ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި މަގޫދޫ ބަލިކޮށް, ހޮޅުދޫ އެއްވަނައަށް ޖެހިލާ, ސެމީގެ ފަހު ޖާގަ ހޯދަން ޅޮއްސާއި ޔުނައިޓެޑް ކޭކޭ ގަދަ ހިފުމަށް ދާން ޖެހިއްޖެއެވެ.
ހޮޅުދޫ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީ ފައިނަލްގެ ސީދާ ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހޯދީ މެޗަށް ނިކުއިން އިރު އެއްވަނައިގައި އޮތް މަގޫދޫ އެފްސީ ގޯލްޑަން ފެލްކޮން ބަލިކޮށްގެންނެވެ. މެޗު ހޮޅުދޫން ކާމިޔާބުކުރީ 7-3 ނެވެ. މެޗުގައި ހޮޅުދޫގެ ކެޕްޓަން އަބްދުލް ވަދޫދު 4 ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ހޮޅުދޫ ޓީމްގެ މުޙައްމަދު އާއިދު ދެ ލަނޑު އަދި އަހުމަދު ހާތިމް އެއް ލަނޑު ޖެހިއެވެ.

މަގޫދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުޙައްމަދު އިރުޝާދު އެވެ. އަނެއް ލަނޑު ޖެހީ މިގުދާދު މުޙައްމަދެވެ. ލީގު ބުރުގެ ފަހު މެޗަށް ނިކުންނައިރު ހޮޅުދޫ އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. މަގޫދޫ ދެވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ. އަމިއްލަ ބާރުގައި ސީދާ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުޞަތު އޮތީ ހޮޅުދޫ އަށެވެ. އެއީ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކުޑަކަންމަތި ސްޕޯރޓްސް ބަލިކޮށްގެންނެވެ. މަގޫދޫއަށް ފައިނަލްގެ ސީދާޖާގަ ލިބޭނީ ހޮޅުދޫއަށް މޮޅުނުވެވިއްޖެ ނަމަ ޓީމް ހެލްތް ބަލިކޮށްގެންނެވެ. މަގޫދޫއާއި ހޮޅުދޫ އަށްވެސް އެންމެ ކުޑަމިނުން ސެމީ ޔަގީނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. އެއީ ޔުނައިޓެޑް ކުޑަކަންމަތި އަތުން ބަލިވެގެންނެވެ. ދެޓީމަށްވެސް މޮޅުވެގެން ފުރުޞަތު ހޯދެން އޮތް މެޗު ޔުނައިޓެޑް ކޭކޭ އިން ކާމިޔާބުކުރީ 11-6 ނެވެ. މެޗުގައި ޔުނައިޓެޑް ކޭކޭގެ މޫސާ މާހިލް މިގުދާދު ފަސް ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އިޝާމް މުޙައްމަދުވެސް ހެޓްރިކެއް ހެދިއެވެ. އަނެއް ތިން ލަނޑު ޖެހީ ހުސައިން މިބުޝާމް އާއި މުޙައްމަދު މައިޝް ބިން އަލީ އާއި އަލީ ފާއިގު އެވެ. މުޙައްމަދު މައިޝް ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އޭނާ އަކީ މުބާރާތުގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާއެވެ.
ކުޑަކަންމަތި ސްޕޯރޓްސް ކްލަބްގެ ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ އަހުމަދު މާއިޝް ރަޝީދު އެވެ. އަނެއް ދެ ލަނޑު ޖެހީ މުޙައްމަދު މަމްދޫހު އެވެ.

ޗެމްޕިއަން ޓީމް ކަޓާ ޔުނައިޓެޑް ކޭކޭ ސެމީގެ ޖާގަ ހޯދަން ނިކުންނާނީ ޅޮހީ ބޯއީސްއާ ދެކޮޅަށެވެ. ޅޮހީ ބޯއީސް ވަނީ 8-1 ން ޓީމް ހެލްތް ބަލިކޮށްފައެވެ. މެޗުގައި ޅޮހީގެ މުޙައްމަދު ޔައީޝް ތިން ލަނޑު ޖެހިއެވެ. އަދި އަލީ އަކްޝަމް އާއި ޔޫސުފް ޠާރިޝް, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑަކީ އަކްޝަމް ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގައި ޖެހި, ކީޕަރު ގައިގަ ޖެހިފަ ވަން ބޯޅައެކެވެ. ޓީމް ހެލްތުގެ ހަމައެކަނި ލަނޑު ޖެހީ ރައުފަތު އަބޫބަކުރެވެ. ޅޮހި ވަނީ ހަތަރު މެޗުން 7 ޕޮއިންޓް ހޯދާފައެވެ. ޔުނައިޓެޑް ކޭކޭ އަށް ހަތަރު މެޗުން ލިބެނީ 6 ޕޮއިންޓެވެ. މިދެޓީމް ވާދަކުރާ މެޗު އެއްވަރުވެއްޖެ ނަމަ ސެމީގެ ޖާގަ ލިބޭނީ ޅޮއްސަށެވެ. ޔުނައިޓެޑް ކޭކޭ އަށް އޮތީ މޮޅުވުމެވެ. ފައިނަލްގެ ސީދާ ޖާގަ ލިބެނީ ލީގު ބުރުގެ އެއްވަނަ ޓީމަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމް ވާދަކުރާ ސެމީފައިނަލުން މޮޅުވާ ޓީމަށެވެ.
