ވޮލީބޯޅައިގައި ރާއްޖޭގެ އެއްވަނަ އަތޮޅަކީ ވ.އަތޮޅު ކަމާމެދު ދެބަސްވުމެއް ނެތެވެ. ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ޓޮޕް ކުޅުންތެރިން ގިނަ އަތޮޅަކީ ވ.އަތޮޅެވެ. ރަށުގެ އަދަދު މަދަސް, އަދި އާބާދީ މަދަސް ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމްގައި އެންމެ ނުފޫޒު ގަދައީވެސް ވ.އަތޮޅެވެ. އެހެންކަމުން ވ.އަތޮޅުގައި ބާއްވާ އަތޮޅު ވޮލީބޯޅަ މުބާރާތް ވާނީ އެންމެ ވަރުގަދަ ވޮލީބޯޅަ މުބާރާތަށެވެ.
ވ.އަތޮޅު ކައުންސިލުން ބާއްވާ ވާވު ވޮލީބޯޅަ މުބާރާތް ފެލިދޫގައި ވަނީ ފަށާފައެވެ. އަންހެން ޑިވިޝަންގައި ތިން ރަށް އަދި ފިރިހެން ޑިވިޝަންގައި 4 ރަށް މުބާރާތުގައި ވާދަކުރެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ އަންހެން ޑިވިޝަންގެ ފުލިދޫ އާއި ކެޔޮދޫއެވެ. ވަރަށް ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން މެޗު ކާމިޔާބުކުރީ ކެޔޮދޫ އެވެ.
މެޗުގެ ފުރަތަމަ ސެޓް 25-21 ން ކެޔޮދޫ ގެންގޮސްފައި ވަނިކޮށް ޖެހިގެން އައި ދެސެޓް 25-23, 25-23 ން ފުލިދޫ ހޯދިއެވެ. ނަމަވެސް ކެޔޮދޫން ވަނީ ހަތަރުވަނަ ސެޓް 25-23 ން ހޯދާ ފަސް ސެޓަށް މެޗު ދަންމާލާފައެވެ. ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ޖުނައިދު އަބްދުالله ގެ އިރުޝާދުގެ ދަށުން ކުޅޭ ކެޔޮދޫން ފަސް ވަނަ ސެޓް ކާމިޔާބުކުރީ 15-10 ނެވެ. މުބާރާތުގައި ފުލިދޫގެ ދެޓީމަށް އިރުޝާދު ދެނީ ގައުމީ އަންހެން ޓީމްގެ ކުރީގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ފުލިދޫގެ މައްޗަށް ކުރި ހޯދައިގެން ކާމިޔާބުކުރީ ތިނަދޫ އެވެ. ސީދާ ތިން ސެޓުން މެޗު ގެންދިޔަޔަސް ސެޓްތައް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އަލީ އަޝްރާރު (އަސްރާ) އިރުޝާދުގެ ދަށުން ތިނަދޫން މެޗުގެ ސެޓްތައް ގެންދިޔައީ 25-23, 25-22 އަދި 25-23 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ތިނަދޫ ޓީމަށް ކުޅޭ ޕާކިސްތާނުގެ އަހުމަދު މުސްތަފާ ޚާން އެވެ.
މުބާރާތުގެ ގަވާއިދު އޮތް ގޮތުން ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު ދެ ކުޅުންތެރިންނަށް ކުޅެވެއެވެ. ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ޓީމްތަކުން ހިމަނާފައިވަނީ ރާއްޖެއިން ބޭރު ކުޅުންތެރިންނެވެ. އެއްވެސް ޓީމަކުން ރަށުން ބޭރު ދިވެހި ކުޅުންތެރިއަކު ލިސްޓްގައި ހިމަނާފައި ނުވެއެވެ.
ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ ކަނޑައެޅިފައިވާ މުބާރާތް ނިމޭނީ މިމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.
