...

ތިލައުތުރު ފުޓްސަލް: މޮޅުވީ ދިއްދޫ އާއި ބާރަށް

378

ތިލައުތުރު ފުޓްސަލް މުބާރާތުގައި ދިއްދޫ އާއި ބާރަށް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. އުތީމްގައި ކުރިއަށްދާ މުބާރާތުގައި މިދެޓީމްވެސް ހިމެނެނީ ގްރޫޕް ބީގައެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކުރީ މުރައިދޫއާ ވާދަކޮށް, ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ މުރައިދޫއަށް ކުރި ހޯދައިދިނީ މުޙައްމަދު ނާއިސް އެވެ. ދިއްދޫއަށް ނަތީޖާ ހަމަހަމަކޮށްދީ, މެޗުން މޮޅުކޮށްދިނީ މުޙައްމަދު ނައުޝާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ނައުޝާދު އެވެ.

ދިއްދޫއަށް ދެ ލަނޑުވެސް ޖަހައިދިނީ ނައުޝާދު: ފޮޓޯ-އުތީމް ކައުންސިލް

މިގްރޫޕްގެ ދެވަނަ މެޗުގައި ކެލާގެ މައްޗަށް ބާރަށުން ކުރި ހޯދީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އަބްދުالله މިސްބާހުއެވެ. މެޗުގައި ބާރަށުން ފޮނުވާލި ގިނަ ބޯޅަތަކެއް ކެލާ ކީޕަރު އަބްދުالله ޒިމާމް މަތަކުރިއެވެ.

މުބާރާތުގައި ގްރޫޕް އޭގެ ފުރަތަމަ ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ފުރަތަމަ މެޗު އިހަވަންދޫ އާއި އުތީމް ވާދަކޮށް އެއްވަރުވީ 1-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ އުތީމަށް ކުރިހޯދައިދިނީ ރިޝްވާން އިބްރާހީމް ރަޝީދު މޫސާއެވެ. އިހަވަންދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ ނާއިޝް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އުތީމްގެ މުޙައްމަދު މަޒީން އެވެ.

މިގްރޫޕްގެ ދެވަނަ މެޗުގައި ވަށަފަރާއި ފިއްލަދޫ ވާދަކޮށް އެއްވަރުވީ 2-2 ނެވެ. ދެފަހަރުވެސް ވަށަފަރު ކުރިހޯދި މެޗުގައި އެޓީމްގެ ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުالله ސިނާން އެވެ. ފިއްލަދޫގެ ދެ ލަނޑު ޖެހީ އާދަމް އަބްދުއްރަހީމް އާއި މުޙައްމަދު ހުޝާމް އެވެ.

މުބާރާތުގައި ހއ.އަތޮޅުގެ 9 ރަށަކުން ވާދަކުރެއެވެ. މުބާރާތުގައި މިއަދުވެސް 4 މެޗު ކުޅޭނެއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.