...

މަގޫދު މޮޅު, ހޮޅުދޫ އާއި ޅޮހި އެއްވަރު

443

ފޮއްދޫ ކައުންސިލްގެ ހަ ވަނަ ފުޓްސަލް މުބާރާތުގައި މަގޫދޫ އިން އެންމެ ފަހުގެ ޗެމްޕިއަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބް އަތުން މޮޅުވެ, ހޮޅުދޫ އާއި ޅޮހި އެއްވަރުވުމުން ފޮއްދޫގެ ޓީމްތަކަށް ޕްރެޝަރު ބޮޑުވެއްޖެއެވެ.

ފޮއްދޫގެ ތިން ޓީމާއެކު ހަ ޓީމް ވާދަކުރާ މުބާރާތުގެ އެންމެ ކުރީގައި މިހާރު އޮތީ ފޮއްދޫ އަށް ނިސްބަތްނުވާ ތިން ޓީމެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު އެއްވަނައިގައި އޮތީ އާބާދީ އެންމެ މަދު ރަށް މަގޫދޫ އެވެ. މަގޫދޫ އެފްސީ ގޯލަޑަން ފެލްކޮން އެއްވަނައިގައި އޮތީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދެވަނަ މެޗުގައި 7-5 ން ބަލިކުރީ އެންމެ ފަހުގެ ޗެމްޕިއަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބެވެ. މެޗުގައި މަގޫދޫގެ 7 ލަނޑުގެ ތެރެއިން 5 ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ސައުދު މުޙައްމަދެވެ. ފުރަތަމަ ދެ ލަނޑު ޖެހީ މުޙައްމަދު އިރުޝާދު އެވެ. ކުޑަކަންމަތީގެ ފަސް ލަނޑުގެ ތެރެއިން އަހުމަދު މާއިޝް ރަޝީދު އާއި އަހުމަދު ހަމީމް ކުރެ, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ މުޙައްމަދު މަމްދޫހު އެވެ.

ހޮޅުދޫގެ ލަނޑުތައް ޖެހީ އާއިދު އާއި ވަދޫދު: ފޮޓޯ-ކްލިކް ގްރަފީ

ދެވަނައިގައި އޮތީ ހޮޅުދޫ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީ އެވެ. އަދި ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ ޅޮހީ ބޯއީޒް އެވެ. އެދެޓީމްވެސް އޮތީ 4 ޕޮއިންޓާއެކުއެވެ. އެދެޓީމް އެއް ޓީމް އަނެއް ޓީމާ ވާދަކުރި މެޗު ނިމުނީ 3-3 ން އެއްވަރު ވެގެންނެވެ. ޅޮހީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަލީ އަކްޝަމް އެވެ. އަނެއް ލަނޑު ޖެހީ ހަސަން ޖަލީލް އެވެ. ހޮޅުދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އާއިދު އެވެ. އަނެއް ލަނޑު ޖެހީ އަބްދުލް ވަދޫދު އެވެ.

ޅޮހީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހި އަކްޝަމް: ފޮޓޯ-ކްލިކް ގްރަފީ

ތާވަލްގެ ހަތަރު ވަނައިގައި އޮތީ ޔުނައިޓެޑް ކުޑަ މަންމައްޗެވެ. އެޓީމް ހަތަރު ވަނައިގައި އޮތީ ދެވަނަ މެޗުގައި ޓީމް ހެލްތް ބަލިކޮށްގެންނެވެ. މެޗު ޔުނައިޓެޑް ކޭކޭ އިން ކާމިޔާބުކުރީ 4-2 ނެވެ. ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މޫސާ މާހިލް މިގުދާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަނެއް ލަނޑު ޖެހީ ހުސައިން މިބުޝާމް އެވެ. ޓީމް ހެލްތްގެ ހަމައެކަނި ލަނޑު ޕެނަލްޓީ އަކުން ޖެހީ ރައުފަތު އަބޫ ބަކުރެވެ.

ޔުނައިޓެޑް ކޭކޭ ވަނީ ފުރަތަމަ މޮޅު ހޯދާފަ: ފޮޓޯ-ކްލިކް ގްރަފީ

ދެ މެޗުން ޕޮއިންޓެއް ނުލިބި އޮތީ ކުޑަކަންމަތި ސްޕޯރޓްސް ކްލަބާއި ޓީމް ހެލްތެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.