ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ކިންގްސް ޔުނައިޓެޑާއި ޓީމް ދޮންފަން ހޯދައިފިއެވެ.. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓީމް ދޮންފަން އެވެ.
ކިންގްސް ޔުނައިޓެޑް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސުޕަރ ކިންގްސް 6-2 ން ބަލިކޮށްގެންނެވެ. މެޗުގައި ޝާފިއު ސުޢޫދު (ބޮއްބެ) ތިން ލަނޑު ޖެހިއެވެ. އީމާން އިލްޔާސް ދެލަނޑު ޖެހިއެވެ. ދެން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ކިރްގިސްތާނުގެ އުލާން އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ މާޅޮސް އެފްސީގެ އިބްރާހީމް ސިމާހު (ތަޑޭ), ސްޕަރ ކިންގްސްގެ އަބްދުالله ސުޒެއިރު, ކިންގްސް ޔުނައިޓެޑްގެ އީމާން އިލްޔާސް, އަދި ކިންގްސް ޔުނައިޓެޑްގެ ކީޕަރު މުޙައްމަދު ރަޝްވާން އެވެ. ރަންބޫޓް ހޯދީ ބޮއްބެގެ އިތުރުން ކިންގްސް ޔުނައިޓެޑްގެ ސާމިހު އަލީ ޝަރީފް އެވެ. މޮޅު ކޯޗަކީ ކިންގްސްގެ ޔުނައިޓެޑްގެ ކޯޗު އަފްރާޙު މުޙައްމަދެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ދޮންފަން ހޯދީ ފައިނަލްގައި ކްއީންސް ޔުނައިޓެޑާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވުމުން ޖެހި ޕެނަލްޓީ ޝޫޓް އައުޓްގައި ދޮންފަން ކުރި ހޯދީ 3-1 ނެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ފުރަތަމަ ހާފްގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރިހޯދީ ކްއީންސް ޔުނައިޓެޑުންނެވެ. އެޓީމްގެ ދެ ލަނޑު ޖެހީ ސަރާ ނަސީމް އާއިމަރިޔަމް ނަޒާހަތު އެވެ. ދޮންފަނަށް ނަތީޖާ ހަމަހަމަކޮށްދިނީ ފާތިމަތު މުނާ އާއި އާމިނަތު ފަޒްލާގެ ލަނޑުންނެވެ. ޕެނަލްޓީގައި ކްއީންސް ޔުނައިޓެޑަށް ކާމިޔާބުވީ ޝާނިޔާ އަހުމަދު ނިޒާމް ޖެހި ޕެނަލްޓީއެވެ. ޝޫޓް އައުޓްގައި ކީޕަރަށް ކުޅުނު ޝާނިޔާ އެއް ޕެނަލްޓީ މަތަކުރިއެވެ. ދޮންފަން ޓީމުން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ޝާނިޔާއެވެ. ރަންބޫޓް ތިން ކުޅުންތެރިއަކު ހިއްސާކުރިއެވެ. އެއީ ކްއީންސް ޔުނައިޓެޑްގެ ސަރާ ނަސީމް އާއި ޓީމް ދޮންފަންގެ މަރިޔަމް ރަނާ އާއި ފާތިމަތު ނިހާމާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ނިހާމާ އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޝާނިޔާގެ އިތުރުން ހިމެނެނީ ކްއީންސް ޔުނައިޓެޑްގެ ނަޒާހަތު އާއި ދޮންފަންގެ އާއިޝަތު މުނާ އާއި ފާތިމަތު ނިހާމާ އާއި އާމިނަތު ފަޒްލާ އެވެ. ފެއަރ ޕްލޭ ޓީމަކީ ދޮންފަނެވެ. މޮޅު ކޯޗަކީ ދޮންފަނުގެ އަބްދުލްޣަފޫރު ހަސަން އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 60,000 ރުފިޔާ އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ ވަނީ ދީފައެވެ.
