ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ޓީމް ކިހާދޫ ވެއްޖެއެވެ.
ޓީމް ކިހާދޫ ސެމީގެ ޖާގަ ޔަގީންކުރީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ, 6 ޕޮއިންޓާއެކުއެވެ. ދެވަނަ މެޗުގައި ދަރަވަންދޫ ވެޓަރެންސް އެފްސީ އަތުން މޮޅުވީ 3-0 ނެވެ. މެޗުގައި ކިހާދޫގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން އަހުމަދު އާހިލް އާމިރު އެވެ. ފަހު ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން ހަނާން އެވެ.

މިގްރޫޕުން ދެވަނައިގައި އޮތީ 4 ޕޮއިންޓާއެކު މާޅޮސް އެފްސީ އެވެ. ފުރަތަމަ މެޗު ކާމިޔާބުކުރި މާޅޮސް ދެވަނަ މެޗުގައި ފެލްކޮން ޔުނައިޓެޑާ ވާދަކޮށް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފެލްކޮއިން އިންނެވެ. އެޓީމަށް ލީޑް ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޝިމާން އެވެ. މާޅޮހަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހީމް ސިމާހު (ތަޑޭ) އެވެ. މިނަތީޖާއާއެކު ފެލްކޮން އޮތީ ދެ މެޗުން ޕޮއިންޓަކާއެކު އަމިއްލަ ބާރު ނެތިއެވެ. ގްރޫޕްގެ ފުލުގައި އޮތީ ދެ މެޗުންވެސް ބަލިވި ވެޓަރެންސް އެފްސީއެވެ. އެމީހުންނަށް ސެމީގެ ފުރުޞަތެއް ނެތެވެ.

އަނެއް ގްރޫޕްގައި ކިންގްސް ޔުނައިޓެޑް ވަނީ ފުރަތަމަ މެޗުގައި ބޮޑު މޮޅެއް ހޯދާފައެވެ. އެއީ މާޅޮސް ވެޓަރެންސްއާ ވާދަކޮށް 8-1 ން ކުރި ހޯދައިގެންނެވެ. މިދެޓީމްވެސް ކުޅުނު ފުރަތަމަ މެޗުގައި ކިންގްސް ޔުނައިޓެޑްގެ އީމާން އިލްޔާސް އާއި ސާމިހު އަލީ ޝަރީފް, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. މޮޅު ކުޅުންތެރިޔަކީ އީމާން އެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ ކިރްގިސްތާންގެ އުލާން, އަހުމަދު ޝައްމާހު, މުޙައްމަދު ޝަހުބާން, އަދި ހުސައިން އާދިލް އެވެ. މާޅޮސް ވެޓަރެންސްގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހީމް ޝަރީފް އެވެ. މިގްރޫޕްގެ އެއްވަނައިގައި އޮތީވެސް ކިންގްސް ޔުނައިޓެޑް އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން ބުދަ ދުވަހުގެރޭ ފަށާނެއެވެ.
