ދާދިފަހަކާ ޖެހެންދެންވެސް މިރަށު ރައްޔިތުންނަށް އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ޕިކްނިކް ދާނެ ތަނެއް ނެތުމެވެ. ރަށާ ކައިރީގައި ފަޅު ރަށެއް ނެތުމުންނާވެސް އެކު ކުދިން ގޮވައިގެން މޫދަށް އެރިލާނެ ތަނެއް ނެތުމެވެ. އާއިލާތައް އެކުގައި ދަތުރުގޮސްލާނެ ތަނެއް ނެތުމެވެ.

ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ މިރަށުގައި ފަތުރުވެރިންނަށް ޚާއްސަކޮށް މޫދު އެރޭނެ ސަރަހައްދެއް އޮވެއެވެ. ފަތުރުވެރިންގެ ބީޗް އޮވެއެވެ. އެހެންކަމުން ކައުންސިލުން ވިސްނީ ރައްޔިތުންނަށްވެސް އެފަދަ ތަނެއް އޮންނަން ޖެހޭނެ ކަމަށެވެ. އެމަސައްކަތަށް އިސްނަގާ އަމަލީ ގޮތުން މަސައްކަތް ފެށީ ކައުންސިލުންނެވެ. ކައުންސިލް މެމްބަރުންނާއި މުވައްޒަފުންނެވެ. މިލިޔުމުގެ އެންމެ ތިރީގައިވާ ވީޑިއޯއިން އެފެންނަ ޕިކްނިކް ބީޗަކީ ދަރަވަންދޫ ކައުންސިލުން އެރަށު ރައްޔިތުންނަށް ދިން ހަދިޔާއެކެވެ.
މިތަނުގައި އުނދޯނި އެބަހުއްޓެވެ. ޖޯލިތައް އެހުރީ ފަހުގައި އެލުވާފައެވެ. މަޑުކޮށްލައިގެން ތިބޭނެ ގޮނޑިއާއި އަށި އެބަހުއްޓެވެ. ބާބަކިޔު ހެދޭނެ ވަސީލަތްތައް އެބަހުއްޓެވެ. ހިޔާކޮށްފައިވާ ‘އެންދެރިގެ’ އެބަހުއްޓެވެ.

އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ވެފައި އޮތް ކުޑަކުދިންނަށް މޫދު އެރެން ރައްކާތެރި މޫދެއް އެބައޮތެވެ. އެއްވެސް ކަންބޮޑުވުމެއް ނެތި ކުދިން އެތަނަށް ދޫކޮށްލާފައިވާ ބެލެނިވެރިންނަށް ތިބެވޭނެ ފަދަ ކުޑަ މޫދެކެވެ. ފާޚާނާ ކުރަންވެސް ގެއަށް ދާކަށް ނުޖެހެއެވެ. އަންހެނުންނަށް ވަކި ފާޚާނާއެއް އަދި ފިރިހެނުންނަށް ވަކި ފާޚާނާއެއް ވަނީ ޤާއިމްކޮށްފައެވެ.
ނަމާދު ވަގުތު ޖެހުނު ނަމަވެސް ދަތުރުކުރުކޮށް އެނބުރި ގެއަށް ނުވަތަ މިސްކިތަށް ދާން ނުޖެހޭނެ މިންވަރަށް މިތަން ވަނީ ތައްޔާރުކޮށްފައެވެ. ހެޔޮ އެދޭ ފަރާތަކުން މިތަނުގައި ވަނީ ނަމާދުގެ އެއް ތައްޔާރުކޮށްދީފައެވެ. އެހެންކަމުން މިސަރަހައްދު މިއޮތީ ހަމަ ރަނގަޅަށްވެސް ޕިކްނިކް ބީޗެއްގެ ގޮތުގައި ފުރިހަމައަށް ތައްޔާރުކޮށްފައެވެ.
މިއީ ކައުންސިލް މުވައްޒަފުން އެމީހުންގެ އަތުން މަސައްކަތްކޮށް, ރަށު ރައްޔިތުންނަށް ދިން ހަދިޔާއެކެވެ.
