ނައިފަރު ކައުންސިލްގެ ވޮލީބޯޅަ މުބާރާތް, ‘ނައިބޮލި ވޮލީބޯލް ޗެލެންޖް 2025’ ގެ އެއް ތަށި އަވަށްޓެރި ހިންނަވަރަށް ގެންގޮސް އަނެއް ތަށި ނައިފަރުގައި ބަހައްޓައިފިއެވެ.
މުބާރާތުގެ ދެ ޑިވިޝަންގެ ތެރެއިން ނައިފަރުގައި ބެހެއްޓުނީ އަންހެން ޑިވިޝަންގެ ތަށްޓެވެ. އެއީ ނައިފަރު ޖީޖީ ސްޕޯރޓްސް އެކަޑަމީން އެތަށި ހޯދުމުންނެވެ. ޖީޖީ ސްޕޯރޓްސް ކްލަބުން އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ވަރަށް ވާދަވެރި ފައިނަލް މެޗަކަށްފަހު 3-2 ސެޓުން ހިންނަވަރު ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ.

މެޗުގެ ސެޓްތައް ޖީޖީން ގެންދިޔައީ 25-22, 16-25, 25-12, 21-25 އަދި 17-15 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޖީޖީގެ އިންޑިޔާ ކުޅުންތެރިޔާ އަނަގަ ރަދަކްރިޝްނަން އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީވެސް އޭނާ އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ޖީޖީއަށް ކުޅުނު ގައުމީ ޓީމްގެ އައިމިނހަތު އަރީޝާ އެވެ.
މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނެނީ އަރީޝާގެ އިތުރުން, ނައިފަރު ޗެލްސީގެ އައިޝަތު މާޖިދާ އާއި ހިންނަވަރުގެ ފާތިމަތު ޖޫޒާން ޒަރީރު އާއި ޖީޖީގެ އިނާޔާ ނަސީރު އާއި ހިންނަވަރުގެ ހައްވާ ޒަހާ ހާރޫން އާއި އެޕެކްސް ސްޕޯރޓްސް ކްލަބްގެ އައިޝަތު އަރީކާ އެވެ. އެންމެ މޮޅު ލިބަރޯ އަކީ ނައިފަރު ޗެލްސީގެ ހައްވާ ޝިފާނާޒު އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު މުޙައްމަދު ފައިސަލްއެވެ. މިއީ މިތަށި ޖީޖީން ހޯދި ތިންވަނަ ފަހަރެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހިންނަވަރުން ހޯދީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ހިންނަވަރުން ގެންދިޔައީ 25-19, 25-18 އަދި 27-25 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ހިންނަވަރަށް ކުޅުނު ޕާކިސްތާނު ކެޕްޓަން މުރާދު ޖީހާން އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީވެސް މުރާދު އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޗެލްސީގެ އަހުމަދު އަޒީމް އެވެ. ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމްގައި ހިމެނެނީ އަޒީމްގެ އިތުރުން ބަޒޫކާ ސްޕޯރޓްސް ކްލަބްގެ މުޙައްމަދު ރިމާޒު އާއި ހިންނަވަރުގެ އިޝާން މުޙައްމަދު (ބަޓިޝް) އާއި ސިނާން ހުސައިން އާއި ކެޕްޓަން އަބްދުالله ހަސަން (ޔަންމާ) އާއި ޖީޖީ ސްޕޯރޓްސްގެ މުޙައްމަދު ފަރުހާން އެވެ. އެންމެ މޮޅު ލިބަރޯއަކީ ނައިފަރު ޗެލްސީގެ އަބްދުالله މުޙައްމަދު ނައީމް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. މުބާރާތުގެ ދެ ޑިވިޝަންގެ ހިމެނޭ ގޮތަށް 11 ޓީމް ވާދަކުރިއެވެ.
