...

ހުޅުދެލި ރައްޔިތުން ‘އަލިފުޅު ތުނޑި’ އަށް!

896

މިދިޔަ ބުދަ ދުވަހު ހަވީރު ދ.ހުޅުދެލި ރައްޔިތު އެންމެން ޖަމާވެތިބީ އެރަށު ތުނޑިއަށެވެ. އަލިފުޅު ތުނޑިއަށެވެ. އެއީ އެރަށުގެ ރައްޔިތުންނަށް ބޮޑު އީދެކެވެ. އެރަށުގެ ރީތި ހިތްގައިމު ތުނޑިއަށް ވަރަށްބޮޑު ދިރުމެއް ގެނައީއެވެ. އެތުނޑި ވަރަށް ފުރިހަމައަށް ތައްޔާރުކޮށް, ރައްޔިތުން ހިތްހަމަ ޖައްސާލަން އަބަދުމެ އައިސް ތިބެވޭނެ ތަނެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވީއެވެ.

ހުޅުދެލި ތުނޑީގައި އެރަށު ރައްޔިތުން: ފޮޓޯ-ޙަފްޞީ

އަލިފުޅު ތުނޑީގައި ބާބެކިޔު ސަރަހައްދެއް ތަރައްޤީކޮށް ރައްޔިތުންނަށް ހަދިޔާކުރީ ‘ހުޅުދެލި އައިލެންޑް ސޯޝަލް އެންޑް ސްޕޯރޓްސް އެސޯސިއޭޝަން’ “ޙިއްޞާ” ޖަމްއިއްޔާއިންނެވެ. ގޮންޖެހުންތަކާއެކު އެތައް ދުވަހެއްގެ މަސައްކަތުން އެތަން ތަރައްޤީކޮށް ނިންމާ ކައުންސިލާ ހަވާލުކުރީ ރައްޔިތުން ހެއްވާލާ ފަދަ ފުރިހަމަ ތަނެއްގެ ގޮތުގައެވެ. މޫދުއެރުމަށްފަހު ފެންވެރޭނެ އިންތިޒާމާ އެކުއެވެ. ވިއްސާރައަސް ބާބެކިޔު ހެދޭނެއެވެ. ގަދަ ހޫނާއި ވިއްސާރައިގައި ނުޖެހި ކިތަންމެ އިރަކުވެސް މަޑުކޮށްލައިގެން ތިބެވޭނެ ހަޓްތަކާއެކުއެވެ. ކުޑަކުދިންނާއި ބޮޑަތި މީހުންނަށް އުނދޯލިތަކެވެ. އެންމެ ތުއްތުކުދިން ވެއްޔާ ކުޅެން ޚާއްސަ ސަރައްހައްދެއްވެސް ހިމެނެއެވެ.

ހުޅުދެލި ރައްޔިތުން އެރަށު އަލިފުޅު ތުނޑީގައި: ފޮޓޯ-ޙަފްޞީ

ތަނަށް ހިތްގައިމުކަން ގެނެސް ފުރިހަމަ ކުރުމަށް އެރަށުގެ ފަންނުވެރިންގެ މަސައްކަތްތަކެވެ. ކުރެހުންތަކެވެ. މަސައްކަތް ނިންމާލުމަށްފަހު ކައުންސިލާ ހަވާލުކުރުމަށްފަހު ހިއްސާ ޖަމްއިއްޔާގެ ރައީސް އަހުމަދު ނަސްރު ބުނީ ރައްޔިތުންގެ މޫނުމައްޗަށް ބޮޑު ހިނިތުންވުމެއް ގެނެސްދެވުމުން ބަޔާބްކުރަން ދަތި އުފަލެއް ޖަމްއިއްޔާގެ މެމްބަރުންނަށް ލިބިއްޖެ ކަމަށެވެ.

ޔޫތް މިނިސްޓްރީން ހުޅުވާލި ޕްރޮޖެކްޓަކަށް ޕްރޮޕޯސަލް ހުށަހަޅާ, ކާމިޔާބުކޮށްގެން އެތަން ތަރައްޤީކޮށް ނިންމާލީ ހަމަޖެހުނު ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ހޭދަކޮށްގެންނެވެ. 1 ލައްކަ 70 ހާހެއް ރުފިޔާގެ ގްރާންޓެއް ލިބުނު ނަމަވެސް, އެތަން ފުރިހަމަކުރަން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް ހިއްސާ ޖަމްއިއްޔާގެ ރައީސް ވިދާޅުވިއެވެ. އެމަސައްކަތުގައި ޖަމްއިއްޔާގެ މެމްބަރުން ކުރި ބުރަ މަސައްކަތާއި, ހެޔޮއެދޭ ފަރާތްތަކުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކުރިއެވެ. ވަކިން ކާއްޞަކޮށް އާދަމް އަލީގެ ނަން އޭނާ ފާހަގަކުރިއެވެ.

އަޅުގަނޑު މިއަދު މިހުރީ ވަރަށް އުފާވެފަ. ވަރަށް ދުވަސްވެއްޖެ މިޕްރޮޖެކްޓްގެ މަސައްކަތް އަޅުގަނޑުމެން ހަމަ ކުރިއަށް ގެންގޮސް ނުނިމިގެން, އެތައް ގޮންޖެހުންތަކަކާއެކު މިއަދު މިނިންމާލެވި, އެކަމުގެ އުފާ ރައްޔިތުން ފާޅުކުރަމުންދާތަން ފެނުނީމާ މިހުރީ ހަގީގަތަށްވެސް ވަރަށް އުފާވެފަ.

ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިއީ ޖަމްއިއްޔާއަކުން ހުޅުދެއްޔަށް ކޮށްދިން އެންމެ ބޮޑު މަސައްކަތް ކަމަށެވެ. މިކަން އުފަލާއެކު ކައުންސިލުން ފާހަގަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލުން ވަނީ ހިއްސާ ޖަމްއިއްޔާގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަޅުގަނޑު އެދެނީ ޖަމްއުއްޔާއިން އަދި ކައުންސިލާ ހަވާލުކުރިނަމަވެސް މިތަނުގައި ހުރި ކަންކަން ހަމަ ރަނގަޅު ގޮތުގައި އެއްބާރުލުންދީ އެހީތެރިކަންދީގެން މިތަން ކުރިއަށް އޮތްތާނގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްދޭން މަސައްކަތްކޮށްދިނުން.

ހުޅުދެލި އަލިފުޅު ތުނޑި ތަރައްޤީކޮށް ހުޅުވުން ފާހަގަކުރީ ރައްޔިތުން އެއްވެ ކުރިއަށް ގެންދިޔަ އުފާވެރި ބާބެކިޔު އަކުންނެވެ. އެކަމުގައި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވިއެވެ. މިއީ ކްލަބް ޖަމްއިއްޔާތަކަށް ނަމޫނާ މަސައްކަތެކެވެ. ފުރިހަމަ މަސައްކަތެކެވެ. ހިއްސާ ޖަމްއިއްޔާއަށް އައްސަރިބަހާއި ސާބަހެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.