...

ބެޓަރ އިން ބާގެ ބޮޑު ރޭ

607

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް 150,000 ރުފިޔާއެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް 150,000 ރުފިޔާ އެވެ. ދެ ޑިވިޝަންގައިވެސް ރަނަރަޕް ޓީމަށް 75,000 ރުފިޔާއެވެ. މިއީ ކިހާވަރެއްގެ މުބާރާތެއްކަން މިވަރުން ސާފް ވާނެއެވެ.

މިއީ ބެޓަރ އިން ބާ އެވެ. ބ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ މެދުގައި ބާއްވާ އަތޮޅު ފުޓްސަލް މުބާރާތެވެ. ކުރިއަށް އޮތީ ދެ ޑިވިޝަންގެ ފައިނަލް އެވެ. ތިން ވަނަ މުބާރާތުގެ ފައިނަލްގައި ދެ ޑިވިޝަންގައިވެސް އެއްކޮޅުން ވާދަކުރަނީ ފުރަތަމަ ދެ އަހަރުގެވެސް ޗެމްޕިއަން ޓީމެވެ. ދެ ޑިވިޝަންގައިވެސް ތަށި މިލްކް ކުރަން ދެ ރަށަކުން ވަނީ ފައި ނަގާ, ފަހު ފިޔަވަޅަށް ޖެހިލާފައެވެ.

އޭދަފުށި ހުއްޓުވަން ނިކުންނަނީ ހިތާދޫ: ފޮޓޯ-ބ.އަތޮޅު ކައުންސިލް

ފިރިހެން ޑިވިޝަންގެ ތަށި މިލްކް ކުރަން ނިކުންނަނީ މުބާރާތް ބާއްވާ ރަށް އޭދަފުށްޓެވެ. އެކަން ހުއްޓުވަން ނިކުންނަނީ ހިތާދޫ އެވެ. ދެރަށުގެ ރައްޔިތުންނަށްވެސް ތަށި ޔަގީނެވެ. ދެ ޓީމްގެ ކޯޗުންވެސް ބުނީ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. ތަފާތު މޮޅު, ވާދަވެރި ފައިނަލެއް ފެންނާނެކަން ޔަގީނެވެ.

ފައިނަލް މެޗާ ގުޅޭ ވީޑިއޯ ރިޕޯރޓް

އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ގޮއިދޫ އާއި ދޮންފަން އެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަނަކީވެސް ގޮއިދޫއެވެ. ގޮއިދޫއާ ދެކޮޅަށް ނިކުންނަ ދޮންފަންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވަރުބަލިވުމެއް ނެތް ސަޕޯޓަރުންނެވެ.

އަންހެން ޑިވިޝަންގެ ތަށި މިލްކް ކުރަން ނިކުންނަނީ ގޮއިދޫ: ފޮޓޯ-ބ.އަތޮޅު ކައުންސިލް

މުބާރާތުގެ ސެމީފައިނަލް ދެމެޗު ބެލުމަށް ތިން ރަށުން ހާހަކަށްވުރެ ގިނަ ސަޕޯޓަރުން އޭދަފުށްޓަށް ޖަމާވިއެވެ. ފައިނަލް މެޗަށްވެސް އެއަދަދަށް މީހުން އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ސަޕޯޓަރުންގެ ފޯރި އެހާމެ ގަދަ މުބާރާތުގެ ހުރިހާ މަރުހަލާއެއްގައިވެސް ފެންނަނީ ކޮލިޓީއާއި ވާދަވެރިކަމެވެ. ހުނަރަށް ބަލާއިރުވެސް ތަފާތެވެ.

މުބާރާތަށް ޚާއްޞަކޮށް ސްކްރީނުން މެޗު ބަލަން ޚާއްޞަ ސަރަހައްދެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. ޓީމްތަކާއި އޮފިޝަލުން ދަނޑަށް ގެންދިއުމުގައިވެސް ‘ފުރިހަމަ’ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ފައިނަލަކީ ބަލައި ނުލާ ދޫކޮށްލެވޭ ވަރުގެ ދެ މެޗެއް ނޫނެވެ. ފައިނަލް މެޗު ނިމިގެންދާނީ ހަވައާވެސް އެކުގައެވެ.

ސެމީފައިނަލްގެ ކުރިން ތައްޔާރުކުރި މިރިޕޯޓުން ދައްކައިދެނީ މުބާރާތުގެ ފޯރި
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.