ނައިބޮލި ފުޓްސަލް ދަނޑުގައި ނައިބޮލި ފުޓްސަލް މުބާރާތެވެ. ނައިބޮލި ވޮލީބޯޅަ ކޯޓްގައި ނައިބޮލި ވޮލީބޯޅަ ޗެލެންޖެވެ. ކައުންސިލްގެ ކުޑަކުދިންގެ ޕާރކްގައި ނައިބޮލި ކުޑަކުދިންގެ ޕާކެވެ. މުޅިންވެސް ނައިބޮއްޔެވެ. މުޅިންވެސް ކައުންސިލްގެ މަސައްކަތްތަކެވެ.

މިއީ ނައިފަރަށް މިފަހުން ކުރި ދަތުރުތަކުން ފާހަގަކުރެވުނު ކަންކަމެވެ. ނައިބޮއްޔެގެ ވާހަކައެވެ. ނައިފަރާ ނައިބޮއްޔާ ކޮން ގުޅުމެއްތޯ ސުވާލު އުފެދޭހާ ވީއެވެ. އެސުވާލުގެ ޖަވާބު ހޯދަން ބަލާއިރު ކައުންސިލް މުވައްޒަފުންގެ ޓީޝާރޓްގައިވެސް ނައިބޮއްޔެވެ. ކައުންސިލް އިދާރާގެ ނަމާއެކުވެސް ނައިބޮއްޔެވެ. ކައުންސިލްގެ ލޯގޯއަކަށްވެސް ނައިބޮއްޔެވެ. ހަގީގަތުގައިވެސް ނައިފަރާ ނައިބޮލި ރަނގަޅަށްވެސް ގުޅިލާމެހިފައެވެ. ގުޅުވާލާފައެވެ.

ނައިބޮއްޔާ ނައިފަރުގެ ގުޅުން ދެނެގަތުމަށް ބައެއް މީހުންނާ ސުވާލުކޮށް ވާހަކަ ދެއްކީމެވެ. އަދި ނައިފަރާ ނައިބޮއްޔާ އެއްވެސް ގުޅުމެއްވޭތޯ ބެލުމަށް ނައިފަރާއި ދިވެހީންގެ ބައެއް އާދަކާދަތައް މިނަމުގައި ލިޔުއްވާފައިވާ ފޮތެއް ބަލާލީމެވެ. އެފޮތުގައި އޮތް އެންމެ މުހިއްމު ވާހައަކައަކީ އިހުގައި ނައިފަރަށް ކިޔާ އުޅުނު ނަމަކީ ‘ނައިހަރު’ ކަމަށެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާ ގުޅިގެން ‘ނައިހަރު’ ބަދަލުވެގެން އައީ ‘ނައިފަރު’ އަށް ކަމަށެވެ. މިއީ ޒަމާނީ ބަދަލެކެވެ.

ޒަމާނީ އެބަދަލު މިހާރު ގުޅިފައި ވަނީ ނައިބޮއްޔާއެވެ. ނައިފަރުގެ ރީބްރޭންޑްކޮށްފައި ވަނީ ނައިފަރާއި, ނައިހަރާވެސް ގުޅޭ ގޮތަށް ނައިބޮއްޔަށެވެ. މިހާރު ނައިފަރު ފުރިހަމަ ވަނީ ނައިބޮއްޔާއެކުއެވެ. ފުރިހަމަވާން ބޭނުންވަނީވެސް އެގޮތަށްކަން ދޭހަކޮށްދޭ ހެއްކަކީ އެންމެ ގިނަބައެއްގެ ޝާމިލްވުމާއި ބައިވެރިވުން އޮންނަ މުބާރާތްތަކަށްވެސް އެނަން ދިނުމެވެ. އަދި ކައުންސިލްގެ ލޯގޯގެ ގޮތުގައިވެސް ނައިބޮލި ބޭނުން ކުރުމެވެ.
ނައިބޮއްޔަކީ ކޮންއެއްޗެއްތޯ ބެލުމަށް ދިވެހިބަހުގެ ރަދީފް ހުޅުވާ ބަލާލީމެވެ. ރަދީފްގައި އޮތީ ނައިބޮއްޔަކީ ބޮލީގެ ތެރޭގައި ހިމެނޭ ބާވަތެއް ކަމަށެވެ.

” މިއީ މާކަނާ ތަޅުދަނޑިއެއްގެ ފާޑަށް އެއްކޮޅު އެތެރެއަށްލައި އޮޅިފައި ފަޅިބުރެއްގެ ސިފަޔަށް އޮންނަ ބޮއްޔެކެވެ. ބޮލީގެ ބޭރު ހުދުކޮށް ހުންނައިރު އޭގެދެބައިކުޅަ އެއްބައި ހާތަނުން ފެށިގެން ފަހަތަށް ހުންނަބައިގައި ހުރަސް ގަޅިތަކެއްހެން ހުދާއި ދޮންމުށި ކުލައިން ނުވަތަ ގަދަމުށި ކުލައިން ހަނދުފަޅި ބުރަށް ކަހަލަ ގޮތަކަށް ފަލަ ފަށްތަކެއްހެން ރޮނގު ހުރެއެވެ. އޭގެ ތޮށިގަނޑުން ސަމުސާ ހަދައި އުޅެއެވެ.”
