މިލައުތުރު ފުޓްސަލް މުބާރާތުގައި ނޫމަރާ އާއި މިލަންދޫން ރަނގަޅު ފެށުމެއް ހޯދައިފިއެވެ. ށ.އަތޮޅުގެ ރަށްތަކުގެ މެދުގައި އެއަތޮޅު އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ތިން މެޗު ކާމިޔާބުކުރީ މިލަންދޫގެ އިތުރުން ނޫމަރާއެވެ. ފީވަކާއި ކަނޑިތީމް ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ނޫމަރާއިން ވަނީ 3-2 ން ފޭދޫ ބަލިކޮށްފައެވެ. މެޗުގައި ނޫމަރާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުއާޒު ޞާލިހު އާއި އަހުމަދު ހައްމާޒު އެވެ. އަނެއް ލަނޑަކީ ބައިގޯލެކެވެ. ފޭދޫ ޓީމަށް ލަނޑު ޖަހައިދިނީ މާއިލް މުޙައްމަދެވެ. އެޓީމްގެ އަނެއް ލަނޑަކީވެސް ބައިގޯލެކެވެ.

މުބާރާތުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމުން ފީވަކާ ވާދަކޮށް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ފީވަކަށް ކުރިހޯދައިދިނީ އަހުމަދު ނަވީން އެވެ. ކަނޑިތީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޙައްމަދު ނާފިއު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފީވަކު ކީޕަރު އަބްދުالله ޖަމްޝީދެވެ.

ފުރަތަމަ ދުވަހު އެންމެ ފުރިހަމަ މޮޅެއް ހޯދީ މިލަންދޫންނެވެ. މުބާރާތުގެ ތިންވަނަ މެޗުގައި މިލަންދޫން ވަނީ 4-0 ން މާއުނގޫދޫ ބަލިކޮށްފައެވެ. މެޗުގައި މިލަންދޫގެ އިބްރާހީމް ޒާހީ އާއި އަހުމަދު ޝާނީ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޝާނީ އެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ތާނައިގެ ރަށް ކަނޑިތީމްގައެވެ. މުބާރާތުގައި ށ.އަތޮޅުގެ 14 ރަށުގެ ތެރެއިން 13 ރަށުން. ވާދަކުރެއެވެ. ވާދަނުކުރަނީ ޅައިމަގެވެ. މުބާރާތް ފެށުމަށް ހަވާގެ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވިއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

11 ދުވަހަށް ދެމިގެންދާ މިއަހަރުގެ މުބާރާތުގައި 22 މެޗު ކުޅޭނެއެވެ.
