...

ނައިފަރުގެ ވެލި ކޯޓަށް ނިމުން, ޓާފް ކޯޓްގައި ފުރަތަމަ މުބާރާތް

527

ޅ.ނައިފަރު ޒުވާނުން ޓަރފް އެޅި ޒަމާނީ ވޮލީބޯޅަ ކޯޓެއްގައި މުބާރާތްތައް ކުޅެން ދެކެމުން އައި އުއްމީދަށް ކައުންސިލުން ނިމުން ގެނެސްދީފިއެވެ. ނައިފަރު ޒުވާނުންގެ އުއްމީދު ތަކަށް ރަށު ކައުންސިލުން ނިމުން ގެނެސްދިނީ ޓަރފްއެޅި އައުޓްޑޯ ދެ ވޮލީ ކޯޓް އެކުގައި ނިންމާ ހުޅުވުމާއެކު އެކޯޓްގައި ފުރަތަމަ މުބާރާތްވެސް ފަށައިގެންނެވެ.

ދެ ވަޒީރުން ނައިބޮލި ވޮލީކޯޓް ހުޅުވައިދެނީ: ފޮޓޯ-ނައިފަރު ކައުންސިލް

ނައިބޮލި ވޮލީބޯޅަ ކޯޓް ހުޅުއްވައިދެއްވީ ކުޅިވަރާބެހޭ ވަޒީރު ޢަބްދުالله ރާފިއު އާއި މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ. މިއީ ނައިފަރު ކައުންސިލުން އިސްނަގާ މަސައްކަތް ފެށި ވޮލީ ދެ ކޯޓެވެ. ނަމަވެސް މަސައްކަތް ނިންމީ ސަރުކާރުގެ އެހީތެރިކަންވެސް ލިބިގެންނެވެ. ކުޅިވަރާބެހޭ ވުޒާރާގެ އެހީތެރިކަން ލިބުނުކަން ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.

ވޮލީކޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިފަރު ކައުންސިލްގެ ރައީސް ވާހަކަދައްކަވަނީ: ފޮޓޯ-ނައިފަރު ކައުންސިލް

ނައިބޮލި ވޮލީބޯޅަ ކޯޓަކީ 14 އަހަރުގެ އުއްމީދެއްގައި ކުލަޖެހުންކަމަށް ނައިފަރު ކައުންސިލުން ވިދާޅުވިއެވެ. ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ ކައުންސިލާ ކުޅިވަރާބެހޭ ވުޒާރާ ގުޅިގެން މިކުރި މަސައްކަތަކީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅިވަރުކުޅޭ ނައިފަރުގެ ރައްޔިތުންނަށް ލިބުނު ވަރަށް އަގުހުރި ފުރުޞަތެއް ކަމަށެވެ.

ސާދަ އަހަރު ފަހުން ޒަމާނީ ފެންވަރަކަށް މިވޮލީކޯޓް ހުޅުވުމުގެ ފުރުޞަތު ސަރުކާރުގެ ތެރެއިން ފަހިވެގެންގޮސް މިއަދު މިވަނީ ކޯޓްގެ ބޭނުން ކުރެވޭވަރަށް އަޅުގަނޑުމެންނަށް ކޯޓް ލިބިފަ.

ކުޅިވަރާބެހޭ ވަޒީރު އަބްދުالله ރާފިއު ވިދާޅުވީ އެންމެން ގުޅިގެން ނައިފަރުގައި ހުޅުވުނު ވޮލީކޯޓާއެކު ފެނިގެންދާނީ މުބާރާތްތައް އިތުރުވާތަން ކަމަށެވެ. އަދި ފޯރި ގަދަވެ, މުޅިރަށުގެ ރައްޔިތުން މިކަމުގެ އުފާފާޅުކުރާތަން ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނައިބޮލީ ވޮލީބޯޅަ ޗެލެންޖް ފެށުމުގެ ގޮތުން ރަމްޒީ ސަރވިސް ކުރަނީ: ފޮޓޯ-ނައިފަރު ކައުންސިލް

ވޮލީކޯޓް ހުޅުވުމާއެކު އާ ކޯޓްގައި ފުރަތަމަ މުބާރާތްވެސް ވަނީ ފަށާފައެވެ. އެއީ 2023 ވަނަ އަހަރު ފެށި ނައިބޮލި ވޮލީބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 11 ޓީމް ވާދަކުރެއެވެ. އެއީ އަންހެން ޑިވިޝަންގައި 6 ޓީމް އަދި ފިރިހެން ޑިވިޝަންގައި 5 ޓީމެވެ. އަންހެން ޑިވިޝަންގައި ހިންނަވަރާއި ކުރެންދޫ ޓީމެއް ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަންގައި ހިންނަވަރު ޓީމެއް ވާދަކުރެއެވެ.

ނައިބޮލި ވޮލީބޯޅަ ޗެލެންޖްގެ ޓްރޮފީ: ފޮޓޯ-ނައިފަރު ކައުންސިލް

މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ނައިފަރު ޗެލްސީ އެވެ. ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުން މެޗު ކާމިޔާބުކުރީ އެޕެކްސް ސްޕޯރޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-11, 25-12 އަދި 25-17 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޗެލްސީގެ އަހުމަދި އަޒީމް އެވެ.

އަތޮޅަށް ހުޅުވާލި މުބާރާތް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މުބާރާތުގައި 11 ޓީމުން 29 މެޗު ކުޅޭނެއެވެ.  

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.