މިރަށުގެ ބަނދަރަށް ފައިބާއިރު މިހާރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނާނީ ބިމަށް ޖަހާލާފައިވާ ބޮޑު ކަނޑިއެވެ. އަދި ކަނޑިއާއެކު ހުރަހަށް ދަމާލާފައިވާ އެކަނޑީގެ އުރައެވެ. އުރައިގެ މަތީގައި އަތުރާލާފައިވާ ތާނަ އަކުރުތަކެވެ. ‘ކނޑތމ’ އެވެ. މިއީ ވަރަށް މުހިއްމު މައިގަނޑު ދެވާހަކައެކެވެ.
ބޮޑު ކަނޑި ރަމްޒުކޮށްދެނީ މިރަށުގެ ނަމެވެ. އެއީ މިރަށް, ކަނޑިތީމްގެ ‘ކަނޑި’ އެވެ. ތާނަ އަކުރުތައް ރަމްޒުކޮށްދެނީ މިއީ އެންމެ އިހުގެ ތާނަ އަކުރު އެންމެ ފުރަތަމަ ފެނުނު ރަށް ކަމެވެ. ލިޔެކިޔުންތަކުން ފެންނަން ހުރި ގޮތުގައި ތާނަ އަކުރު ފެނުނީ މިރަށުގެ މިސްކިތަކުންނެވެ. އަތޮޅު ކައުންސިލްގެ ވެބްސައިޓްގައިވާ ގޮތުން މިސްކިތުގެ ބެރިއަކުންނެވެ.

މިރަށުގެ ރައްޔިތުން މިރަށް ތަޢާރަފްކުރަން ބޭނުންވަނީ އެންމެ ފުރަތަމަ ތާނަ އަކުރު ފެނުނު ރަށުގެ ގޮތުގައެވެ. އެކަން ސާފްކޮށް ކަނޑީގެ އުރައިގައި ފާހަގަކޮށްފައި ވެއެވެ. ކަނޑީގެ އުރާގައި ލިޔެފައިވަނީ ‘ކަނޑިތީމް-ތާނައިގެ ރަށް’ މިހެންނެވެ. މާނައަކީ މިރަށުގެ ރައްޔިތުން މިރަށް ވިއްކަނީ, ނުވަތަ ޕްރޮމޯޓް ކުރަނީ އަދި ތަޢާރަފްކުރަން ބޭނުންވަނީވެސް ތާނައަކުރު ފުރަތަމަ ފެނުނުން ރަށުގެ ގޮތުގައި ކަމެވެ. އެކަން ކަށަވަރުކޮށްދޭ އެހެން ހެކިތައްވެސް މިރަށުގެ އެހެން ބައެއް ސަރަހަދުތަކުން ފެންނާން އެބަހުއްޓެވެ. މޮނިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތްކުރި ޓީމް ބިނާއިން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ މިރަށަކީ ދިވެހި ތާރީޚާއި ސަޤާފަތުގައި ޚާއްޞަ މަގާމެއް ލިބިފައިވާ ރަށެއްކަން މިމޮނިއުމަންޓުން ދޭހަކޮށްދޭ ކަމަށެވެ.
ކަނޑިތީމަކީ ހަމައެކަނި ރަށެއް ނޫނެވެ. އެއީ ބަހާއި, ތަރިކައާއި, އަދި އާދަކާދައިގެ ނިޝާނެކެވެ.
މިރަށުގެ މޮނިއުމަންޓުން ފާހަގަކުރެވޭ ތިންވަނަ ކަމަކީ ޢާއްމު އެހެން މޮނިއުމަންޓަށް ވުރެ ބޮޑުކަމެވެ. މޮނިއުމަންޓް ބަހައްޓާފައިވަނީ ގިޑިގެއެއްގެ ގޮތަށެވެ. މިމޮނިއުމަންޓްގެ މަސައްކަތުގެ ފެށުމާއި ނިމުމަކީވެސް ވަރަށް ޚާއްޞަ ވާހަކައެކެވެ. މިއީ ރާއްޖޭގެ އެއްވަނަ އަތޮޅު ކައުންސިލް, ށ.އަތޮޅު ކައުންސިލްގެ ކޮމިއުނިޓީ ޕްރޮޖެކްޓެއް ކާމިޔާބުކޮށް މިރަށުގެ ޖަމްއިއްޔާއެއްގެ އިސް ނެގުމެކެވެ. މިއީ މިރަށު ބުލޫ ގްލިޑް ފައުންޑޭޝަނާއި ޓީމް ބިނާ ގުޅިގެން މުޅި ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތެކެވެ. އޭގެތެރޭގައި މިރަށުގެ ވިޔަފާރިވެރިންނާއި ވަކިވަކި ފަރުދުން ހިމެނެއެވެ. އެކަން އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވެސް ފާހަގަކުރެއްވިއެވެ.

މިމޮނިއުމަންޓް ރަސްމީކޮށް އިފްތިތާހުކުރުމަށް ލައިޓް ޝޯވއަކާއެކު ބޭއްވި ރަސްމިއްޔާތުގައި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވިއެވެ. މިއީ އެމީހުން ފަޚުރުވެރިވާ ޝިއާރެއްގެ ދަށުން ތައްޔާރުކޮށްފައިވާ ފަޚުރުވެރި މޮނިއުމަންޓެއްކަން ރައްޔިތުން ބުނެދިނެވެ.

މިއީ މިރަށު ރައްޔިތެއްގެ ފަރުމާއެކެވެ. މިރަށު ޒުވާނުންގެ އިސްނެގުމާއި, ރައްޔިތުންގެ މަސައްކަތެވެ. ސައްތައިން ސައްތަ ކަނޑިތީމްގެ ހުނަރާއި ފަންނުވެރިކަމެވެ. ތާނައިގެ ރަށް ކަނޑިތީމްގެ މިމަސައްކަތަށް ތައުރީފް ހައްގެވެ.
