މުޙައްމަދެވެ. ފިޔޯރީގެ ލަނޑު ޖެހީ މުޙައްމަދު ނާހިލް އެވެ.

ހޯޑެއްދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 3-2 ން މަޑަވެލި ބަލިކޮށްގެންނެވެ. ފުރަތަމަ ހާފްގައި މަޑަވެލިން ލީޑް ނަގާފައިވަނިކޮށް, ހޯޑެއްދޫން ނަތީޖާ އަނބުރާލީ މުޙައްމަދު ލަފާފް އާއި އަހުމަދު ޝާނިއު އާއި ހުސައިން ޝިފާއުގެ ލަނޑުންވެ. މަޑަވެލީގެ ދެ ލަނޑު ޖެހީ އަހުމަދު ސިނޫ އާއި ޔައިޝް މުސްތަފާ އެވެ.

އައްޑޫ ސިޓީގެ ފައިނަލުން މަރަދޫ ޖާގަ ހޯދީ 3-1 ން މީދޫ ބަލިކޮށްގެންނެވެ. މެޗުގައި މަރަދޫގެ ތިން ލަނޑު ޖެހީ ހަސަން ލައުހު އާއި މުޙައްމަދު ޝަހާއު އާއި ހަސަން އަތުފް އެވެ. މީދޫގެ ލަނޑު ޖެހީ އަބުދުالله ވިޝާލު އެވެ. ހިތަދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 4-2 ން ފޭދޫ ބަލިކޮށްގެންނެވެ. މެޗުގައި ހިތަދޫގެ ލަނޑުތައް ޖެހީ ހާޒިމް ފައުޒީ އާއި މުޙައްމަދު ދާނިޝް އާއި މުޙައްބަދު ސަބާހު އެވެ. ފޭދޫގެ ދެ ލަނޑު ޖެހީ މުޙައްމަދު ސަޔަމް ސައީދު އާއި އަލީ ނާފިއު އެވެ.

މުބާރާތުގެ ލ.އަތޮޅު ސެމީފައިނަލްގައި ވާދަކުރާނެ ޓީމްތައްވެސް ވަނީ ޔަގީންވެފައެވެ. ސެމީގައި ވާދަކުރާނީ އިސްދޫ އާއި މުންޑޫ އެވެ. އަދި މާވަށާއި ގަމެވެ. އިސްދޫ ވަނީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި 4-2 ން ދަނބިދޫ ބަލިކޮށްފައެވެ. އަދި ގަމުން ވަނީ 2-0 ން ފޮނަދޫ ބަލިކޮށްފައެވެ. މުންޑޫގެ ފަހު މެޗު ކަލައިދޫއާ ވާދަކޮށް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މާވަށް ގްރޫޕްގެ އެއްވަނަ ހޯދީ 2-0 ން ކުނަހަންދޫ ބަލިކޮށްގެންނެވެ.

މުބާރާތުގައި ނ.އަތޮޅުގެ ފުރަތަމަ ދެ މެޗުގެ ތެރެއިން ހޮޅުދޫ ވަނީ 2-0 ން ހެނބަދޫ ބަލިކޮށްފައެވެ. މާޅެންދޫ އާއު ވެލިދޫ ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

ރ.އަތޮޅުގައި ދުވާފަރުން ވަނީ 4-1 ން އިނގުރައިދޫ ބަލިކޮށްފައެވެ. އަދި އަލިފުށިން ވަނީ ފައިނު ކޮޅަށް 7 ގޯލް ޖަހާފައެވެ. މެޗު އަލިފުށިން ކާމިޔާބުކުރީ 7-1 ނެވެ. 119 ޓީމް ވާދަކުރާ މިމުބާރާތަކީ ރާއްޖޭގެ އެންމެ ބޮޑު, އެންމެ ގިނަބައެއްގެ ޝާމިލްވުން އޮތް އެންމެ ވާދަވެރި ފުޓްސަލް މުބާރާތެވެ.
ނޯޓް: ވީޑިއޯ ރިޕޯރޓްގައި ހިތަދޫން ފޭދޫ ބަލިކުރީ 7-2 ން ކަމަށް ބުނެވިފައިވަނީ އޮޅަުމަކުން, ރަނގަޅު ގޮތަކީ ހިތަދޫ މެޗު ކާމިޔާބުކުރީ 4-2 ން
