ދޮޅު އަހަރެއްހާ ދުވަހަށްފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ތައްޔާރުވެއްޖެއެވެ. ސީޒަން ފަށާނީ ރާއްޖޭގެ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ދެވަނަ އީގަލްސްގެ މެޗުންނެވެ.
މިއީ 2023 ވަނަ އަހަރަށްފަހު ޗެރިޓީ ޝީލްޑް ކުޅޭ ފުރަތަމަ ފަހަރެވެ. 2023 ވަނަ އަހަރު ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު އީގަލްސް ބަލިކޮށް ކާމިޔާބުކުރީވެސް މާޒިޔާއެވެ. ދޮޅު އަހަރެއްހާ ދުވަހު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކަލަންޑަރު މުބާރާތެއް ނުކުޅު ނަމަވެސް މިއަހަރުގެ ކުރީކޮޅު ވަނީ ލީގުކަޕްގެ ނަމުގައި މުބާރާތެއް ކުޅެފައެވެ. އެކަމަކު އެމުބާރާތުގައި އީގަލްސް ވާދައެއް ނުކުރެއެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއެވެ. ސީޒަން ފަށަން މާޒިޔާއާ ދެކޮޅަށް ނިކުންނައިރު އީގަލްސްގެ ކޯޗުގެ ޒިންމާ ނަގައިގެން ހުރީ އަހުމަދު ނިމާދު (ނިމާ) ފާހަގަކުރީވެސް އެކަމެވެ. އޭނާ ބުނީ ދޮޅު އަހަރެއްހާ ދުވަހު ރާއްޖޭގައި ފުޓްބޯޅަ ނުކުޅެ ދިޔަ ދުވަސްތަކުގައި ރާއްޖޭގައި ފުޓްބޯޅަ ހިފަހައްޓައިދިނީވެސް މާޒިޔާ ކަމަށާއި, ސީޒަންގހައި ފުރަތަމަ ކުރިމަތިލާންވެސް މިޖެހެނީ އެޓީމާ ދެކޮޅަށް ކަމަށެވެ.
އަހަރެއްހާ ދުވަހު ޕްރެކްޓިސް ކުރަމުން އައި ޓީމަކާ, ރާއްޖޭގެ ޗެމްޕިއަން އެންމެފަހުން ބޭއްވި ލީގު ކަޕްގެވެސް ޗެމްޕިއަން އެހެންވީމަ މިހާރު ހަމަ އެންމެ ވަރުގަދައަށް އޮތް ޓީމް މާޒިޔާ އަކީ.
ނިމާ ބުނީ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ނިކުންނައިރު އޭނާގެ ޓީމަށް އެންމެ ރަނގަޅަށް ތައްޔާރެއް ނުވެވޭ ކަމަށެވެ. ބައެއް ކުޅުންތެރިންގެ އަނިޔާގެ މައްސަލައާ, ފިޓްނަސްގެ މައްސަލައާއެކު ޓީމް އޮތީ ވަރުބަލިކޮށް ކަމަށް ނިބާ ބުންޏެވެ. އަދި ޓީމާއެކު ޕްރެކްޓިސްކުރަންވެސް ލިބުނީ ސޯޅަ ދުވަސްކަން ނިމާ ފާހަގަކުރިއެވެ.
ރަނގަޅު ޕްރީ ސީޒަނެއް ނުހެދި މިމެޗަށް މިނިކުންނަން ޖެހެނީ, އެހެންނަމަވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް މާޒިޔާ މެޗުގައި ކުރާނެވާހަކަ ދަންނަވާލަން.
އީގަލްސްގެ ސްކޮޑަށް ބަލާއިރު ޓީމްގައި ރަނގަޅު ކުޅުންތެރިން ހިމެނެއެވެ. ފޯވާޑް ލައިންގައި އަހުމަދު ރިޒުވާން އާއި އިބްރާހީމް މަހުދީ ހުސެއިން އެވެ. އިމްރާން ނަޝީދު އާއި އިސްމާއީލް އީސާ އާއި ހިޝާމް ސަލީ އަކީވެސް ފުރަތަމަ ޑިވިޝަންގެ މޮޅު ކުޅުންތެރިންނެވެ. ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައިވީނަމަވެސް ކޯޗު ނިމާ ބުނީ އޭގެތެރެއިން ބޭނުން ކުރެވޭނީ ތިން ކުޅުންތެރިން ކަމަށެވެ.

މާޒިޔާގެ ސްޕެއިން ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނީ ފުޓްބޯޅަ ސީޒަން ފެށުމަކީ ރާއްޖޭގެ ބޯޅައަށް ވަރަށް ބޮޑު ރަނގަޅެއް ކަމަށެވެ. އޭނާ ބުނީ މާޒިޔާ އޮތީ ތައްޔާރަށް ކަމަށާއި, މޮޅު ނޫން ވިސްނުމެއް ނެތް ކަމަށެވެ. ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު އޭނާ އަތުގައި އޮތް ސްކޮޑާމެދުވެސް ހިތްހަމަ ޖެހޭކަން ކޯޗު ފާހަގަކުރިއެވެ.

ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރޭގައި ދާދިފަހުން ޓީމާ ގުޅުނު ސްޕެއިން ފޯވާޑާއި, ބިދޭސީ ކީޕަރު ހިމެނެއެވެ. އެކަމަކު ޗެރިޓީ ޝީލްޑް މެޗުގައި ސްޕެއިން ފޯވާޑް ފެނުން ދުރުކަމަށް ކޯޗު ބުންޏެވެ.
ސީޒަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅައަށް އޮތް ވަރަށް އުފާވެރި ހަބަރެއް. އަހަރެމެން ތައްޔާރުވާނީ ރަނގަޅު މެޗެއް ކުޅެން, އީގަލްސްއަށް އިހުތިރާމްކުރަން. އެކަމަކު އަހަރެމެންގެ ޒިންމާއަކީ މެޗުން މޮޅުވުން. އަހަރެމެން މިތައްޔާރުވަނީ މޮޅުވާން. އާ ކުޅުންތެރިންނަށްވެސް ފުރުޞަތު ދޭނަން.
ސީޒަން ފަށާއިރު އެންމެ ވަރުގަދަ ސްކޮޑެއް އޮތީ މާޒިޔާގައެވެ. ގައުމީ ޓީމްގެ ކުޅުންތެރިން އެންމެ ގިނައީވެސް މާޒިޔާގައެވެ. މާޒިޔާގެ ސްކޮޑަށް ބަލާއިރު ޑިފެންޑަރުން ކަމަށްވާ ސަމޫހު އަލީ އާއި ހުސައިން ޝިފާއު ޔޫސުފް އާއި ހައިޝަމް ހަސަން އާއި މިޑްފީލްޑަރ އިބްރާހީމް އައިސަމް އާއި ފޯވާޑުން ކަމަށްވާ ހަމްޒާ މުޙައްމަދު އާއި ނާއިޒު ހަސަން ފާހަގަކުރެވެއެވެ. މާޒިޔާ އަކީ ޗެރިޓީ ޝީލްޑްގެ އެންމެ ކާމިޔާބު ޓީމެވެ.
