...

ހުރައަށް އޮލިމްޕިކް ކޮމިޓީން ގެނެސްދިނީ ޢީދެއް

736

އޭޝިޔަން ގޭމްސް އޮންނާނީ އަންނަ 2026 ވަނަ އަހަރު ޖަޕާނުގެ އައިޗީ ނަގާޔާ ގައެވެ. ގޭމްސްގައި ވާދަކުރާ 45 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ގޭމްސް ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް ގޭމްސްގައި ވާދަކުރާ ހުރިހާ ގައުމެއްގައި ވެސް ވަނީ ފަށާފައެވެ. އޭގެތެރޭގައިވެސް ރާއްޖެ ހިމެނެއެވެ.

13 އަހަރުން ދަށުގެ 1 މޭލް ރަން އަށް ބައިވެރިން ތައްޔާރުވެގެން: ފޮޓޯ-އެމްއޯސީ

އޭޝިޔަން ގޭމްސް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ މުހިއްމު އެއް ހަރަކާތަކީ ފަން ރަންއެވެ. އޭޝިޔަން ގޭމްސްގެ ފަން ރަން ގޭމްސްގައި ވާދަކުރާ ހުރިހާ ގައުމެއްގައިވެސް ބާއްވައެވެ. އެ ރަން ބާއްވަން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ގަސްތުކުރީ ކުޅިވަރުގެ ރަށް ހުރާގައެވެ. ހުރާގައި ފަން ރަން ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.

ރާއްޖޭގެ އެންމެ ޓޮޕް ދުވުންތެރިންނާއި, ތަފާތު ކުޅިވަރުތަކުގެ ޓޮޕް އެލްތީޓުންވެސް ހިމެނޭ ގޮތަށް ގިނަ ދުވުންތެރިން ހުރައަށްގޮސް ބޭއްވި ރަންއަކީ ކާމިޔާބު ރަންއެއްކަމަށް އޭޝިޔަން ގޭމްސްގެ އޮގަނަޒައިންގ ކޮމިޓީ އާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އާއި ހުރާ ކައުންސިލުންވެސް އިއްތިފާގު ވެއެވެ. ރަން ކުރިއަށް ގެންދިޔައީ ދެ ކެޓަގަރީއެއް ހިމެނޭ ގޮތަށެވެ. އެއީ ޢާއްމުކޮށް ހުޅުވާލި 5 ކިލޯ މީޓަރުގެ ރަން އާއި 13 އަހަރުން ދަށަށް ޚާއްޞަކުރި 1 މޭލްގެ ރަން އެކެވެ. މީގެތެރެއިން 5 ކިލޯމީޓަރު ދެޖިންސް ވަކިން ވަނަ ހޮވި ރަން އަކީ ރޭހެކެވެ.

5 ކިލޯ މީޓަރު ރޭހުގައި ދުވުންތެރިން ދުވަނީ: ފޮޓޯ-އެމްއޯސީ

5 ކިލީމީޓަރު ރަންގެ ފިރިހެން ކެޓަގަރީން 1 ވަނަ ހޯދީ ހުސައިން ފަޒީލް ހާރޫންއެވެ. 2 ވަނަ ހޯދީ ހުސައިން ރިޒާ އެވެ. 3 ވަނަ ހޯދީ މުޙައްމަދު ރަޝީދު އެވެ.

އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ކްލާރާ ސަރީނާ އާސިފް އެވެ. 3 ވަނަ ހޯދީ އައިޝާ ސަރާ ވިސާމް އެވެ. ވަނަ ހޯދި އެތްލީޓުންނަށް އޭޝިޔަން ގޭމްސްގެ އޮގަނައިޒިންގ ކޮމިޓީގެ ޚާއްޞަ މެޑަލްގެ އިތުރުން ފައިސާގެ އިނާމް ދިނެވެ. އަދި ރޭސް ނިންމި ހުރިހާ ދުވުންތެރިންނަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީންގެ މެޑަލް ދިނެވެ.

ރޭހުން ވަނަ ހޯދި ދުވުންތެރިން: ފޮޓޯ-އެމްއޯސީ

1 މޭލް ރަންގައިވެސް ވަނަ ހޮވިއެވެ. އެކަމަކު އެ ރޭހުގައި މައިގަނޑު ގޮތެއްގައި ވާދަކުރީ ހުރާގެ ދަރިވަރުންނެވެ. އެ ރަން އަށްވެސް ވަރަށްބޮޑު ތަރުހީބެއް ލިބުނެވެ.

