ފާއިތުވި ފަސް އަހަރު އުމްރާނީ ތަރައްޤީގައި އެންމެ ބޮޑު ބަދަލެއް އައި އެއް ރަށަކަށް ހަމަޔަގީނުންވެސް ވާނީ ށ.އަތޮޅު މިލަންދޫ އެވެ. އެރަށުގެ މަލަމައްޗާއެކު މުޅި ރަށުން ފެންނަ ބޮޑު ބަދަލު ސޯޝަލް މީޑިޔާގެ މަންސަތަކުން ފުރާލިއެވެ. އެތައް ބައެއްގެ މަގްބޫލް ރަށަކަށް އެރަށް ވިއެވެ. އެރަށަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން އެތައް ބަޔަކު ފާޅުކުރިއެވެ.
އެރަށުގެ އުމްރާނީ ތަރައްޤީގައި ސަރުކާރުން ގެނައި ބޮޑު ބަދަލާއެކު ރަށު ކައުންސިލުން ކުރި މަސައްކަތްތައްވެސް ހަގީގަތުގައި ފާހަގަކުރަން ޖެހެއެވެ. މިލަންދޫ ސަރުދާރު މައިޒާނަކީ އޭގެ ހެއްކެކެވެ. އެކަމަކު މުޅިރަށުން ފެންނަ އެންމެ ބޮޑު ބަދަލަކީ ރަށުގެ މަގުތަކުގައި ތާރު އަޅައިގެން ގެނެސްފައިވާ ބޮޑު ބަދަލެވެ. އެބަދަލާމެދު ގަޔާނުވާ ބަޔަކުވެސް ސޯޝަލް މީޑިޔާގެ ތެރެއިން ފާހަގަވިއެވެ. އެއީ މަގުތަކުގައި ތާރު އެޅުމުންނެވެ. ގަސްތައް ކެނޑުމުންނެވެ.

އެކަމަކު މިހާރު މިލަންދޫން ފެންނަނީ ޒަމާނީ ތަރައްޤީގެ ތަސްއްވަރެކެވެ. އެތަރައްޤީއަށް ބަދަލުވުމަށް ގަސް ކެނޑިއެވެ. ބަދަލުގައި ވަކި ތަރުތީބަކުން ގަސްތައް އިންދާ ހައްދަމުންދާ ތަން މިހާރު ހުރީ ފެންނާށެވެ. މަގުގެ ދެފަރާތާއި ބައެއް މަގުތަކުގެ މެދުގައިވެސް ތަރުތީބު ތަފާތު ވައްތަރުގެ ގަސްތައް އިންދާ ހައްދަން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ހަގީގަތުގައި މިހުރިހާ ވާހަކައެއް ދެއްކުމުގެ ބޭނުމަކީ މިލަންދޫގެ ތަރައްޤީގެ ވާހަކަ ދެއްކުމެއް ނޫނެވެ. އެރަށުގެ ތަރައްޤީން ފެނުނު އެންމެ ބޮޑު ބަދަލުގެ ވާހަކަ ދެއްކުމެވެ. އެވާހަކަ ހުލާސާކޮށް ކިޔައިދޭނީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ހިންގާ ސެކެޓްރީ މުޙައްމަދު ސައްދާމްއެވެ. އޭނާ އެވާހަކަ ކިޔައިދިނީ ހަވީރެއްގެ ވަގުތު އެރަށުގެ މަގުތަކުގައި ހިނގުމަށްފަހު އެތަޖުރިބާގެ އަލީގައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް, ގޮނޑީގައި އުޅޭ ފަރާތްތަކަށް, ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް މިރަށުގެ މަގުތަކުގައި ހިނގާފަ އުޅެވިދާނެ އަމިއްލައަށް. ލޯފަން ފަރާތްތަކަށް ކޭން ހިފައިގެން އުޅެވޭނެ. ގޮނޑީގައި އުޅޭ ފަރާތްތަކަށްވެސް ރޭމްޕްގައި ހަމަ ބަރާބަރަށް މަގުތައް ހުރަސް ކުރުމާއި, އެކަން ކުރެވޭނެ މިރަށުގައި. ވަރަށް އެކްސެސަބަލް މަގުތަކެއްގެ ގޮތުގައި މިރަށުގެ މަގުތައް ފާހަގަކުރެވުނީ.
ހަވީރުގެ ވަގުތު ސައްދާމްއާއި އޭނާގެ އެކުވެރިން ނިކުތީވެސް ކޭން ހިފައިގެން އިތުރު މީހެއްގެ އެހީއާ ނުލައެވެ. ފަސޭހަކަމާއެކު މަގުތަކުގައި އެކަނި ވަގުތު ހޭދަކުރިއެވެ. އެރަށާއި, އެމާހައުލަށް އެމީހުންގެ ޝައުގުވެރިކަން ދަމައިގަތެވެ. އެކަން އެމީހުން އެރަށުގައި ކުރިއަށް ގެންދިޔަ ސެޝަންގައި ފާހަގަކޮށް, އެކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.

ސައްދާމް އާއި އޭނާފަދަ ދަތުރުގެ އެހެން ބައިވެރިންނަކީވެސް މީގެކުރިންވެސް ގިނަ ރަށްތަކަކަށް ދަތުރު ކުރި މީހުންނެވެ. އޭގެތެރޭގައި މަގުތަކުގައި ތާރު އަޅާފައިވާ ރަށްތައް ހިމެނެއެވެ. އެކަމަކު މިލަންދޫ މުޅިން ތަފާތެވެ. އެފަދަ ފަހި ފަސޭހަ, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެއް އުޅޭކަން ދަނެގެން ހަދާފައިވާ އެހެން މަގުތަކެއް ނެތްކަން އެމީހުން ފާހަގަކުރިއެވެ.

އެހެންކަމުން މިލަންދޫ ފާހަގަކުރެވުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަތިން ހަނދާންކޮށް, އެމީހުންނަށްވެސް ފަހިވާގޮތަށް ތަރައްޤީ ކުރާ ނަމޫނާ ރަށެއްގެ ގޮތުގައެވެ. އެކަމަކު އެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާނެ އެހެން އެހީތެރިކަމާއި, ބައިވެރިކުރުމާއި ޝާމިލް ކުރުންވެސް އޮންނަން ޖެހެއެވެ. އެޔަގީންކަން ކައުންސިލުން ދެއްވިއެވެ. ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރު, ޚިދުމަތްތައް ދޭ އިމާރާތްތައް ބިނާކުރާއިރު ލޮލަށް ނުފެންނަ މީހުންނާއި, ގޮނޑީގައި އުޅޭ މީހުންވެސް އުޅޭނެކަން ދަނެގެން ތަރައްޤީ ކުރުމަކީ ޗޮއިސްއެއް ނޫނެވެ. އެއީ ލާޒިމް ކަމެކެވެ.
