ވ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ކެޔޮދޫ ޖާގަ ހޯދައިފިއެވެ. ކެޔޮދޫ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އެއްވަނަ ޓީމްގެ ގޮތުގައެވެ.
ކެޔޮދޫ ދެވަނަ މެޗު ކާމިޔާބުކުރީ ފެލިދޫއާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-23 ން ކެޔޮދޫ ކާމިޔާބުކޮށްފައި ވަނިކޮށް, ދިގުލައިގެން ދިޔަ ދެވަނަ ސެޓް 31-29 ން ކާމިޔާބުކުރީ ފެލިދޫ އެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓް 25-20 އަދި 25-14 ން ކާމިޔާބުކޮށް ކެޔޮދޫ ފައިނަލަށް ދަތުރުކުރިއެވެ. މެޗަށްފަހު ކެޔޮދޫ ޓީމްގެ ކެޕްޓަން ފާތިމަތު ރަޒީނާ ބުނީ ތަށްޓާމެދު އުއްމީދު ބޮޑު ކަމަށެވެ. އަދި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ސަޕޯޓަރުން ކަމަށާއި, ސަޕޯޓަރުން އެގޮތުގައި ދެމިތިބުން އެދޭ ކަމަށެވެ.
ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އަންގާރަ ދުވަހު ފެލިދޫ އާއި ފުލިދޫ ވާދަކޮށް މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގައި ފެލިދޫ އާއި ތިނަދޫ ވާދަކުރި މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކޮށް, ތިންވަނަ ސެޓްވެސް ފެލިދޫ ކުރީގައި ވަނިކޮށް ރެފްރީގެ ބައެއް ނިންމުންތަކާ ހިތްހަމަ ނުޖެހި ތިނަދޫ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެން މެޗު މެދު ކަނޑާލިއެވެ. އަދި ގިނަ ވަގުތުތަކެއްގެ މަޝްވަރާއަށްފަހު މެޗު އިތުރަށް ފުރިހަމަ ނުކުރަން ތިނަދޫ ޓީމުން ނިންމުމުން ސީދާ ތިން ސެޓުން ފެލިދޫ މޮޅުވި ކަމަށް ނިންމިއެވެ. ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން ތިނަދޫ ޓީމްގެ އިޝާން މުޙައްމަދު (ބަޓިސް) އަށް ރަތްކާޑް ވެސް ދެއްކިއެވެ.
މެޗުގެ ކުޅުން މެދުކަނޑާލިއިރު ފެލިދޫ ފުރަތަމަ ދެ ސެޓް ގެންގޮސްފައި ވަނީ 25-21, 25-16 ނެވެ. އަދި މައްސަލަ ޖެހުނު ޕޮއިންޓާއެކު ތިންވަނަ ސެޓް އޮތީ 17-14 އިން ފެލިދޫ ކުރީގައެވެ.
