ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ތަފާތު ދައްކާ މަގޫދޫ އިން ތިން މެޗުންވެސް މޮޅުވެ ލީގު ބުރުގެ ގަދަ ތިނެއް ޔަގީންކޮށްފިއެވެ.
މަގޫދޫ އެފްސީ ގޯލަޑަން ފެލްކޮން ތިންވަނަ މެޗުގައި ކުރި ހޯދީ ޅޮހީ ބޯއީސްއާ ވާދަކޮށް 6-1 ނެވެ. މެޗުގެ އެންމެ ބޮޑު ތަފާތެއް ދެއްކީ ދެ ލަނޑު ޖެހި މުޙައްމަދު އިރުޝާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މީގެއިތުރުން މަގޫދޫގެ ސައުދު މުޙައްމަދު ވެސް ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ ނިހާދު މުޙައްމަދާއި އަލީ ޝާހިދު މާދު އެވެ. ޅޮހީ ބޯއީސްގެ ހަމައެކަނި ލަނޑު ޖެހީ އަލީ އަކްޝަމް އެވެ.

މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ މަގޫދޫ އޮތީ 9 ޕޮއިންޓާއެކު އެއްވަނައިގައެވެ. ހަ ޓީމް ވާދަކުރާ މުބާރާތުގެ ލީގު ބުރުގެ ގަދަ ތިނެއް އެޓީމަށް ޔަގީނެވެ. މުބާރާތުގެ ފޯމެޓް އޮތް ގޮތުން ލީގު ބުރުގެ އެއްވަނަ ޓީމަށް ފައިނަލްގެ ސީދާ ޖާގަ ލިބޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގުބުރުގެ ދެވަނަ އަދި ތިންވަނަ ވާދަކުރާ ސެމީފައިނަލުން މޮޅުވާ ޓީމަކަށެވެ.

ދެވަނައިގައި އޮތީ ތިން މެޗުން 7 ޕޮއިންޓް ހޯދާފައިވާ ހޮޅުދޫ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީ އެވެ. އެޓީމުން ވަނި ތިންވަނަ މެޗުގައި 3-1 ން ޔުނައިޓެޑް ކުޑަކަންމަތި ބަލިކޮށްފައެވެ. ހޮޅުދޫގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން ޝައްފާހު އެވެ. އަނެއް ލަނޑު ޖެހީ އަލީ ރަޒީން އެވެ. މެޗުގައި އޭނާއަށް ރަތް ކާޑެއްވެސް ދެއްކިއެވެ. އެއީ މުބާރާތުގެ ފުރަތަމަ ރަތް ކާޑެވެ. ޔުނައިޓެޑް ކުޑަކަންމަތީގެ ހަމައެކަނި ލަނޑު ޖެހީ އިޝާމް މުޙައްމަދެވެ.
މުބާރާތުގައި ހޯމަ ދުވަހުގެރޭވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ފޮއްދޫގެ ދެޓީމް ކަމަށްވާ ޓީމް ހެލްތާއި ކުޑަކަންމަތި ސްޕޯރޓްސް ކްލަބެވެ. ދެވަނަ މެޗުގައި ވާދަކުރާނީ މަގޫދޫ އާއި ހޮޅުދޫ އެވެ.
