...

ނައިބޮލި ޗެމްޕިއަންޝިޕްގެ ތަށި ހިންނަވަރަށް

566

ނައިފަރު ކައުންސިލްގެ ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހިންނަވަރު މަކާއޯ އާއި ނައިފަރު ކޭކޭ ޑީޑީ ހޯދައިފިއެވެ.

ނައިފަރުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހިންނަވަރު މަކާއޯ ސްޕޯރޓްސް ކްލަބުން ހޯދީ ފައިނަލްގައި ނައިފަރު ކޮނަހާސްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މަކާއޯ ކުރި ހޯދީ 4-3 ނެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ތެރެއިންވެސް ފުރަތަމަ ކުރި ހޯދި މަކާއޯގެ ދެ ލަނޑު ޖެހީ އަހުމަދު ޝުޖާއު އަލީ އާއި އަމާނީ ހަސަން އަބްދުالله އެވެ. ދެ ލަނޑުގެވެސް އެންމެ ބޮޑު ހިއްސާދާރަކީ ފުޓްސަލް ތަރި ހުސައިން ޝަރީފް (އޮންލީ) އެވެ. ކޮނަހާސްގެ ދެ ލަނޑު ޖެހީ އަހުމަދު އަޝްރަފް (އައްމަ) އާއި މުޙައްމަދު ވިގާމް (ފޮކްސް) އެވެ. މެޗުގައި އެންމެ ގިނަ ފުރުޞަތު ހޯދީ ކޮނަހާސް އެވެ.

ތަށި ޔަގީންވުމުން މަކާއޯ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ހުސައިން އިމްދާހު

ޕެނަލްޓީގައި މަކާއޯގެ ފުރަތަމަ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ފަހު ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. ކޮނަހާސްގެ ފުރަތަމަ ޕެނަލްޓީ އާއި ފަހު ޕެނަލްޓީ ނާކާމިޔާބުވީއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މަކާއޯގެ އޮންލީ އެވެ. ފިރިހެން ޑިވިޝަންގެ ކިންގަކީ މަކާއޯގެ މުޙައްމަދު މައުރޫފް ހުސައިން (މާއްޓޭ) އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ފިލޮޅު އެފްސީގެ ޢަލީ ހައިޒޫމް ޙައްސާން އެވެ. އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު އިބްރާހީމް ޚަލީލް އެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކޮރަކަލި އެފްސީގެ ހުސައިން ފައިސަލް, ކޮނަހާސްގެ އަހުމަދު އަޝްރަފް, ވެސްޓާރންގެ ޢަބްދުالله ރިޒާން މުޙައްމަދު, ކޮނަހާސްގެ މަޖުދާން ޞާލިހު, އަދި ދަ ބްލޫގެ ކީޕަރު މުޙައްމަދު މާނިއު އެވެ.

ފިރިހެން ޑިވިޝަންގެ ތަށި މަކާއޯ އިން ހޯދި މެޗަކުން ބަލިނުވެއެވެ.

އަންހެން ޑިވިޝަންގެ ތަށި އުފުލާލީ ކޭކޭޑީޑީ: ފޮޓޯ-ހުސައިން އިމްދާހު

މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި ކޭކޭޑީޑީ ހޯދީ ފައިނަލްގައި ޝެލޯސް އެފްސީއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު 3-3 ން އެއްވަރުވެ, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2 ން ކުރި ހޯދައިގެންނެވެ. ފުރިހަމަ ވަގުތުގެ ތެރެއިން ކޭކޭޑީޑީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އާމިނަތު ނާއިފާ އެވެ. އަނެއް ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަގްނިސް މަޓުލަޕެލްވާ އެވެ. ޝެލޯސް އެފްސީގެ ތިން ލަނޑުވެސް ޖެހީ ދިއާ ފެބްރީނާ އެވެ.

ޕެނަލްޓީގައި ޝެލޯސް އެފްސީ އަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ. ދެ ޕެނަލްޓީ ބޭރަށް އަދި އެއް ޕެނަލްޓީ މަތަކުރިއެވެ. ކޭކޭޑީޑީ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއް ޕެނަލްޓީ މަތަކުރިއެވެ. އަދި އެއް ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަދި މުބާރާތުގެ ކްއީން އަކީ ކޭކޭޑީޑީ އަށް ކުޅުނު ރާއްޖެއިން ބޭރުގެ އަގްނީސް މަޓުލަޕެލްވާ އެވެ. ރަން ބޫޓް ހޯދީ ޝެލޯސް އެފްސީގެ ދިއާ ފެބްރީނާ އެވެ.  އެންމެ އުއްމީދީ ކުޅުންތެރިއަކީ ކޭކޭޑީޑީގެ އާމިނަތު ނާއިފާއެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅުނ ކޯޗަކީ ތަށި ހޯދައިދިނިން ހަމްދާން ޞާލިހުއެވެ.

ތަށި ޔަގީންވުމުން ކޭކޭޑީޑީ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ހުސައިން އިމްދާހު

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ނައިފަރު ޗެލްސީގެ މައީޝާ ޢަބްދުލް ހަންނާން އާއި ޝެލޯސް އެފްސީގެ ހައްވާ ނާޒު އާއި ނައިފަރު ޗެލްސީގެ ޢާއިދާ މޫސާ އާއި ޝެލޯސް އެފްސީގެ ދިއާ ފެބްރީނާ އާއި ސަފީނާޒު އިސްމާއީލް އެވެ.

މުބާރާތް ނިންމާލީ އަންނަ އަހަރުވެސް މުބާރާތް އޮންނާނެކަން އިއުލާނު ކުރަމުންނެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.