ރާއްޖޭގެ ވޮލީގެ އެއްވަނަ އަތޮޅު ވ.އަތޮޅު ކުޅުންތެރިން 12 އަހަރަށް ފަހު ރަށު ޖަރޒީގައި ނިކުމެ, އަތޮޅު ޗެމްޕިއަންކަން ރަށު ޓީމަށް ހޯދައިދޭން ވަރުގަދަ ރޫހެއްގައި ނިކުމެއްޖެއެވެ. ރަށު ޖަރޒީގައި ވ.އަތޮޅު ކުޅުންތެރިން އެންމެ ފަހުން ނިކުތީ 2012 ވަނަ އަހަރު އެވެ. އޭގަ ފަހުން ރަށު ޖަރޒީ ލައިގެން ކުޅޭ ފުރަތަމަ މުބާރާތަކީ މިހާރު ފެލިދޫގައި ކުރިއަށްދާ އަތޮޅު ވޮލީބޯޅަ މުބާރާތެވެ.
ރާއްޖޭގެ ފިރިހެން ގައުމީ ޓީމް ޑޮމިނޭޓް ކުރާ ވ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ކެޔޮދޫ އާއި ފެލިދޫ ވާދަކުރި މެޗު ވެގެން ދިޔައީ ރާއްޖޭގެ އެންމެ ޓޮޕް ކުޅުންތެރިންގެ ވަރުގަދަ ކުރިމަތިލުމަކަށެވެ. ދެޓީމްގެ ޓީމް ލިސްޓަށް އެކަނި ބަލާލުމުންވެސް ސިފަކުރެވިގެން ދަނީ އަދި އުއްމީދު ކުރެވެނީ ވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ވޮލީބޯޅަ މެޗެކެވެ.

ފެލިދޫ ޓީމްގެ ކެޕްޓަނަކީ ގައުމީ ޓީމްގެ އަލީ ހުޒާމް އެވެ. އެޓީމްގައި ދެން ތިބީ ގައުމީ ޓީމްގައި ދެން ހުރީވެސް ގައުމީ ޓީމްގެ ބާރު ޖެހުންތެރިޔާ ހަސަން ނިލާމް އާއި ހުސައިން ވިސާމް (ބުޅިކެ) އެވެ. މީގެތެރެއިން ބުޅިގެ ކޮނޑުގައި އޮތް ޒިންމާ ވަކިން ބޮޑެވެ. އޭނާ އަކީ ރަށު ކައުންސިލްގެ ރައީސްވެސް މެއެވެ.
ކެޔޮދޫ ޓީމަށް ބަލާއިރު އެޓީމްގެ ކެޕްޓަނަކީ މިވަގުތު އެންމެ ފޯމްގައި ހުރި ގައުމީ ޓީމްގެ ކުޅުންތެރިޔާ އާދަމް ފައިރޫޒް އެވެ. އޭނާގެ ކޮއްކޮ އަހުމަދު ފާޒިލް މިވަގުތު ގައުމީ ޓީމްގައި ނެތަސް ހަގީގަތުގައި އޭނާއަކީ ވެސް އެފެންވަރުގެ ކުޅުންތެރިއެކެވެ. ދެން ހުރީ ގައުމީ ޓީމްގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ކުޅުނު އެއް ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ކްލަބްގައި އޭނާ އަދިވެސް ފެންނަނީ ތަފާތުކޮށެވެ.
މިކުޅުންތެރިންގެ އިތުރުން ކޮންމެ ޓީމެއްގައި ބިދޭސީ ދެ ކުޅުންތެރިން ހިމެނެއެވެ. އެއީ ލަންކާ އާއި ޕާކިސްތާނު ގައުމީ ޓީމަށް ކުޅުނު ނުވަތަ ކުޅެމުންދާ ކުޅުންތެރިއެކެވެ. މިއާއެކު ފެލިދޫއާއި ކެޔޮދީ ވާދަކުރި މެޗު ވެގެން ދިޔައީ މުޅިން ތަފާތު ފެންވަރެއްގެ މެޗަކަށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ސެޓްތަކުންވެސް އެތަފާތު ފެނުނެނެވެ. މެޗު ނިމުނީ ފަސް ސެޓަށް ގޮސްގެންނެވެ. ކޮންމެ ސެޓެއް ވާދަވެރިއެވެ.
