ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބުން ފުރަތަމަ މޮޅާއެކު އުއްމީދު ހޯދައިފިއެވެ.
ފުރަތަމަ ދެ މެޗުން ބަލިވެ, މާޔޫސްވެފައި އޮތް ކުޑަކަންމަތި ސްޕޯރޓްސް ކްލަބުން އުއްމީދެއް ހޯދީ ފޮއްދޫ ހެލްތް ސެންޓަރުގެ ޓީމް އަތުން މޮޅެއް ހޯދައިގެންނެވެ. މެޗު ކުޑަކަންމަތި ސްޕޯރޓްސް ކްލަބުން ކާމިޔާބުކުރީ 5-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޖެހުނީ އެއް ލަނޑެވެ. ފުރަތަމަ ދެ ލަނޑު ދެ ހާފްގައި ޖަހައިދިނީ މުޙައްމަދު މަމްދޫހު އެވެ. ތިންވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު މާއިޝް ރަޝީދު އެވެ. ފަހު ލަނޑު ފަހު ވަގުތު ޖެހީ ކެޕްޓަން އަހުމަދު ހަމީމް އެވެ. ހެލްތް ސެންޓަރުގެ ހަމައެކަނި ލަނޑު ޖެހީ ރައުފަތު އަބޫބަކުރެވެ.

މިމޮޅާއެކު ކުޑަކަންމަތި ސްޕޯރޓްސް ކްލަބް އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ. ބާކީ އޮންނާނީ ހޮޅުދޫ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީއާ ވާދަކުރާ މެޗާއި ޔުނައިޓެޑް ކުޑަކަންމައްޗާ ވާދަކުރާ މެޗެވެ. އެ ދެމެޗުން މޮޅުވެގެން ސެމީގެ ފުރުޞަތު ހޯދޭނެއެވެ. އެކަމަކު ހެލްތް ސެންޓަރު ބާކީ ދެ މެޗުން މޮޅުވިޔަސް އޮތީ ހަނި ފުރުޞަތެކެވެ. އަމިއްލަ ބާރެއް ނެތެވެ. އެއްވަނައިގައި އޮތީ ތިން މެޗުންވެސް މޮޅުވެ މަގޫދޫ އެވެ. ދެވަނައިގައި އޮތީ 7 ޕޮއިންޓާއެކު ހޮޅުދޫ އެވެ.