ރަންގެ އިތުރުން ތިން ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި އެއްވަނަ ހޯދާ ދަރިވަރަށް އޭޝިޔަން ގޭމްސްގެ ތެރޭގައި ޖަޕާނަށް ދިއުމުގެ ފުރުޞަތު ލިބޭ ޔޫތް ރިޕޯޓަރސް ޕްރޮގްރާމް ހިމެނެއެވެ. ޢާއްމުކޮށް ސްކޫލްތަކަށް ހުޅުވާލުމުން ބައިވެރިވި ދަރިވަރުން ހުރައަށް ގެންގޮސް ތަމްރީނަކާއެކު ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދީ މަޖީދިއްޔާ ސްކޫލްގެ ދަރިވަރު ހައްވާ ޒާޔާ ހަސަން އެވެ. އުއްމީދުވެސް ނުކޮށް ހުއްޓާ ލިބުނު ވަނައާއެކު ޖަޕާނަށް ދިއުމުގެ ފުރުޞަތު ލިބުމުން ގްރޭޑް 10 ގެ ދަރިވަރަށް ވަނީ އާދަޔާހިލާފް އުފަލެއް ލިބިފައެވެ.

ޔޫތް ރިޕޯރޓަށް ޕްރޮގްރާމް އިން އެއްވަނަ ހޯދި ދަރިވަރު

މުބާރާތެއްގެ ގޮތުގައި ދެން ކުރިއަށް ގެންދިޔައީ މުޅި ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލި އާރޓް އެގްޒަބިޝަނެކެވެ. އެމުބާރާތަށް ހުށަހެޅި ކުރެހުންތަކުގެ ތެރެއިން ފާހަގަކުރެވުނު ކުރެހުންތައް ހުރައަށް ގެންގޮސް ޑިސްޕްލޭކުރިއެވެ. ކުރެހުންތަކަށް ވަނަ ހޮވީ ޒިޔާރަތްކުރި ޚާއްޞަ މެހުމާނުން މެދުވެރިކޮށެވެ.

އާރޓް އެގްޒިބިޝަން އަށް ހުށަހެޅުނު ބައެއް ކުރެހުންތައް: ފޮޓޯ-އެމްއޯސީ

ހުރާގައި ހަރަކާތްތައް ފެށީ މިހަރަކާތަށް ހުރައަށް ދިޔަ މެހުމާނުން ބައިވެރިވި ގަސް އިންދުމުގެ ހަރަކާތަކުންނެވެ. މިހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާ އާއި އޭޝިޔަން ގޭމްސްގެ އޮގަނައިޒިންގ ކޮމިޓީގެ ބޭފުޅުންވެސް ހުރައަށް ވަޑައިގެންނެވިއެވެ. އަދި ފަން ރަންއާއި ނިންމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ސްޕޯރޓްސް ކޮމިޝަނަރ ވަޑައިގެންނެވިއެވެ.

ހުރާގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްގައި އޭޝިޔަން އޮލިމްޕިކް ކައުންސިލާއި ގޭމްސް ކޮމިޓީގެ ބޭފުޅުން ގަސް އިންދަނީ: ފޮޓޯ-އެމްއޯސީ

ކުޅިވަރުގެ ރަށް ހުރާގައި ކުރިއަށްގެންދިޔަ ފަން ރަންއާއި އެހެން ހަރަކާތްތައް ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ފާހަގަކުރެއްވީ ކުޅިވަރުގެ މިކަހަލަ ފެނިލުމަކުން ކުޅިވަރުގެ ރަށް ހުރާ ފެނިލުމަކީ ވަރަށް ރަނގަޅު ފެށުމެއްގެ ގޮތުގައެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ފާހަގަކުރެއްވީ ގިނަ އަދަދެއްގެ ބަޔަކާއެކު ކުޅިވަރުގެ ރަށް ހުރާގައި މިހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުމަކީ މާ ޚާއްޞަ ކަމެއްގެ ގޮތުގައެވެ. އޭޝިޔަން އޮލިމްޕިކް ކައުންސިލުން ފާހަގަކުރެއްވީ މާލެއިން ބޭރުގައި ރީތި ހިތްގައުމު, އަދި ޝައުގުވެރި ރަށެއްގައި 400 ބައިވެރިންނާއެކު ކުރިއަށް ގެންދެވުނީ ކާމިޔާބު ހަރަކާތެއް ކަމެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.