...

ވާވު ވޮލީ: ފިރިހެން ފައިނަލުގައި ކެޔޮދޫ އާއި ފެލިދޫ

787

ވ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ކެޔޮދޫ އިން ހޯދައިފިއެވެ.

ކެޔޮދޫ ފައިނަލް ޔަގީންކުރީ ލީގު ބުރުގައި އެޓީމްގެ ތިންވަނަ މެޗުގައި ސީދާ ތިން ސެޓުން ތިނަދު ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ކެޔޮދޫން ގެންދިޔައީ 25-19, 25-22 އަދި 25-16 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކެޔޮދޫގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ.

މެޗަށްފަހު ލޯންގޭ ބުނީ މެޗަށް ނިކުތީ މޮޅުވާން ކަމަށާއި, ފައިނަލްގެ ޖާގައާއެކު އުއްމީދަކީ ތަށި ހޯދުންކަމަށެވެ. ފެލިދޫއާ ދެކޮޅަށް ކުޅޭ މެޗަކީ ދެޓީމަށްވެސް އުނދަގޫވާނެ މެޗެއް ނަމަވެސް ސަޕޯޓަރުންގެ އެހީގައި ތަށި ހޯދުމުގެ އުއްމީދު އެބައޮތް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލޯންގޭ ބުންޏެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ލޯންގޭގެ އިންޓަރވިއު

މެޗު ތިނަދޫން ކުޅުނީ ސަސްޕެންޝަންގައި ހުރި އިޝާން އިބްރާހީމް (ބަޓިޝް) ނުލައެވެ. އަދި ބިދޭސީ ދެ ކުޅުންތެރިންގެ ތެރެއިން އަހުމަދު މުސްތަފާ ޚާން އަށް އަނިޔާވުމުން ތިންވަނަ ސެޓްގައި އޭނާ ބަދަލުކުރަން ޖެހުނެވެ.

ފައިނަލްގައި ވާދަކުރާނީ ކެޔޮދޫ އާއި ފެލިދޫ އެވެ. ފެލިދޫ ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. ތިންވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ފުލިދޫއާ ދެކޮޅަށް ނިކުންނަނީ ފައިނަލް ޔަގީންކޮށްގެންނެވެ. ކެޔޮދޫ ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ. ބަލިވީ ފެލިދޫއާ ވާދަކުރި މެޗުގައި 3-2 ސެޓުންނެވެ. ތިނަދޫ ތިން މެޗުގެ ތެރެއިން މޮޅުވީ ފުލިދޫ އަތުންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.