ފުރަތަމަ ސެޓް 28-26 ން ކެޔޮދޫ ހޯދާފައި ވަނިކޮށް ޖެހިގެން އައި ދެސެޓް 25-21, 25-19 ން ފެލިދޫ ގެންގޮސް ވާދަ ބޮޑުކޮށްލިއެވެ. އެކަމަކު ހަތަރުވަނަ ސެޓް 25-23 ން ކެޔޮދޫ ގެންދިއުމުން ފަސްވަނަ ސެޓަށް ދާންޖެހުނެވެ. ފެލިދޫން މެޗު ކާމިޔާބުކުރީ ފަސްވަނަ ސެޓް 15-11 ން ހޯދައިގެންނެވެ.
ދެޓީމްގެ ބެންޗްގައިވެސް ތިބީ ތަޖުރިބާ ކާރު ކޯޗުންނެވެ. ކެޔޮދޫގެ ކޯޗަކީ ގައުމީ ޓީމަށް ކުރިން ކުޅުނު މިހާރު ސިފައިންގެ ކޯޗު ޖުނެއިދު އަބްދުالله އެވެ. ފެލިދޫ ކޯޗަކީ މުޙައްމަދު ޝިހާމް އެވެ.
މެޗަށްފަހު ފެލިދޫ ކެޕްޓަން ހުޒާމް އާއި ކެޔޮދޫ ކެޕްޓަން ފައިރޫޒް ވެސް ބުނީ ފެނުނީ އުއްމީދު ކުރިވަރުގެ ކުޅުމެއް ކަމަށާއި, އުއްމީދު ކުރިވަރުގެ މެޗެއް ކަމަށެވެ.
މުބާރާތުގައި ވާދަކުރާ ފެލިދޫ އާއި ކެޔޮދޫގެ އިތުރުން ތިނަދޫ ޓީމްގައިވެސް ބިދޭސީ މޮޅު ދެ ކުޅުންތެރިންނާއެކު ބޯޅަތައް ހިއްލާލަދޭން ހުރީ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ރާއްޖެ ދުށް އެންމެ މޮޅު ސެޓަރު އިޝާން މުޙައްމަދު (ބަޓިސް) އެވެ. އަދި އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން ފުލިދޫ ޓީމްވެސް އެކުލަވާލާފައިވަނީ ބިދޭސީ މޮޅު ދެ ކުޅުންތެރިންނާއެކުއެވެ. މިކުޅުންތެރިންނާއެކު ވ.އަތޮޅު ވޮލީބޯޅަ މުބާރާތް ވެފައި ވަނީ ހަގީގަތުގައިވެސް އެންމެ ޓަފް, އެންމެ ވަރުގަދަ މެޗުތަކެއް ފެންނަ އެންމެ ވާދަވެރި މުބާރާތަށެވެ.

އަންހެން ޑިވިޝަންގައި ވާދަކުރާ ތިން ޓީމްގައިވެސް ކޮންމެ ޓީމެއްގައި ރާއްޖެއިން ބޭރުގެ މޮޅު ދެ ކުޅުންތެރިން ހިމެނެއެވެ. ލަންކާ އާއި ނޭޕާލްގެ އިތުރުން ތައިލެންޑް ކުޅުންތެރިންނެވެ. އަންހެން ޑިވިޝަންގެ ދެވަނަ މެޗު ފެލިދޫ އާއި ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފުލިދޫ އެވެ. މެޗުގެ ސެޓްތައް ފުލިދޫން ގެންދިޔައީ 25-12, 25-22 އަދި 25-19 ނެވެ.
ވޮލީގައި ވާވަކީ ހަމަ އެއްވަނަ އެވެ. ރަށްތައް މަދުވުމުން ޓީމްތައް މަދަސް މެޗުތަކުގެ ފެންވަރު މާ ތަފާތެވެ.
