...

ވަށަފަރު މީހުން އުނބަށް ޖެހުން!

784

މިފަޚުރުވެރި ރަށާމެދު މުޅި ރާއްޖޭގައި އެންމެ މަޝްހޫރު އެއް ވާހަކައަކީ “ވަށަފަރު މީހުން އުނބަށް ޖެހުން” މިއެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ “އުނބަށް ޖެހި” ރަށެވެ.

ވަށަފަރު މީހުންނަށް ނިސްބަތްކޮށް “އުނބަށް ޖެހި” މީހުންނޭ ބުނުމަކީ ވަރަށް ޢާއްމު ކަމެކެވެ. މިނަން މިރަށަށް ޚާއްޞަވީ ހިނގާދިޔަ ހާދިސާއަކާ ގުޅިގެންނެވެ. ބުނެވޭގޮތުގައި މިކަން ހިނގަން މެދުވެރިވީ ދަތުރުކުރި ދޯންޏެއްގައި އޮތް ކުރުނބާ އިހަލަކުން ކުރުނބާ ބުއިމަށްފަހު އުނބުތައް މޫދަށް އުކަމުން ދިޔަ ދިއުމުގައެވެ. އެންމެ ފަހު ކުރުނބާ ބޯލުމަށްފަހު, އެކުރުނބާގެ ލޯކޮޅު ކަނޑާލައި ކިހާކުގެ ރަހަ ބަލައިލެވުނެވެ. ބެލިއިރު އޭގެ ރަހަ އާދަޔާހިލާފަށް މީރެވެ. ވަގުތުން ނިންމީ ކަނޑަށް އުކާލި އުނބުތައް ހޮވާށެވެ.

ދެން ރިޔަލުގައި ކުރިއަށް ދުއްވަމުން ދިޔަ ދޯނި ވަގުތުން އޮޑީގެ ފަލިތައް ބާލާ, ފަލީގައި ފަހަތަށް ޖަހާ, މޯހިރުގައި ހުރި އުނބުތައް ހޮވާ ނެގިއެވެ. އެހިސާބުން އެއުނބުތައް ހޮވާން މިފަލި ޖެހިޖެހުމަށް އުނބަށް ޖެހުމޭ ކިޔި, އެނަން މަޝްހޫރު ވެއްޖެއެވެ. ވަށަފަރު މީހުންނަށް ނިސްބަތްކޮށް “އުނބަށް ޖެހުން” މިނަން ކިޔަން ފެށުނީ މިހާދިސާއާ ގުޅިގެންނެވެ.

ވަށަފަރު މީހުން އުނބަށްޖެހި ހާދިސާ ރަމްޒުކޮށްދޭ މޮނިއުމަންޓް: ފޮޓޯ-ޙަފްޞީ

މިއީ ވަށަފަރުގެ ރައްޔިތުން ފަޚުރުވެރިވާ ކަމެކެވެ. އެހެނީ މިހާދިސާ މިރަށުގެ ރައްޔިތުން ސިފަކުރާގޮތް ތަފާތެވެ. މިހާދިސާވީ ފަހުގެ ޖީލުތަކަށް އާ ވިސްނުމާ, އާ ފަންނުވެރިކަން ގެނެސްދިން ކަމަކަށެވެ.

މިހާދިސާއިން ރަމްޒުކޮށްދެނީ ވަށަފަރު މީހުންގެ އަޒުމެވެ. އެމީހުންގެ ހިތްވަރެވެ. ބާރު ދުވެލީގައި ދުއްވަމުން އައި ދޯނި ވަކި ހިސާބަކުން ފަހަތަށް ދުއްވަން ފެށީ އެމީހުން ބޭނުންވި މަޤްޞަދު ހާސިލް ކުރުމަށެވެ. މިއީ ބޭނުންވާ ކަމެއް ހާސިލްކުރުމަށް ފަސްޖެހޭނެ ބައެއް ނޫނެވެ. ވަށަފަރު މީހުންވާނީ އެމީހުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް ގަދައަޅާ މަސައްކަތްކުރާނެ ހިތްވަރުގަދަ ބަޔަކަށެވެ. އެއީ ފަހަތަށް ޖެހިލަން ޖެހުނަސް މެއެވެ.

ވަށަފަރުގެ ‘އައިޑެންޑިޓީ” އަކަށް ފުދޭ މިޚާއްޞަ މޮނިއުމަންޓުންވެސް ރަމްޒުކޮށްދެނީ މިކަންކަމެވެ.

ނޯޓް: މިއީ ވަށަފަރަށް ފައިބާއިރު ބަނދަރު މަތީގައި ހަދާފައިވާ މޮނިއުމަންޓް ކައިރީގައި ވަށަފަރު ރައްޔިތުން ބަހައްޓާފައިވާ ބޯޑްގައިވާ ލިޔުންކޮޅު އުނިއިތުރު ގެނައުމެއް ނެތިއެވެ. އެމޮނިއުމަންޓުން ރަމްޒްކޮށްދެނީ ވަށަފަރު މީހުން އުނބަށްޖެހި ހާދިސާއެވެ. ތިރީގައިވާ ވީޑިއޯއިން މޮނިއުމަންޓް ފެންނާނެއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.