“މިރަށަކީ ކުޅިވަރުގައި ބޮޑު ރަށެއް. މިއީ ކުޅިވަރުގައި ކުޑަ ރަށެއްނޫން.” ނ.ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވީ ނަލަނަލަ ހެނބަދޫ ފުޓްސަލް މުބާރާތާއި ހޭންޑްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކައުންސިލް ރައީސް ކަމުގައި ހަތަރުވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ރައީސް އެއިޝާރާތް ކުރެއްވީ އެރަށް ކުޑަވެފައި އާބާދީ މަދަސް ކުޅިވަރުގައި އެރަށަކީ އަތޮޅުގެ ޗެމްޕިއަނެއް ކަމެވެ. އެއީ ވޮލީބޯޅައިގައި އަތޮޅުގެ ޗެމިއަނެކެވެ. ފުޓްސަލްގައިވެސް ދާދިފަހުން އެރަށު ޒުވާން ޓީމް ވަނީ އަތޮޅުގެ ތަށްޓެއް އުފުލާލާފައެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު އެރަށުގައި އެފެށީ ފަސްވަނަ ފުޓްސަލް މުބާރާތެވެ. އަދި ތިންވަނަ ހޭންޑްބޯޅަ މުބާރާތެވެ. ގަވާއިދުން މުބާރާތް ބާއްވަމުން ގެންދަނީ އަހަރަކަށްވުރެ އަހަރެއް ފެންވަރު ރަނގަޅު ކޮށެވެ. މިހާރު އަމާޒު ހިފާފައިވަނީ އަތޮޅަށް ހުޅުވާލައިގެން މުބާރާތް ބޭއްވުމަށެވެ.
މިފަހަރުގެ މުބާރާތަށް އައި އެންމެ ބޮޑު ބަދަލަކީ ފެންނަ ފެނުމަށް ކުޑަ, އެހެނަސް ބޮޑު ބަދަލެކެވެ. މުބާރާތުގެ ނަމުގެ ކުރިއަށް ‘ނަލަނަލަ ހެނބަދޫ’ އިތުރު ކުރުމެވެ. އެރަށު ކައުންސިލާއި ރައްޔިތުންވެސް އެރަށް ޕްރޮމޯޓް ކުރަން ބޭނުންވަނީ ނަލަނަލަ ރަށެއްގެ ގޮތުގައެވެ. އެއީ އެރައްޔިތުން ގަބާލުކުރާ ގޮތްވެސް މެއެވެ.

ކުޅިވަރުގެ ގޮތުންނާއި ހުރިހާގޮތަކުންވެސް ހެނބަދޫއަކީ ނަލަ ރަށެއްކަން އަންގައިދޭން ބޭނުންވަނީ. މިފަހަރުގެ މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ އެއީ.
މިފަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމް ވާދަކުރެއެވެ. އެއި ފުޓްސަލްގައި 4 ޓީމް ހޭންޑްބޯޅައިގައި 4 ޓީމެވެ. ފުޓްސަލް ފުރަތަމަ މެޗު ޑްރިބަލް އެކްސްއާ ވާދަކޮށް 2-1 ން ކާމިޔާބުކުރީ ޑީޓޫ ސްޕޯރޓްސް ކްލަބެވެ. ހޭންޑްބޯޅަ ފުރަތަމަ މެޗު ރައިޒިންގ ސްޓަރ ޖޫނިއަރއާ ވާދަކޮށް ކާމިޔާބުކުރީ ފަތްމިނި އެވެ.
މުބާރާތް މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
