އާބާދީ މަދު ނ.ފޮއްދޫ އެއަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލި ފުޓްސަލް މުބާރާތް ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
މިދިޔަ އަހަރު ރަށު ޓީމްތަކުގެ އިތުރުން އަވަށްޓެރި ވެލިދޫ އަށް ދައުވަތު ދީގެން ބޭއްވި މުބާރާތަށްފަހު މިއަހަރު މުބާރާތް މުޅި އަތޮޅަށް ހުޅުވާލިއެވެ. މުބާރާތުގައި އަވަށްޓެރި ތިން ރަށަކުން ބައިވެރިވިއެވެ. އެއީ ހޮޅުދޫ އާއި މަގޫދޫގެ އިތުރުން ޅޮއްސެވެ. މީގެއިތުރުން ފޮއްދޫގެ ތިން ޓީމެވެ.
ހަ ޓީމާއެކު މުބާރާތުގައި ކުޅޭނީ ލީގު ބުރެކެވެ. ލީގު ބުރުން އެއްވަނަ ހޯދާ ޓީމަށް ފައިނަލްގެ ސީދާ ޖާގަ ލިބޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިން ވަނަ ޓީމް ވާދަކުރާ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މިއަހަރުގެ މުބާރާތް ބޮޑު ވަނީ އިނާމް ފައިސާގެ އިތުރުން ރަށުން ބެރުން ބައިވެރިވި ޓީމްތަކުގެ އަދަދުންނެވެ. އަދި މުބާރާތުގެ އިންތިޒާމްތަކުންނެވެ. ފޮއްދޫ ކައުންސިލްގެ ނައިބުރައީސް އަހުމަދު އިމްރާހު ވިދާޅުވީ މުބާރާތުގެ އެންމެ ބޮޑު ތަފާތަކީ ރަށުން ބޭރުން ޓީމްތައް ވާދަކުރުން ކަމަށެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ފެއަރޕްލޭ ޓީމަށްވެސް 10,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މުބާރާތަށް އެންމެ ބޮޑު ސަޕޯޓެއް ދެއްވާ, މެއިން ސްޕޮންސަރެއްގެ ގޮތުގައިވެސް އެހީތެރިވަނީ ދޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް އެވެ. އެކަން ފޮއްދޫ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ފޮއްދޫ ކުޑަކަންމަތި ސްޕޯރޓްސް ކްލަބެވެ.
މުބާރާތް ކުރިއަށްދާނީ އޮގަސްޓް 1-10 އަށް ފޮއްދޫ ފުޓްސަލް ދަނޑުގައެވެ.
