ރަށަށް ފައިބާއިރު ލޮލުގައި އެންމެ ފަސޭހައިން އަޅައިގަންނަނީ ދޮންކުލަ ގަދަ ބޮޑު ދޮންކެޔޮވަކެވެ. މާދުރުން ފާހަގަވެއެވެ. އެއީ ރަށުގެ މޮނިއުމަންޓްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެކަން ޔަގީންކުރަން ސުވާލެއް ކުރާކަށް ނުޖެހެއެވެ.
މޮނިއުމަންޓް ކައިރިއަށް ގޮސް ބަލާއިރު ލިޔެފައިވަނީ ‘ދަ ބަނާނާ އައިލެންޑް’ އެވެ. ބޮޑުކޮށް އިނގިރޭސި އަކުރުން ‘މުރައިދޫ’ ލިޔެފައި އޮތެވެ. ތާނަ އަކުރުން ލިޔެލާފައި އޮތްނަމަ ވަކިން ފުރިހަމަވީހޭ ހިތަށް އެރިއެވެ.
ސުވާލަކަށްވީ ބަނާނާ އައިލެންޑް ނުވަތަ ދޮންކޭލުގެ ރަށުގެ ގޮތުގައި މިރަށް ޕްރޮމޯޓް ކުރަނީ ކީއްވެތޯއެވެ. ކައުންސިލްގެ ރައީސްގެ އިތުރުން ނައިބުރައީސްއާވެސް އެސުވާލުކުރީމެވެ. މައިގަނޑު ހުލާސާ ޖަވާބަކީ ރާއްޖޭގެ އުތުރުން ޚާއްޞަކޮށް ބޮޑުތިލަދުންމަތިން އެއަށްވުރެ ގިނައިން ފަތްކެޔޮ ނުވަތަ ދޮންކެޔޮ ބޭރުކުރާ ރަށެއް ނޯންނާނެއެވެ. މިރަށުގެ އިޤްތިސާދުގައި ދޮންކޭލުގެ ފިޔަފާރި އިންތިހާއަށް މުހިއްމެވެ. އެތައްބަޔަކު މިމަސައްކަތުން އާމްދަނީ ހޯދައެވެ.

އެކަން ފާހަގަކުރުމާއެކު އެމަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމަކީ ‘ދަ ބަނާނާ އައިލެންޑް’ ގެ ގޮތުގައި ރަށް ޕްރޮމޯޓްކުރާ މައިގަނޑު ސަބަބުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރަށުގެ ވަރަށްބޮޑު ސަރަހައްދެގައި ފަތްކެޔޮ ވަނީ ހައްދާފައެވެ. މަތިން ބަލާއިރުވެސް ފަތްކޭލަށް ޚާއްޞަ ބޮޑު ސަރަހައްދެއް ފެނެއެވެ. ނަމަވެސް ބަނާނާ އައިލެންޑްގެ ގޮތުގައި ރަށް ޕްރޮމޯޓްކުރުމާ ހިޔާލުތަފާތު ބަޔަކު އުޅޭކަންވެސް ފާހަގަކުރެވުނެވެ. އެފަދަ މީހުން ބުނަނީ އެރަށުގެ ތާރީޚު ބުނެދޭ އެންމެ ޚާއްޞަ އެއްޗަކީ މާކަށިކެޔޮ ކަމަށެވެ. ކުރިން އެރަށުގައި އެންމެ ގިނައީ މާކަށިކެޔޮ ކަމަށް އެމީހުން ބުނާ ބުނުމާ ކައުންސިލުންވެސް ދެކޮޅެއް ނޫނެވެ. ނަމަވެސް މިހާރު މިއީ ކަށިކޭލުގެ ރަށެއް ނޫނެވެ. މިހާރު މިރަށުގައި އޮތީ ބޯކޮށް ފަތްކޭލެވެ.
ކައުންސިލްގެ އަމާޒަކީ ބަނާނާ ޖަހާފަ ގޫގުލްގައި ސަރޗްކޮށްލި ނަމަވެސް އެއީ މުރައިދޫކަން އިނގޭވަރު ކުރުމެވެ. އެވަރަށް ‘ދަ ބަނާނާ އައިލެންޑް’ ގެ ގޮތުގައި މުރައިދޫ ޕްރޮމޯޓް ކުރުމެވެ.
